ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެހީތަކެއް ދޭން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮރޯނާ އަކީ މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައެޅުމާ ގުޅިގެން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީ ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުންް އިންޑިއާގެ ސިއްހީ މާހިރުންނާއި ހިދުމަތްތެރިން ހިމެނޭ ހާއްސަ ޓީމެއް ރާއްޖެ ފޮނުވަން ނިންމާފައިވާ ކަމަށް އިންޑިއާއިން ބުންޏެވެ. މި ޓީމުގައި ޕަލްމޮނޮލޮޖިސްޓުންނާއި (ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން)، އެނެސްތެޓިސްޓުންނާއި (ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުން) ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންވެސް ހިމެނޭ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ހައިކޮމިޝަނުގެ ބަޔާނުގައި ބުނީ ކޮވިޑަށް ފަރުވާދިނުމަށް ބޭނުންކުރާނެ މުހިއްމު ގިނަ ބޭސްތަކެއް އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިންޑިއާ އިން މި ބޭސްތައް އެކްސްޕޯޓުކުރުން މަނާކޮށްފައިވީނަމަވެސް އިންޑިއާޔާއި ސަރުކާރާ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން މި ބޭސްތައް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ކޮރޯނާއާ ގުޅިގެން އިންޑިއާ އިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ރިއާޔަތްކޮށް، ދިވެހިންނަށް ލުއި ދޭން ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހައިކޮމިޝަނުން ބުނީ އިންޑިއާ އިން ރާއްޖެއަށް ދޭ އިންސާނިއްޔަތުކަމުގެ މިފަދަ އެހީތަކަކީ އިންޑިއާގެ ނެއިބާހޫޑް ފަސްޓް ޕޮލިސީ އާއި ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީގެ ވަރުގަދަކަމާއި ދެގައުމުގެ ދެމެދުގައިވާ ބަދަހިގުޅުން ހާމަވާ ކަމެއް ކަމަށެވެ.

ކޮވިޑާ ގުޅިގެން އިންޑިއާ އިން ވަނީ ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި ދިވެހިން އެތަނުން ނެރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެމީހުން އެތަނުންނެރެ ރާއްޖެ އައުމުގެ ކުރިން ކަރަންޓީނު މުއްދަތު ހަމަކުރީވެސް އިންޑިއާގަ އެވެ.