12 Mar 2020, 12:04
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުހާތަބު ކުރެއްވުން މިއަދު ހަވީރު 4:00 އަށް ފަސްކޮށްފި އެވެ.
ކުރިން ރައީސް ގައުމާ މުހާތަބު ކުރެއްވުން ތާވަލް ކުރީ މެންދުރު 2:00 އަށެވެ.
ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ، ރައީސް ގައުމާ މުހާތަބު ކުރެއްވުން މިހާރު ހަވީރު 4:00 އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ރައީސްގެ މިއަދުގެ ވާހަކަފުޅުގައި މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއިން ކުރަމުން އަންނަ ކަންކަމާއި އިގްތިސާދަށް ދިމާވަމުން އަންނަ ހަލާތްތަކުން އަރައިގަތުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތައް ހާމަކުރައްވާނެ ކަމަށްބެލެވެ އެވެ.
މި ހާލަތުގައި ރައީސް ސޯލިހު އާންމުންނާ މުހާތަބު ނުކުރައްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.
އެހެން ނަމަވެސް، ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް އެ ފާޑުކިޔުންތަކާ ގުޅިގެން ވިދާޅުވީ، މި ދަނޑިވަޅުގައި ކަންކަން ނިންމެވުމުގައި ރައީސް އުޅުއްވަނީ ވަރަށް އަވަދިނެތި ކަމަށާއި ދުވަހެއް ދުވަހަކަށް ކަންކަން ހިނގާ ގޮތް ބައްލަވަމުން ގެންދަވާ ލަފާދެއްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް އަށް މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެ އަންނަނީ ފަރުވާދެމުންނެވެ. އެ އެންމެންނަކީ ވެސް ރިސޯޓްތަކުން ޕޮޒިޓީވްވި ބިދޭސީންނެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ. އަދި ކޮރޯނާވައިރަސް ފެނިގެން ބަންދު ކުރި ރިސޯޓްތައް ވެސް މިހާރު ވަނީ ހުޅުވައިފަ އެވެ.