ގައުމީ އެއާލައިން މޯލްޑިވިއަންގެ ބައެއް އޮފީސްތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މޯލްޑިވިއަނުން ބުނީ ބަދަލު ގެނެސްފައިވަނީ އެ އެއާލައިންގެ ޓިކެޓް އޮފީސް، ކޯލް ސެންޓާ އަދި ވައިބާ ޕްލެޓްފޯމުން ހިދުމަތްދޭ ވަގުތުތަކަށް ކަމަށެވެ.

އަލަށް ގެނައި ބަދަލުތަކުގެ ދަށުން މޯލްޑިވިއަންގެ ޓިކެޓު އޮފީސް ރަސްމީ ދުވަސްތަކުގައި ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ފެށިގެން 15:30 އާ ހަމައަށެވެ. ނަމަވެސް ހަފްތާ ބަންދުގެ ދެ ދުވަހު ޓިކެޓު އޮފީސް ވެސް ބަންދުވާނެ އެވެ.

ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމުގެ ހިދުމަތްތައް ހުކުރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން 18:00އާ ދެމެދު ލިބޭނެ އެވެ. ހުކުރު ދުވަހު އެ ހިދުމަތްތައް ލިބޭނީ 14:00 އިން 20:00އާ ހަމައަށެވެ.

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ބުކިން ހެއްދުމުގައި އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މިދިޔަ މަހު އެ އެއާލައިނުން ވަނީ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފަ އެވެ.

ފެބްރުއަރީ 11، 2020: މޯލްޑިވިއަން އެޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހެއްދުމުގެ އިތުރުން ފްލައިޓް ޝެޑިއުލްއާއި ބެގެޖު އެލަވަންސް ބަލައިލުން ފަދަ ހިދުމަތްތައް ވެސް ހޯދޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.