12 Mar 2020, 11:27
މެލޭޝިއާގެ ކުއަލަ ލަމްޕޫރުގެ މިސްކިތަކަށް ދިޔަ މީހުންނަށް ކޮވިޑް19 ނޫނީ ކޮރޯނާވައިރަސްގެ ބިރު އޮތުމުން އެ މީހުން ސަމާލުވެ، އެކަން އަންގަން އެދެފި އެވެ.
މެލޭޝިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް، ޑރނޫރް ހިޝާމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއަލަ ލަމްޕޫރުގައި ހުންނަ ސެރީ ޕެޓަލިންގް މިސްކިތުގައި އޮތް އިޖްތިމާކް ތަބްލިގް (ދީނީ އެއްވުމަކަށް) މިދިޔަ މަހުގެ 28 އިން މިމަހުގެ އެކަކާ ދެމެދު ދިޔަ މީހުން ސަމާލުވުމަށް އެދޭ ކަމަށެވެ.
މި މުއްދަތުގައި މި ހަރަކާތަށް ދިޔަ މީހުން ލަސްނުކޮށް ސިއްހީ ހިދުމަތްދޭ ކަމާބެހޭ ވުޒާރާ އަށް އެންގުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
މި އިލްތިމާސް އާއެކު އެގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވަނީ މި މުއްދަތުގައި އެ ހަރަކާތް އޮތް މިސްކިތަށް ދިޔަ ދިވެއްސެއް ވާނަމަ ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރުމަށް އެދިފަ އެވެ. އަދި އެފަރާތަކުން މިވަގުތު ރާއްޖޭގައި ހުރިނަމަ އެކަން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށްވެސް ހައިކޮމިޝަނުން ވަނީ އެދިފަ އެވެ.
މެލޭޝިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ 129 ފެނިފައިވާއިރު، ކޮރޯނާ ޖެހިފައިވާ މީހަކާ އެއް އިމާރާތެއްގައި އުޅުމަށް ފަހު ރާއްޖެ އައި ދިވެއްސެއްގެ ކިބައިން އެ ބަލީގެ އަލާމާތްތައް ފެނިގެން އޭނާ ވަނީ ރޭ ކަރަންޓީނު ކޮށްފަ އެވެ.
މެލޭޝިއާގައި ކޮރޯނާ ވައިރަސް ބާރަށް ފެތުރެމުންދާތީ، އެގައުމުގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވަނީ މީގެ ކުރިން ވެސް ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.
މިހާތަނަށް ރާއްޖޭގެ ތިން ރިސޯޓަކުން އަށް ބިދޭސީން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ބަލި ޖެހިފަައިވާ މީހަކު އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އއ. ސޭންޑީސް ބަތަލާ އިން ދެ ފަތުރުވެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި ކުރަމަތި އައިލެންޑް ރިސޯޓުން ދެ ފަތުރުވެރިޔަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ޕޮޒިޓިވްވި އަށް މީހުންގެ ތެރެއިން ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި އުމުރުން 70 އަހަރުގެ މީހާއަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަށް މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވަނީ ވިދާޅުވެފަ އެވެ.