އަންނަ އޭޕްރިލް މަހު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ދޭ އެލަވަންސް ބޮޑުކުރަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް އިންތިހާބަށް އެ ކޮމިޝަނުން ނަގާ އޮފިޝަލުންނަށް ދޭން ނިންމާފައިވާ އެލަވަންސްގެ އަދަދު ހާމަކޮށްފަ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބަށް ނަގާ އޮފިޝަލުންނަށް ދޭނީ، 800 ރުފިޔާ އާއި 2،100 ރުފިޔާއާ ދެމެދުގެ އަދަދެއްގެ އެލަވަންސެކެވެ.

މީގެ ކުރިން އިންތިހާބީ އޮފިޝަލުންނަށް އެލަވަންސްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ދެނީ 500 ރުފިޔާ އާއި 1،800 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

އިންތިހާބަށް އޮފިޝަލުން ހޯދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށައިފަ އެވެ. މިއަދު ހެނދުނު 10:00 އިން ހަވީރު 3:00 އަށް ވެލާނާގޭ ގްރައުންޑު ފްލޯގައި އޮފިޝަލަކަށް ވުމަށް ފޯމު ފުރުން ކުރިއަށް އެބަ ގެންދެ އެވެ. އަދި މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެ މަސައްކަތް އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދަން ވެސް އީސީއިން ވަނީ ނިންމައިފަ އެވެ. އަދި އެ ގަޑިތަކުުގައި ސޯޝަލް ސެންޓަރުގައި ވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އީސީއިން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އޮފިޝަލުންނަށް ވާން އެދޭ ފަރާތްތަކުން އައިޑީކާޑު ހިފައިގެން އައުމުން އެ ކޮމިޝަނުގެ އޮފިޝަލުން ފޯމު ފުރައިދޭނެ އެވެ.

ކޮރޯނާވައިރަަސް ރާއްޖޭގައި ފެތުރިދާނެތީ އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބު ފަސް ކުރަން ބައެއް އާންމުންނާއި ސިއްހީ ދާއިރާގެ މާހިރުން ދަނީ ގޮވާލަމުންނެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ މޮނީޓަރިން ކޮމިޓީއާ މަޝްވަރާކުރުމަށްފަހު، އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހްމަދު އަކްރަމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.