ބަޣްދާދު (12 މާޗް 2020) : އިރާގުގެ އުތުރުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހަކަށް ދިން ރޮކެޓް ޙަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ދެމީހުންނާއި އެ ބޭހުގައި މަސައްކަތްކުރާ އިނގިރޭސި ރައްޔިތަކު މަރުވެއްޖެ އެވެ.

މިކަންކަށަވަރުކޮށްދެމުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ އިރާގުގެ އުތުރުގައިވާ ތާޖީ އަސްކަރީ މަރުކަޒަށް އިއްޔެ ކެޓްޔޫޝާ ރޮކެޓްތަކަކުން ދިން ޙަމަލާތަކެއްގައި ތިން މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހުންނަކީ އެމެރިކާ ސިފައިން ކަމުގަ އެވެ. ތިން ވަނަ މީހާއަކީ އެމެރިކާ ސިފައިންނަށް ޚިދްމަތްކުރުމަށްޓަކައި ކޮންޓްރަކްޓެއްގެ ދަށުން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމުގަ އެވެ. މީގެ އިތުރުން އެ ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 12 މީހުން ޒަޚަމްވި ކަމަށް ވެސް ޕެންޓަގަން އިން ނެރުނު ބަޔާނެއް ބުނެ އެވެ.

އިރާގު ސިފައިންގެ މީޑިއާއިން ވެސް ވަނީ އެގައުމުގައި އެމެރިކާ ސިފައިން މަރުކަޒުކޮށްފައިވާ ތާޖީ އަސްކަރީ ބޭހަށް ކެޓްޔޫޝާ ރޮކެޓްތަކަކުން ޙަމަލާދިންކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއީ ކޮންޖަމާއަތަކުން ދިން ޙަމަލާތަކެއްކަން ސާފުވެފައެއް ނުވެ އެވެ.

އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް މިހާތަނަށް ހަމަލާދީފައި ވަނީ އިރާގުގެ އަސްކަރީ ޖަމާއަތްތަކުންނެވެ. އެއީ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކެކެވެ. ހަތިޔާރުއެޅި އެޖަމާއަތްތަކަކީ އިރާގު ސިފައިންނާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޖަމާއަތްތަކެކެވެ. އިރާގުގައި އަސްކަރީ ގޮތުން ފައިހަރުކޮށްލައިގެން އޮތުމަށް އެމެރިކާ ކުރާ މަސައްކަތްތަކަށް އެޖަމާއަތްތަކުން ދެކޮޅު ހަދަ އެވެ. އަދި އެމެރިކާއިން އީރާނާ ކުރިމަތިލުމަށް އިރާގުގެ ބިން ބޭނުންކުރުމާދެކޮޅަށް ވެސް މި ޖަމާއަތްތަކުން އަޑުއުފުލަ އެވެ.

މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު އީރާނުގެ އިސް ޖެނެރަލެއްކަމަށްވާ ގާސިމް ސުލައިމާނީގެ އިރާގަށް ކުރެއްވި ޒިޔާރަތުގެ ތެރޭގައި އޭނާ އަވަހާރަކޮށްލުމަށް އިރާގުގެ ތެރޭގައި އެމެރިކާ ދިން ޙަމަލާތަކާ ގުޅިގެން އިރާގުގެ އަސްކަރީ ޖަމާއަތްތަކުން ވަނީ އީރާނާ ދެކޮޅަށް އެމެރިކާ ހަނގުރާމާކުރާ ހަނގުރާމައިގެ މައިދާނަކަށް އިރާގުގެ ބިން ނުހެދުމަށާ އަދި އިރާގުން ފޭބުމަށް އެމެރިކާއަށް ގޮވާލާފަ އެވެ. ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާ ދިން ޙަމަލާތަކުގައި އިރާގުގެ އަސްކަރީ ޖަމާއަތްތަކުގެ އިސް ދެ ކޮމާންޑަރަކު ވެސް މަރާލާފައިވެ އެވެ.

އެޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އިރާގުގެ ޖަމާއަތްތަކުންވަނީ ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީއަށް އެތައް ޙަމަލާތަކެއް ދީފަ އެވެ. އަދި އެމެރިކާގެ އެންބަސީގައި ހުޅުޖެހުމުގެ ފަހަތުގައި ވަނީ ވެސް އިރާގުގެ އަސްކަރީ ޖަމާއަތްތައްކަމަށް އެމެރިކާ ތުހުމަތުކުރެ އެވެ.

ސުލައިމާނީގެ މަރަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ މިދިޔަ ޖަނަވަރީ މަހު އިރާގުގައިވާ އެމެރިކާގެ އަސްކަރީ ދެ ބޭހަކަށް ބަލިސްޓިކް މިސައިލް ޙަމަލާތަކެއްދީ އެމެރިކާ ސިފައިންގެ އައްޑިހައަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފަ އެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދިން ޙަމަލާތަކަކީ ސުލައިމާނީގެ މަރަށް ދޭންބޭނުންވި ވަރަށްވުރެ ކުޑަ ރައްދެއްކަމަށް ބުނެ އީރާނުންވަނީ ސުލައިމާނީގެ މަރަށް ބަދަލުހިފާނީ ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ ސިފައިން ފައްސާލައިގެން ކަމުގެ އިންޒާރު ދީފަ އެވެ. އެއަށް ފަހު އިރާގުގެ އަސްކަރީ ޖަމާއަތްތަކުން ގެންދަނީ އިރާގުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ކުރު ރާސްތާގެ ރޮކެޓުން ޙަމަލާތައް ދެމުންނެވެ. މިފަދަ ޙަމަލާތަކުގައި މީގެކުރިން ވެސް އެމެރިކާ ސިފައިންގެ ދެ މީހުން މަރުވެފައިވެ އެވެ.

ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާ އިން އިރާގުގެ ބިން އިރާގު ސަރުކާރުގެ ހުއްދައަކާނުލައި ބޭނުންކޮށްފައިވާތީ އިރާގުގެ ޕާލަމެންޓުން ވަނީ އިރާގުގައި ތިބި އެމެރިކާ ސިފައިން ފޭބުމަށް ގޮވާލާ ގަރާރެއް މިދިޔަ ޖަނަވަރީ މަހު ފާސްކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާގުގައި އަސްކަރީ ބޭސްތައް ގާއިމް ކުރުމަށް އެމެރިކާ އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވެ، އެ ފައިސާ އަނބުރައި ދެއްކުމުން ނޫނީ އިރާގުން ނުފައިބާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުުރުމުގެ ނަމުގައި އިރާގާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ދަށުން އެމެރިކާގެ ފަސް ހާސް ސިފައިން އިރާގުގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން ދެއެވެ. (ނޫސްއެޖެންސީތައް)