11 Dec 2011, 15:40
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވާނިން ބޯޑު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކުލަވައިލައްވައިފި އެވެ.
މި ބޯޑު އެކުލަވައިލެއްވުމާ ގުޅިގެން، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރާއި ހަވާލާދީ ރައީސް އޮފީހުން ބުނެފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވާނިން ބޯޑު، ރައީސް އެކުލަވައިލެއްވީ، ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، ފުޅާކުރުމަށް ނިހާޔަތަށް ބޭނުންވެފައި ވާތީ ކަމަށެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މަތީ ތައުލީމާބެހޭ ޤައުމީ މަޖިލީހާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މަސައްކަތްތައް، އެކަންކަމަށްޓަކައި ނަތީޖާ ނެރެވޭނެ މޭރުމަކުން ވިލަރެސްކޮށް، އެ އޮތޯރިޓީގެ މަސައްކަތްތަކަކީ، ފަންނީ އަދި އިލްމީ މަސައްކަތްތަކަކަށް ހެއްދެވުމުގެ މަގު ފަހިކޮށްދެއްވުމަށް ރައީސް ބޭނުންފުޅުވާތީ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވާނިން ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ، މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން ޑރ. އަހުމަދު އަލިމަނިކެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަބްދުލްމުހުސިން މުހައްމަދާއި ސަރުކާރުގެ މަތީ ތައުލީމުދޭ މަރުކަޒުގެ މަންދޫބެއްގެ ގޮތުން، ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑޮކްޓަރު އަލީ ފަވާޒް ޝަރީފާއި، މަތީ ތައުލީމުދޭ އަމިއްލަ މަރުކަޒުތަކުގެ މަންދޫބެއްގެ ގޮތުން ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވާނިން ބޯޑުގައި އިލްމީ ތަފާތު ދާއިރާތައް ތަމްސީލު ކުރައްވާނެ ބޭފުޅުންގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ، ސިއްހީ ދާއިރާ އިން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ޗެއާޕާސަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ޝަރީއަތާއި ޤާނޫނުގެ ދާއިރާ އިން ގަލޮޅު ރަތްވިލާގޭ އަލްއުސްތާޒު މަޒްލާން ރަޝީދާއި، ފަންނީ މަސައްކަތްތެރި ކަމުގެ ތަމްރީނުގެ ދާއިރާއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހާޝިމާއި، ތައުލީމީ ފަލްސަފާ އާއި ކަރިކިއުލަމްގެ ދާއިރާ އިން މައްޗަންގޮޅީ ބޯގަންވިލާ އިބްރާހީމް އިސްމާއީލާއި މެނޭޖްމަންޓް، ބިޒްނަސް އަދި އެކައުންޓިން ދާއިރާއިން ހެންވޭރު ސޭންޑީބީޗް ޔޫޝައު ސައީދާއި އިންޖިނިއަރިން އާއި އެޕްލައިޑް ސައިންސަސްގެ ދާއިރާ އިން ގަލޮޅު ރޯޒަރީވެސްޓް އިސްމާއީލް އިބްރާހީމާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ ދާއިރާ އިން މާފަންނު ފަލްކަންގޭ މުހައްމަދު ނާސިހާއި، އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މާފަންނު ޕާކްލޭން ޑރ. އާމިނަތު ޝާފިއާ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވާނިން ބޯޑު އެކުލަވައިލެއްވުމާ ގުޅިގެން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑު، ރައީސުލްޖުމްހޫރިއްޔާ ވަނީ އުވާލައްވާފަ އެވެ.