12 Mar 2020, 09:57
ކޮރޯނާ ވައިރަސްގެ ދެ ކޭސް ފެނުމާއެކު ބަންދު ކުރި ކުރެއްދޫ އައިލެންޑް ރިސޯޓު އަލުން ހުޅުވާލާ، އެ ރިސޯޓުގައި ތިބި ގެސްޓުންނަށް ފުރޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ރާއްޖެއިން ކޮރޯނާެ ކޭހެއް އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ އިޓަލީގެ ފަތުރުވެރިއެއް އަނބުރާ ގައުމަށްގޮސް، އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެންގިފަހުން އެ ރިސޯޓުގައި ހުރި އިރު އޭނާ ބަލިވެގެން ދެއްކި ޑޮކްޓަރާއި އެ ރިސޯޓުގެ ޑައިވް ސެންޓަރުގެ މުވައްޒަފަކު ވަނީ ކޮރޯނާ އަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ކުރެއްދޫގެ އެހެން ދެ މުވައްޒަފަކުވެސް ބައްޔަށް ޕޮޒިޓިވްވެ، މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ކުރެއްދޫގެ ހާލަތާ ގުޅޭގޮތުން އެ ރިސޯތުގެ ފޭސްބުކް ޕޭޖުގައި މިއަދު ބުނީ އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރު ލުޔެއް ދީފައިވާ ކަމަށާއި އެ ރިސޯޓު އަރާ ފޭބުމަށް ހުޅުވާލާފައިވާކަމަށެވެ.
އެޗްޕީއޭގެ މުވައްޒަފުން މިހާރު ކުރެއްދޫގައި އެބަތިބިކަން ފާހަގަކޮށް އެ ރިސޯޓުން ބުނީ ރިސޯޓުގައި ތިބި ހުރިހާ ފަތުރުވެރިންގެ ހެލްތް ސްކްރީނިން ހަދަމުންދާ ކަމަށެވެ. ހެލްތް ސްކްރީނިން ނިމުމުން، ފަތުރުވެރިންގެ ސިއްހީ ހާލު ރަނަގޅުނަމަ މިއަދުން ފެށިގެން އެމީހުންނަށް ރިސޯޓުން ފުރުމުގެ ހުއްދަ ދެވޭނެ ކަމަށް ކުރެއްދޫ އިން ބުންޏެވެ.
މިމަހުގެ ހަތަކުން ފެށިގެން 11 އަށް ރިސޯޓު ބަންދުކޮށްފައި އޮތް މުއްދަތުގައި ކުރެއްދޫ ގައި ތިބި ފަތުރުވެރިންގެ ތެރެއިން ނުފުރި ތިބި ފަތުރުވެރިންނަށް އެ މީހުންގެ އިންޓަނޭޝަނަލް ފްލައިޓު ތަކަށް ބަލައި، ރިސޯޓުން ފުރޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެ ކަމަށް ކުރެއްދޫ އިން ބުންޏެވެ.
"މިވަގުތަށް، ކުންފުނިން ނިންމާފައިވަނީ ރިސޯޓު އަލުން ހުޅުވާލި ނަމަވެސް އާ ގެސްޓުން ނުގެންނަން. ވަކި ގޮތެއް ނިންމަންދެން ކުރެއްދޫ އަށް ބުކިންގްސް ހަދާފައި ތިބި ފަތުރުވެރިން ކްރައުންޑް އެންޑް ޗަމްޕާގެ އެހެން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމަށް ފުރުސަތު ދެވޭނެ. އެކަން އަޅުގަނޑުމެން ފަތުރުވެރިންނަށް އަންގާނަން،" ކުރެއްދޫ އިން ބުންޏެވެ.
ފަސް ދުވަސްވަންދެން ކުރެއްދޫ އަށް އަރާ ފޭބުން މަނާކޮށްފައި އޮތުމަށްފަހު އެ ރިސޯޓު އަލުން ހުޅުވާލަން ނިންމީ ރޭގައެވެ. ކުރެއްދޫގައި އައިސޮލޭޓުކޮށްފައި ތިބި މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ކޯޑަން ކުރުމަށްފަހު ރަށް ހުޅުވާލަން މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފައެވެ. އެ ރިސޯޓު ލޮކްޑައުން ކުރި އިރު އެތަނުގައި 699 ފަތުރުވެރިން ތިއްބެވެ.