ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ، މިހާރު ފެތުރެމުންދާ ކޮރޮނާ ނުވަތަ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.

އިޓާލިއަން ލީގުގެ ޑިފެންޑިންގް ޗެމްޕިއަން ޔުވެންޓަސްގެ ތަރި ޑެނިއަލް ރުގާނީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޮނާއަށް ޕޮސިޓިވްވެފައިވާ ކަމަށް އެކުލަބުން ވަނީ ރޭގެ ވަގުތެއްގައި ހާމަކޮށްފަ އެވެ. ރުގާނީ އެ ބައްޔަށް ޕޮސިޓިވްވި އިރު އޭނަގެ ގައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް ވެސް އެކުލަބުން ވަނީ ބުނެފަ އެވެ.

"ޔުވެންޓަސް ފުޓުބޯޅަ ކުލަބުން މިހާރު އަންނަނީ ރުގާނީއާއި ކޮންޓެކްޓިވި ހުރިހާ އެންމެން ދެނަގެނެ އެފަރާތްތައް އެކަހެރި ކުރުމާއި ޓެސްޓް ކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން." ޔުވެންޓަސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިހާރު ކުރިއަށްދާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ޔުވެންޓަސްއާއި ލިޔޮން ބައްދަލު ކުރާ މެޗަށް ބާކީ ހަ ދުވަސް އޮތް އިރު އެ ޓީމު މިވަގުތު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. ވައިރަހުގެ ސަބަބުން މުޅި އިޓަލީ ލޮކްޑައުން ކޮށްފައިވާ އިރު ޔުވެންޓަސްގައި ތިބި ބިދޭސީ ކުޅުންތެރިން ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ.

އެގޮތުން ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މިވަގުތު ހުރީ ޕޯޗުގަލްގައި ކަމުން އޭނާއަށް ވެސް ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑް މިހާރު ހަލުވި ކަމާއެކު ފެތުރެނީ ޗައިނާ އަދި އިޓަލީގައި ކަމަށްވިޔަސް ކުރިއަށް އޮތް ތަނުގައި އެހެނިހެން ގައުމުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ޖަރުމަނުގެ ޗާންސެލާ އެންޖަލާ މޭކަލް ވިދާޅުވީ އެގައުމުގެ ތިންބައިކުޅަ ދެބައި މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އިޓަލީގައި މިހާތަނަށް 10،149 މީހުނަށް ކޮރޮނާ ޖެހިފައިވާ އިރު މި ބަލީގެ ސަބަބުން 631 މީހުން ވަނީ މަރުވެފަ އެވެ. އަދި އެގައުމުގައި އެއްވެ އުޅުން މަނާކޮށްފައިވާ އިރު ކުޅިވަރުގެ ހުރިހާ ހަރަކާތެއް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.