12 Mar 2020, 06:07
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައި ތިބި މީހުން ފެނިގެން ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އަދި ކުރަމަތި ރިސޯޓަށް އަރައި ފޭބުން މަނާކުރި ކުރުން ނިމުމަކަށް ގެނެސް ތިން ރިސޯޓު ވެސް ހުޅުވާލައިފިއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ބަލި ޖެހިފައިވާ މީހަކު ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ވައިިރަހަށް ޕޮޒިޓިވް ވެފައިވާއިރު ބަތަލާ އިން ދެ ފަތުރުވެރިއަކު، ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެ އަށް މީޙުންނަކީވެސް ބިދޭސީންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު ނޫސް ބަޔާނެއްގައިި ބުނީ، ވަގުތީގޮތުން އަރާފޭބުން މަނާ ކުރި އެ ތިން ރިސޯޓު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރައްހަދެއްގައި އެކަހެރިކޮށް ބޭތިއްބުމުގެ އިންތިޒާމް އެ ރިސޯޓުތަކުގައި ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
"އެކަހެރިކޮށްފައިވާ ފަރާތްތައް އަމަލުކުރާނެ ގޮތާ ބެހޭގޮތުން އެކުލަވާލައިވާ އުސޫލުތަކާއި ޕްރޮސީޖާތަކާ އެއްގޮތަށް އެ މީހުން އަމަލު ކުރަމުންދޭތޯ ރިސޯޓުގެ މެނޭޖްމަންޓުން ބަލާ ކަށަވަރުކުރަމުންދާނެ،" އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭ އިން ބުނީ އެ ތިން ރިސޯޓު ހުޅުވި ނަމަވެސް، ބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒުކުރުމަށްް ސިއްހީ މުވައްޒަފުން ރިސޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
އަލުން ހުޅުވި ބަތަލާ ރިސޯޓުގެ މުވައްޒަފަކު ވައިރަހުގެ އަލާމާތްތައް ފެނިގެން ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ. އެ މީހާގެ ޓެސްޓުގެ ނަތީޖާ އަދި ނުލިބެއެވެ.
އޭގެ އިތުރުން، ވައިރަހަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ރާއްޖެއަށް އައި ދިވެއްސެއް ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްދާ ކަމަށްވެސް ރޭ އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.
އެޗްޕީއޭ އިން ރޭ ކުރި އިތުރު ޓްވީޓެއްގައި ބުނީ، ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަން އަކުއާ ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އޭގެ އިތުރުން ވައިރަހަށް ޓެސްޓުކުރި ސާމްޕަލްތައް ނަގާފައިވާ ފަރާތެއް ވައިރަހަށް ނެގަޓިވްވެފައިވާ ކަންވެސް އެޗްޕީއޭ އިން ރޭ ވަނީ ހާމަކޮށްފައެވެ. ފަރުކޮޅުފުށީގައި އައިސޮލޭޓްކޮށްފައިވާ އެމީހާ މިހާރު ގޭގައި އެކަހެރިކޮށް ހުރުމަށް ފޮނުވާފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް އެ މީހާކީ ކޮންތާކުގެ ދިރިއުޅުނު މީހެއް ކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.
މިހާތަނަށް ކޮރޯނާ ވައިރަސް 121 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 126,012 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 67,051 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,615 އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ކޮވިޑް-19 އަކީ "ޕެންޑަމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިއީ ކޮރޯނާ ވައިރަސްއަކާ ގުޅިގެން "ޕެންޑަމިކް" ކަނޑައެޅި ފުރަތަމަ ފަހަރެވެ.