12 Mar 2020, 01:37
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައިވާ މީހަކާ އެއް އިމާރާތެއްގައި އުޅުމަށް ފަހު ރާއްޖެ އައި ދިވެއްސެއްގެ ކިބައިން އެ ބަލީގެ އަލާމާތްތައް ފެނިގެން އޭނާ ކަރަންޓީނުކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހަކާ އެއް އިމާރާތެއްގައި އުޅެމުން އައި ދިވެއްސަކު މެލޭޝިޔާއިން މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.
އަދި އޭނާ ރާއްޖެ އައުމާ އެކު، އޭނާ ސްކްރީން ކުރިއިރު އޭނާގެ ކިބައިން އެ ބަލީގެ އަލާމާތްތައް ފެންނަން ހުރުމުން ފަރުކޮޅުފުށީގައި ހުންނަ، ސެންޓަރަށް އޭނާ ގެންގޮސް ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މެލޭޝިއާގައި ކޮރޯނާ ވައިރަސް ބާރަށް ފެތުރެމުންދާތީ، އެގައުމުގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ހަލުވި ކަމާއެކު ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އެ ގައުމުން މިހާތަނަށް 129 މީހަކަށް މިބަލި ވަނީ ޖެހިފަ އެވެ.
މިހާތަނަށް ރާއްޖޭގެ ތިން ރިސޯޓަކުން އަށް ބިދޭސީން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ބަލި ޖެހިފަައިވާ މީހަކު އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އއ. ސޭންޑީސް ބަތަލާ އިން ދެ ފަތުރުވެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި ކުރަމަތި އައިލެންޑް ރިސޯޓުން ދެ ފަތުރުވެރިޔަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ޕޮޒިޓިވްވި އަށް މީހުންގެ ތެރެއިން ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި އުމުރުން 70 އަހަރު މީހާއަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަށް މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވަނީ ވިދާޅުވެފަ އެވެ.