ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި މާލޭގައި އިއްޔެ ހަރަކާތެއް ހިންގަން ބަޔަކު މަސައްކަތް ކުރި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އަދާލަތު ޕާޓީން ފުލުހުންނަށް ހުށައަޅައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ސޮއިކުރައްވާ ފުލުސް އޮފީހަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ރާއްޖޭގައި އިސްލާމް ދީން ފިޔަވާ އެހެނިހެން ދީންތަކަށް އަޅުކަން ކުރުމުގެ މިނިވަން ކަމަށް ގޮވާލާ އިއްޔެ ކުރި މުޒާހަރާއަކީ މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލްތަކާއި ރާއްޖޭގެ ގާނޫނާއި ހިލާފަށް ހިންގާ ފައިވާ ޣައިރު ޣާނޫނީ އަމަލަކަށް ވާތީ އެކަން ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފުލުހުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށެވެ.

އަދި އެ ސިޓީގައި ބުނެފައި ވަނީ އިއްޔެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ލާދީނީ ހަރަކާތްތައް ރާއްޖޭގައި ހިންގުމަށް ގޮވާލާ މީހެއް ކަމަށްވާ ގ. ޕާކަރުގޭ ހިލްއަތު ރަޝީދު ކަމަށެވެ.

"މިޕާޓީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެއްޖިއްސުން ގުޅުން ހިންގުމަށް ގޮވާލައި، އިސްލާމް ދީނަށް އޭނާގެ ވެބްސައިޓްގައި ފާޅުގައި ފުރައްސާރަ ކުރަމުންގެންދާ ލިޔުންތެރިޔާ ގ. ޕާކަރުގޭ ހިލްއަތު ރަޝީދު،" އަދާލަތުގެ ސިޓީގައިވެ އެވެ.

އެޕާޓީން ބުނެފައި ވަނީ މިފަދަ ކަންކަމާ އަޅާނުލައި ދޫކޮށްލައިފި ނަމަ ބޮޑެތި ފަސާދަތައް ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގައި ހިންގައި އަމަންއަމާންކަން ގެއްލި ދީނީ ގޮތުން ރާއްޖޭގައި އޮތް އެއްބާތް ވަންތަ ކަމާއި ވަހުދަތު ގެއްލި މިގައުމުގައި ބޮޑުވެގެންވާ ލޭ އޮހުރުމެއް ފެށިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ އިއްޔެ އާޓިފިޝަލް ބީޗްގައި މާރާމާރީއެއް ހިނގީ ދީނީ މިނިވަން ކަމަށް ގޮވާލައި ހަރަކާތެއް ބަޔަކު ހިންގަން މަސައްކަތް ކުރުމުން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުންދާނެ ކަމަށެވެ.

އަދި ވިދާޅުވީ އެފަދަ ހަރަކާތެއް ރާއްޖޭގައި ނުހިންގޭނެ ކަމަށާއި އެއީ ރާއްޖޭގައި ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ދީނީ މިނިވަން ކަމަށް ގޮވާލައި 20 އަކަށް މީހުން އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވި މައްސަލައިގާ މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ވެސް އަދި ނުކުރާ ކަމެއް ވެސް ޝިޔާމު ކަށަވަރުކޮށެއް ނުދެއްވަ އެވެ. ވިދާޅުވީ "މިހާރު އެކަން އިތުރަށް ބަލަމުންދާ ކަމަށާއި އެކަމާ ގުޅިގެން ބަޔަކު ހައްޔަރުކުރަން ޖެހޭ ނަމަ ހައްޔަރުކޮށް، އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅަމުންދާނެ" ކަމަށެވެ.