12 Mar 2020, 09:28
އަހްމަދު ޚާން ޑައިރެކްޓްކޮށް އުފައްދާ ފްރެންޗައިޒް ފިލްމު "ބާގީ"ގެ ހަތަރުވަނަ ބައެއްވެސް އަންނާނެކަމަށް އޭނާ ބުނެފިއެވެ.
ޑައިރެކްޓަރު ބުނީ ބާގީގެ ފްރެންޗައިޒް ދާނީ ހަމަ ބާރަށް ކުރިއަށް ކަމަށާއި އެ ފްރެންޗައިޒަކީ މީހުން ބަލާ ހިތްވާ މީހުންގެ ލޯބި ލިބިފައިވާ ފިލްމެއް ކަމަށެވެ. މިހާރު ސްކްރީނުގައި އޮތް "ބާގީ3" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އަހަރުގެ މިހާތަނަށް ނުކުތް ހުރިހާ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އޯޕަނިންއެއް ހޯދި ފިލްމަކަށް އެ ފިލްމު ވެގެން ގޮސްފައިވާއިރު ޑައިރެކްޓަރު އަހްމަދު ބުނީ ބާގީގެ ފްރެންޗައިޒެއް ކުރިއަށްދާއިރު ޓައިގާ ހިމެނުން ވަރަށް މުހިއްމު ކަމަށެވެ. އަދި އެ ފިލްމު ކުރިއަށް ގެންދާނީ ޓައިގާ އާއެކުކަމަށެވެ. ބާގީ ގެ ފްރެންޗައިސްގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ މި ފިލްމުގެ ހަތަރު ވަނަ ބައި ހަދަން ވިސްނާނަމަ އެ ފިލްމު ހަދަން ތައްޔާރަށް ހުރި ކަމަށްވެސް ޑައިރެކްޓަރު ބުންޏެވެ.
"ޓައިގާއަކީ އެކްޝަން ފިލްމުތައް ކުޅުމަށް އެއްވަނަ. އޭނާ އާ އަރާހަމަ ނުކުރެވޭނެ އެއްވެސް ތަރިއަކަށް. އޭނާ އަކީ ފުރިހަމަ ތަމްރީން ހޯދާފައި ހުރި ބަތަލެއް. މި ފިލްމުގެ ކާމިޔާބުގެ އަސްލަކީ ހަމަ ޓައިގާ،"
ޝްރައްދާ ކަޕޫރު އަންހެން ލީޑުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 17.50 ކުރޯޑުގެ އާމްދަނީއެއް ހޯދައިފަ އެވެ.
އެ ފިލްމުގައި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ. މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދިޔައީ ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ. ބާގީ 3ގައި ދިޝާގެ ވަރަށް ފޯރިގަދަ ލަވައެއް ހިމަނާފައިވެ އެވެ. އަދި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީގެ ލަވައެއް ވެސް ހިމަނަން ވަނީ ނިންމާފައެވެ.