ފިލްމު "ޒީރޯ" އަށް ފަހު، ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދާ ފިލްމު "އަތުރަންގީ ރޭ"ގެ ޝޫޓިން ފަށައި ހަލުވި ކަމާއެކު ކުރިއަށް އެބަދެއެވެ.

އަކްޝޭ ކުމާރުއާއި ސާރާ އަލީ ހާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ދެކުނުގެ އެކްޓަރު ދަނޫޝް ވެސް މި ފިލްމުން ފެނިގެންދާނެއެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ އެ ފިލްމުން ސާރާ ފެނިގެންދާނީ ޑަބަލް ރޯލުންނެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޝޫޓިންތައް ބިހާރާއި އުއްތަރު ޕްރަދޭޝްގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ބަތަލު އަކްޝޭ ކުމާރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ސޫރިޔަވަންޝީންނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ކަރީނާ ކަޕޫރާއެކު "ގުޑް ނިއުޒް"އިންނެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ސާރާ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ ވަރުން ދަވަން އާއެކު "ކޫލީ ނަންބަރު 1"އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ.