ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ މޮނީޓަރިން ކޮމިޓީއާ މަޝްވަރާކުރުމަށްފަހު، އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށްވެސް އައިސްފައިވާއިރު، މިހާތަނަށް ތިން ރިސޯޓަކުން ޖުމްލަ އަށް މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ބައެއް އާންމުން ދަނީ އިންތިހާބު ފަސްކުރުމަށް ގޮވާލަމުންނެވެ.

އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، އިންތިހާބު ފަސް ކުރުމާ ގުޅޭގޮތުން ވަރަށް އަވަހަށް މޮނިޓަރިން ކޮމިޓީއާ އެ ކޮމިޝަނުން ބައްދަލުކޮށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެ މަޝްވަރާތައްކަށްފަހު ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމަވާނީ އެކަމާ ގުޅޭ މޮނިޓަރިން ކޮމިޓީއާ ބައްދަލުކުރުމަށްފަހު، އެފަރާތްތަކުގެ ލަފައާއެކު ގާނޫނީ ގޮތުން ގެންނަޖެހޭ ބަދަލުތައް ގެންނާންނަ،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، ކޮމިޓީއާ ބައްދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ބައްދަލުވާނެ ސީދާ ވަގުތެއް އަދި ޔަގީން ނުވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ކަންކަމުގައި ގައުމީ ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްވެސް މިރޭ ބޭއްވިއެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އަކްރަމް ވިދާޅުވީ، ކުއްލި ބައްދަލުވުމުގެ މަގްސަދަކީ، އިންތިހާބު ފަސްކުރުމާ ގުޅޭ މަޝްވަރާ ކުރުމެއް ނޫން ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ބައެއް ގައުމުތަކަށް ދަތުރުތަކެއް ކުރިމަތިބެފައިވާތީވެ، ވޯޓު ފޮށި ބަހައްޓާ ގައުމުތައް ނިންމުމުގައި ދެވަނަ ވިސްނުމަކަށް ދިޔުމަށްޓަކައި ކޮމިޓީ މެމްބަރުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އެކަމާ ގުޅިގެން މާދަމާ އިތުރު ބައްދަލުވުމެއް ބާއްވާ ފައިނަލް ވެގެންދާނެ ވޯޓު ފޮށި ބަހައްޓާނެ ބޭރުގެ ގައުމުތައް،" އަކްރަމް ވިދާޅުުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމެޓީން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، އިންތިހާބު ލަސްކުރަން ޖެހޭ ފަދަ ހާލަތެއް އަދި އައިސްފައި ނުވާ ކަމަށާއި ކޮމިޝަންގެ އެއްވެސް މެމްބަރަކު ވެސް އިންތިހާބު ލަސް ކުރަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ، އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރެއް އެ ކޮމިޝަނަށް ލިބިފައިވާ ނުވާ ކަމަށާއި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ. އިންތިހާބު ފަސްކުރަން ޖެހިއްޖެ ނަމަ އިތުރަށް 30 މިލިިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބު ފަސްކުރަން ޖެހިއްޖެ ހާލަތެއްގައި އިދިކޮޅު ޕްރޮގްރެސިވްކޮންގްރެސްގެ ތާއީދު ލިބޭނެކަމަށް އެ ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ވެރިކަން ކުރާ މައި ޕާޓީގެ ރައިސް އަދި މަޖިލުސް ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ މަޖިލިސް މެމްބަރުން ވަނީ އިންތިހާބު ފަސް ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ހަ ވަނަ ދުވަހުއެވެ.