11 Mar 2020, 23:13
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވި އަށް މީހުންގެ ހާލުވެސް ރަނގަޅުކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ.
މިހާތަނަށް ރާއްޖޭގެ ތިން ރިސޯޓަކުން އަށް ބިދޭސީން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އއ. ސޭންޑީސް ބަތަލާ އިން ދެ ފަތުރުވެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި ކުރަމަތި އައިލެންޑް ރިސޯޓުން ދެ ފަތުރުވެރިޔަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ދަރުބާރު ގޭގައި ގާއިމްކޮށްފައިވާ ކޮރޯނާ ވައިރަސްގެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ޕޮޒިޓިވް އަށް ކޭސްގައި އިތުރު ތަފްސީލެއް ނެތް ކަމަށާއި އަށް މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އާންމުގޮތެއްގައި ބަލި ޖެހިގެން ހާލު ދެރަވެގެން ނުވަތަ މަރުވަނީ އުމުރުން ދުވަސްވީ މީހުންނާއި އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށި މީހުންނެވެ. ޕޮޒިޓިވްވި އަށް މީހުންގެ ތެރެއިން ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި އުމުރުން 70 އަހަރު މީހާއަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އުމުރުން ދުވަސްވީ މީހާގެ ހާލަތާ ގުޅޭގޮތުން ސުވާލު ކުރުމުން ޑރ. މޫސާ މުރާދު ވިދާޅުވީ، އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ.
"އޭނާ ސްޓޭބަލް. ނަަމަވެސް އޭނާގެ ފުއްޕާމޭގައި މައްސަލަތަކެއް ހުރުމުނާއި އުމުރުން ދުވަސްވީ މީހަކަށްވުމުން ކްރިޓިކަލް ވުމުމުގެ ފުރުސަތު ބޮޑުކަމަށްވާތީވެ، ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުުކޮށްގެން މޮނީޓާކުރަމުން މިދަނީ،" ޑރ. މުރާދު ވިދާޅުވި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ވައިރަހަށް ޕޮޒިޓިވްވި އަށް މީހުންގެ ހާލުވެސް ރަނގަޅު -- ސަން ފޮޓޯ/ އަހްމަދު ސައީދު
ނޫސްވެރިންގެ ބައްދަލުވުމުގައި އިތުުރަށް ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، މިހާތަނަށް ޖުމްލަ 82 ސާމްޕްލް ޓެސްޓުކުރުމަށް ނެގުނު އިރު، 76 ސާމްޕަލް ނެގަޓިވްވެފައިވާ ކަމަށެވެ. ނަތީޖާ ނުލިބޭ ސާމްޕްލްތަކުގެ އަދަދަކީ، ދޭކެވެ.
މީގެ އިތުރުން ވައިރަހުގެ އަލާމާތްތައް ފެނިގެން ބަތަލާގެ މުވައްޒަފަކު ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބަންގްލަދޭޝްއިން އައި ދިވެހި މީހަށް 14 ދުވަހުގެ މުއްދަތު ހަމަ ނުވާތީވެ، ވިލަވަރަށް ކަރަންޓީން ކުރުމަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.
"ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފަރުކޮޅުފުއްޓަށް ބަތަލާގެ ބިދޭސީ މުވައްޒަފަކު އެބަ ގެންދެވޭ، ސިމްޓަމެޓިކް ވީމަ [ވައިރަހުގެ އަލާމާތްތައް ފެނިގެން]. ވިލިވަރަށް އެއް ދިވެއްސެއް އެބަ ގެންދެވޭ. ވިލިވަރަށް ގެންދެވޭ ދިވެހި ފަރާތަކީ، ބަންގްލަދޭޝަށް މިދިޔަ 14 ދުވަސްތެރޭ ހުރި މީހެއް. އޭނާ ލަންކާގައި ހުރެފައި މާލެ އައީ 14 ދުވަސް ހަމަވުމުގެ ކުރިން،" މަބްރޫކު ވިދާޅުވި އެވެ.
ފަރުކޮޅުފުއްޓަށް އައިސޮލޭޝަންގައި 16 މީހަކު ތިބި އިރު، ވިލިވަރު ކަރަންޓީންގައި 13 މީހަކު އެބަތިބި ކަމަށް މަބްރޫކު ވިދާޅުވި އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވަނީ ސްކޫލްތައް ހުޅުވުން އެއް ހަފްތާއަށް ލަސްކުރަން ނިންމާފައިވާކަންވެސް އިއުލާން ކުރައްވާފަ އެވެ. އަންނަ އާދިއްތަ ދުވަހު ސްކޫލަތައް ހުޅުވުަން އޮތް ނަމަވެސް ދެން ސްކޫލްތައް ހުޅުވޭނީ މި މަހު 21 ވަނަ ދުވަހު އެވެ.
މިހާތަނަށް ކޮރޯނާ ވައިރަސް 121 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 124,910 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 67,050 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,585 އެވެ.