މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރާނާ ވައިރަސް ނުވަތަ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޑިއާއިން ޓޫރިސްޓް ވިސާ ދިނުން ހުއްޓާލަން ނިންމައިފި އެވެ.

އެގޮތަށް ވިސާ ދޫކުރުން ހުއްޓާލަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

އެހެންނަމަވެސް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، ވަޒީފާތާކާއި އަދި އެކި ޕްރޮޖެކްޓްތައް އަދި ޑިޕްލޮމެޓިކް މިޝަންތަކަށް ކުރިއެކޭވެސް އެެއްގޮތަށް ވިސާ ދޫކުރާނެކަމަށް އިންޑިއާއިން ބުންޏެވެ.

ޓޫރިސްޓް ވިސާ ދޫކުރުން ހުއްޓާލީ އަންނަ މަހު 15އާ ހަމައަށެވެ.

އިންޑިއާގައި މިހާތަނަށް 60 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެބަލި ފެނުނު ކެރެއްލާ މިހާރު އޮތީ ލޮކްޑައުންގަ އެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ ޕޭންޑެމިކްއެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން މިރޭ ވަނީ ކަނޑައަޅައިފި އެވެ. އެބަލި އީރާން އަދި އިޓަލީގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު މުޅި އިޓަލީ މިހާރު އޮތީ ލޮކްޑައުންގަ އެވެ.

ކޮވިޑް މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 100،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 4300 އެއްހާ މީހުން ވަނީ މަރުވެފަ އެވެ