ދިރާގުން ވިއްކަން ކަނޑައެޅި 912 މިލިއަން ރުފިޔާގެ 13.7 ޕަސެންޓަށްވާ، 125 މިލިއަން ރުފީޔާގެ ހިއްސާ އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝިއުއަރެންސަށް ގަނެފި އެވެ.

އެއީ ދިރާގުން ވިއްކަން ކަނޑައެޅި 11.4 މިލިއަން ހިއްސާގެ ތެރެއިން 1،562،500 ހިއްސާ އެވެ.
ބުރާސްފަތި ދުވަހުގެ ގެޒެޓުގައި އެސްޓީއޯ އިން ބުނެފައި ވަނީ އެ ކުންފުނިން ދިރާގުގެ ހިއްސާ ގަނެފައި ވަނީ އެ ކުންފުނީގެ "ސެކިއުރިޓީސް ރެގިއުލޭޝަން 2010" ގެ މާއްދާ 4 އަދި 8 ގެ ދަށުން ކަމަށެވެ.

އެސްޓީއޯގެ އިން ބުނީ ދިރާގުގެ ހިއްސާ ގަތުމަށް ނިންމާފައި ވަނީ އެސްޓީއޯ އަދި އެލައިޑްގެ ޑިރެކްޓަރުންގެ ބޯޑުން ފާއިތުވި ނޮވެމްބަރު 29 ވަނަ ދުވަހު ފާސްކޮށްގެން ކަމަށާއި އެލައިޑުން ހިއްސާގަތުމަށް ނޮވެމްބަރު 30 ވަނަ ދުވަހު ހުށަހެޅި އިރު އެސްޓީއޯ އިން ހުށަހަޅާފައި ވަނީ މިހިނގާ ޑިސެމްބަރު 4 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެސްޓީއޯ ހިއްސާވާ އެލައިޑް އިންޝިއުރެންސް އިން ގަންނަން ހުށަހަޅާފައި ވަނީ 125،000 ހިއްސާ ކަމަށާއި ނަމަވެސް އެ ކުންފުންޏަށް އެލޮޓް ކުރެވޭ ހިއްސާގެ އަދަދު އެނގޭނީ ދިރާގުން ހިއްސާ އެލޮޓް ކުރުމަށް ފަހުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނާސިރު އިބްރާހިމް މިއަދު ވިދާޅުވީ ދިރާގުން ހިއްސާ ގަތީ އެ ކުންފުނި އޮތީ އިންވެސްޓް ކުރެވޭވަރުގެ ހާލަތެއްގައިތޯ ބަލާފައި ކަމަށާއި ދިރާގުގެ ހިއްސާ ގަންނަން ނިންމީ ދިރާގަކީ ރާއްޖޭގެ އެއްމެ ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ ކުންފުންޏަށް ވާތީ އާއި ދިރާގަކީ ކުރިމަގު އަލި ކުންފުންޏަކަށް ވާތީ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ހާލަތު މިވަގުތު ރަނގަޅު. ލިކުއިޑިޓީ އެބަހުރި. ދެން އަޅުގަނޑުމެން ބެލީ މިހާރު ރާއްޖޭގެ ހާލަތާއި މުސްތަގުބަލުގައި ހިއްސާ އަށް ކުރި އިންވެސްޓްމަންޓް ޑިވެލޮޕް ކުރެވިދާނެ ތޯ،" ނާސިރު ވިދާޅުވި އެވެ.
އެސްޓީއޯ އާއި އެސްޓީއޯގެ ސަބްސިޑިއަރީ އެލައިޑް އިންޝިއުއަރެންސް ކުންފުނިން ދިރާގުގެ 13.7 ޕަސެންޓް ހިއްސާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ގަނެފައިވާ އިރު ޕެންޝަން އޮފީހުން ވެސް ވަނީ ދިރާގުން 100 މިލިއަން ރުފިޔާގެ ހިއްސާ ގަނެފަ އެވެ.

އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް އާއި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ ދިރާގުން ވިއްކަނީ ސަރުކާރުގެ 48 ޕަސެންޓްގެ ހިއްސާގެ ތެރެއިން 15 ޕަސެންޓެވެ. އެއީ 11.4 މިލިއަން ހިއްސާ އެވެ. ބާކީ އޮތް 33 ޕަސެންޓް ހިއްސާ ވެސް ވިއްކާލަން ސަރުކާރުން ބޭނުންވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ޕެންޝަން އޮފީހާއި ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ދިރާގުގެ ގިނަ އަދަދެއްގެ ހިއްސާ ގަތް އިރު، އާންމުން ދިރާގުގެ ހިއްސާ ގަން ވަރެއް އަދި އާންމެއް ނުކުރެވެ.