ސްކޫލްތައް ހުޅުވުން އެއް ހަފްތާއަށް ލަސްކުރަން ސަރުކާރުން ނިންމައިފި އެވެ. މިޓްޓާމް ބްރޭކަށް ފަހު، ސްކޫލްތައް ހުޅުވަން ނިންމާފައި އޮތީ އަންނަ އާދިއްތަ ދުވަހު އެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކާ ރާއްޖެއަށްވެސް ކޮށްފައިވާއިރު، ޑޮކްޓަރުންނާއި އަންމުން ދަނީ ސްކޫލްތައް ހުޅުވުން ފަސްކުރުމަށް ގޮވާލަމުންނެވެ.

ދަރުބާރު ގޭގައި ގާއިމްކޮށްފައިވާ ކޮރޯނާ ވައިރަސްގެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ސްޕޯކްސްޕާސަން މަބުރޫކް އަޒީޒް ވިދާޅުވީ، ސުކޫލްތައް ހުޅުވުން އެއް ހަފްތާއަށް މަޑުޖައްސާލުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

އެ ނިންމުމާއެކު ދެން ސްކޫލްތައް ހުޅުވާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

މަބުރޫކް ވިދާޅުވީ، ހާލަތަށް ބަލާ ސްކޫލްތައް ހުޅުވުން އިތުރަށް ލަސްކުރަން ޖެހޭ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށާއި މިވަގުތު އާންމުންގެ ސަލާމަތަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ވެސް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.

"މިވަގުތަށް އެއް ހަފްތާއަށް މި މަޑުޖައްސާލީ ސްކޫލްތައް ހުޅުވުން. އޭގެ ފަހުން ހާލަތަށް ބަލައި އެ ޑެޒިޝަން ވެސް ރިވައިޒްކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ،" މަބުރޫކް ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވީ، ސްކޫލް ބަންދުކުރަން ޖެހިއްޖެނަމަ އެ ހާލަތަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ސްކޫލަށް ނުގޮސް ގޭގައި ކިޔެވުމުގެ އިންތިޒާމް ހަމަޖެއްސުމާމެދު ވެސް މަޝްވަރާކޮށް ތައްޔާރީތައް ވަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގެ ތިން ރިސޯޓަކުން އަށް ބިދޭސީއަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ވައިރަސް ރާއްޖެއިން އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އއ. ސޭންޑީސް ބަތަލާ އިން ދެ ފަތުރުވެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 121 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 124,660 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 67,050 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,585 އެވެ.