12 Mar 2020, 10:05
"މަންމާ...އެކަމަކު.."މާޒިން އެއްޗެކޭ ބުނަން އުޅުނެވެ. މާޒިން އެގޮތަށް މަންމަގެ ވާހަކައަކާއި ދެކޮޅު ހެދުމުން އެންމެނަށްވެސް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. މަންމަގެ އަމުރަށް ކިޔަމަންވާ ބަސްއަހާ ދަރިއަކު އެގޮތަށް ވާހަކަދެއްކުން އާކަމަަކަށް ފެނުނީއެވެ. އަރްސަން އާއި ރާހިލް ނަމަވެސް އެންމެ ރަނގަޅެވެ.
"އަސްލު އަޅުގަނޑު ބައްޕައާއި މަންމަގެ އިއްޒަތާއި ގަދަރު ހިފަހައްޓަން މިސްކިތަށްދާން މިފެށީ. ނޫސްތަކުގައި ބައްޕައަށް ލާދީނީ ގޮވީމަ އަޅާނުލާން ހުއްޓަސް ދެރަވޭ. އެޓްލީސްޓް އެ ވަނަމުން ސަލާމަތްވެދާނެ. ޕްލަސް ނަމާދަށް ދިޔައީމަ ހިތަށް ހަމަޖެހުން ލިބޭ....." މާޒިން ބުނެލި އެވެ.
"މަންމައަށް ޕީސްފުލް ފީލިން އެއް އާދޭ ޔޯގާ ހެދީމަ. ސިކުނޑިއަށް ނިކަން ލުއިވޭ. ސްޓްރެސް ފިލުވައިލަން މިއުޒިކާއި ކަސްރަތަކީ ހަމަ ބޮޑު އެހީއެއް. އެކަމަކު މަންމަ ޒިން ދެއްކި ވާހަކައަށް ތާއީދު. ނަމާދަށް ދާންޖެހޭނެ. ހުރިހާ ކުދިން ވެސް މިސްކިތަށް ދައްޗޭ. ރައްޔިތުން ލައްވާ ރައީސަށް އަދި ރައީސްގެ ދަރިންނަށް ބަވަން މަންމަވެސް ބޭނުމެއްނުވޭ......."ސުކައިނާ މާޒިންގެ ތަށްޓަށް ވެސް ބާބެކިއު ކުކުޅުފަޔެއް ލެއްވި އެވެ. ބީފް ރިހަކޮޅެއް އަޅާލަދިނެވެ. "ސެލެޑް ކޮންމެހެންވެސް ކާންވާނެ އިނގޭ"
"ހުރިހާ އެންމެންނެއްގެ ލޯބި އެކަކަށް ވެސް ނުލިބޭނެ. ޕްރޮފެޓް މުހައްމަދުއަކީ އެންމެ މާތް އިންސާނާ. ވަން ޕޮއިންޓް އެއިޓް ބިލިއަން މުސްލިމުން ފޮލޯ ކުރާ ލީޑަރު އެކަމަކު ކިތައް މީހުންނެއް އެކަލޭގެފާނަށް ބަދުބަސްބުނޭ. ވީއިރު އަޅުގަނޑުމެންނަށް އެހެން އެއްޗެހި ގޮވީމަ އެކައްޗެއްވެސް ހިތަކަށްނާރާ......" އަރްސަން ނިކަން ހަމަޖެހިލާފައި ބުނެލި އެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ނަންފުޅު ގަންނަ ހިނދު ސަލަވާތް ކިޔަވަން ޖެހޭކަމެއް ވެސް އަރްސަންއަކަށް ރޭކާނުލި އެވެ.
"ދަރިފުޅާ، ޒިންގެ ޕޮއިންޓް ރަނގަޅު. ނަމާދުކުރުމަކީ ލިބޭނެ ހިތްހަމަޖެހުމެއް.. ބައްޕައަށް ވެސް އެކަން ތަޖުރިބާ ކުރެވޭ........" މައިމޫން ބުނުއްވި އެވެ.
""އައި ވިލް ޓްރައި ޑޭޑް. އެކަމަކު ފަތިހު ތެދުވުމަށް ވުރެ ކަންނެތްވާ އެހެން ކަމެއްނެތް. އެނެމް އަރާމުކޮށް ނިދޭގަޑި" އަރްސަން ބުނެލިއެވެ.
"ހޫމް....ޑެވިލް ވިލް ޕީ އިން ޔޯ އިއާސް އަދި ނާނާ އަޅުވާ ގަދަޔަށް ނިންދަވާލާނެ އެ ގަޑީ. ހިޕޮކްރައިޓް ހެހެ..." މާޒިން ދިމާކުރާ ކަހަލަ ރާގެއްގައި ކިޔައިލި އެވެ.
"މަމް. ކެން އައި ހޭވް ބަޓާޗިކަން ޕްލީޒް.." ރާހިލް ހުވަފެނަކަށް ގެއްލިފައި އިންގޮތަކަށް އިނުމަށްފަހު ބުނެލި އެވެ.
"ކުކީ. އާ ޔޫ އޯކޭ؟ " ޖިބްރީލް ދެލޯ ކުޑަކޮށްލަމުން ފަރުވާތެރިކަމާއެކު ބަލައިލި އެވެ. ރާހިލް ގެއްލިފައި އިނީ ކޮން ދުނިޔެއަކަށް ހެއްޔެވެ؟ ފުން ވިސްނުމެއްގައި އިންފަދައެވެ.
"އަލްހަމްދުލިﷲ.............."ރާހިލް ބުނެލިއެވެ.
"ކުކީ.................." ސުކައިނާ އަރިވެލާފައި ރާހިލްގެ މޫނަށް ބަލައިލިއިރު ލޮލުން ކަންބޮޑުވުމުގެ ކުލަވަރު ފެނިއްޖެއެވެ. މަންމައަށް ވީވަރު ފެނިފައި ރާހިލް ހޭންފެށިއެވެ.
"ޒިންއާއި ވާދައަށް ޝޭޚަކަށްވީ. ކޮޕީކެޓް...." އަރްސަން ރާހިލްގެ ބޮލުގައި ފުއްޓަތްކެއް ޖެހިއެވެ.
"ނޫނޭ. އަޅުގަނޑުގެ ބަންގާޅީ ފްރެންޑް ރުކުންގެ ފަރާތުން ދީން އުނގެނެން ފެށީ. އަދި އެންމެ ލަފުޒެއް ޕްރެކްޓިސް ކުރަން ފަށާއިރަށް ތިއްތިބެ ޖެއްސުންކުރަން ތިފެށީ. ދެން ކިހިނެއް މިކަންވާނީ. ރުކުން ވަރަށް ހާލުގައި މިހިސާބު މިސްކިތެއްގައި އުޅޭ. އޭނަ ރާއްޖެ ގެނައި ބަޔަކު އޭނަ މަގުމަތިކޮށްލީ. މީހުން ސަދަގާތަށް ދޭ އެއްޗަކުްނ ކައިގެން މިސްކިތުގައި ނިދައިގެން އެއުޅެނީ. ހީޒް ޖޮބްލެސް. އެވެސް އިންސާނުންދޯ. ފެމިލީވެސް އޮންނާނެ. އެމީހުންގެ ވެސް ހުވަފެންތަކެއްވާނެ. ދިވެހިން ކަންނެތްކަމުން އަސްލު އެއްވެސް މަސައްކަތެއްނުކޮށް އެކުދިން ލައްވާ ގޭގައި ޖެހޭހާ ކަމެއް ކުރުވައިގެން އުޅެނީ. އެކަމަކު އެވަރަށް އެއްޗެހިވެސް ގޮވާލާނެ. އެއީ. ހީވާގި މަސައްކަތްތެރި ބަޔެއް. އަޅުގަނޑު އޭނަ ހަޔާކޮށްފިން......" ރާހިލްގެ ސީރިޔަސް ވާހަކަތައް އަހަން އެންމެން ތިބީ ހިމޭންވެފައެވެ. ރާހިލްގެ އިންސާނިޔައްތުކަން މިހުރިހާ ދުވަހު ފޮރުވާފައިވީ ކޮންތާކު ހެއްޔެވެ؟ ލާނެތް ސަމާސާ ޅަކޮށް އުޅޭ ޒުވާނާ ކުއްލިއަކަށް ހަރު މީހަކަށްވެއްޖެ އެވެ. މަސައްކަތު މީހުންނަށް ހަމްދަރުދީވާން ދަސްކޮށްފި އެވެ.
"އަަހަރެމެންގެ ލިޓްލް ބްރަދާ ވާންވީ ސޯޝަލް ވޯކާއަކަށް. ހީ ހޭޒް އެމްޕަތީ އިން ހިޒް ހާޓް ފޯ ލޯވާ ކްލާސް ޕީޕަލްކަން އަދި ކިރިޔާ މިއެނގުނީ....."
"ހުރިހާ އިންސާނުން އުފަންވަނީ ސާފު ތާހިރު ރަނގަޅު ކުއްޖެއްގެ ގޮތުގައި. ޑެވިލް އަދި އެންޖެލިކް ބައި ޑިވެލޮޕްކުރުމުގެ ކެޕެބިލިޓީ އެންމެންގެ ހުންނާނެ. ކުކީ ވެސް ބަލަނީ އިންސާނިއްޔަތުކަމުގެ ބައި އިތުރުކޮށް ބައްޕައާއި މަންމަ ފަޚުރުވެރިވާފަދަ ދަރިއަކަށް ވޭތޯ ދޯ ދަރިފުޅާ........" ސުކައިނާ ހެމުން ބުނެލިއެވެ. އަދި ރާހިލްގެ ތަށްޓަށް ރިހައާއި މަހާއި ސެލެޑް އަޅާދޭންފެށިއެވެ.
"ކޮންމެވެސް ދުވަހަކުން ވާނެ. އެހެންވެ މިހާރު މިހާވަރުން ކިޔަވަނީ...."
"މުސްތަގުބަލްގެ ޓޫރިޒަމްއަށް އިންގިލާބެއް ގެނުވާނެހެން ހީވަނީ. ރާއްޖޭގެ ކަނޑުގެ އަޑީގައި ރިޒޯޓްތަކެއް އަޅާލާނީ ދޯ " އަރްސަން އެއްލޯ މަރައިލިއެވެ. "އޭރުން ތިއްތިބެވެސް ފަޚުރުވެރިވާނަން.....މިވަރަށް....."
"ނޮޕް. ކަނޑުގެ އަޑިއަށްވުރެ ހަނދުގައި ރިޒޯޓް އެޅުމުން ސަޅިވާނީ..އަޅުގަނޑު އިންޖިނޭރަކަށްވާނީ..." މާޒިން ބައިވެރިވި އެވެ.
ކެއުން ކުރިއަށް ދިޔައީ އާދައިގެ މަތިން މަޖާ އުފާވެރި މާހައުލެއްގައެވެ. ކެއުން ނިމިގެން ބޭރަށް ނިކުންނާން އައިއިރު މައިމޫން ހުންނެވީ ރާހިލްގެ ކޮނޑަށް އަތް ވައްޓަވާލައްވައިގެންނެވެ. ބައްޕައާއި ކުދިންގެ މެދުގައި އޮންނަ އެކުވެރިކަމަކީ ނަމޫނާއެކެވެ. އެހާވެސް ވަރުގަދަ ގާތް ގުޅުމެކެވެ. ޕޫލް ކޮޓަރީގައި ކުޅެން ތިބެ ހިނިގަނޑު ޖަހާލާއިރު އެންމެ އަޑުގަދައީ މައިމޫންގެއެވެ. ސުކައިނާ ޕޮޓްތަކަށް ފެންދޭން ހުރެފައި ހިނިތުންވެލިއެވެ. ކާމިޔާބު އުފާވެރި އާއިލާއެއް ބިނާކުރެވުނީތީ ފަޚުރުވެރިވިއެވެ.
***
ހިތެއް ހަސަދައިން ފޯވެއްޖެއްޔާ އެމީހާއަށް އެކަމުގެ އަސަރުވަކިން ބޮޑަށްކުރާނެއެވެ. ހިތުގެ ހަމަޖެހުން ނަގާލާނެއެވެ. މިންކާއަށްވެސް ވީ އެވަރެވެ. މިންކާއަށް އެރޭގެ ނިދިކޮޅުވެސް ޚަރާބުވިއެވެ. ފަތިސްވީ އޭނަ އަދާއާއި އަރްސަންގެ ސޯޝަލް މީޑިއާ ހާވަން އޮތްވައެވެ. ދެމީހުންގެ ފޮޓޯތަކަށް ގިނައިން ކޮމެންޓްކޮށްފައި ހުންނަނީ އަދާއެވެ. ނިކަން ލޯބިންނެވެ. އަރްސަންއަކީ އަދާގެ ބޭބީއެވެ. ޑާލިންއެވެ. ހަނީޕައިއެވެ. ހިތުގެ ވެރިޔާއެވެ. ކިންގްއެވެ. ހިތެވެ. ޕްލަމްއެވެ. އަރްސަންގެ ދެލޮލަށް ކުރާ ތައުރީފު ކޮޅަކުން ނުލައެވެ. އެއިން ކޮންމެ ޖުމްލައެއް ފެނި ދަތްތައް ބިންދައިގެންދާހާ ރުޅިއައެވެ. އަރްސަން ހިސާބަށްވުރެ ކަންނެތީއެވެ. އޭނަގެ ކޮމެންޓްތައް މަދެވެ. އެކަމަކު އެންމެ ކޮމެންޓެއް ފެނިފައިވެސް މިންކާގެ ހަށިގަނޑުން ވަރުދޫވެ ލޮލަށް ކަރުނަ އަތުވެއްޖެ އެވެ.
"އަމިއްލަ ނަސީބާ މެދު ރޯން ހުރީމަ ދެރަވާނީ ހަމަ މިންކާއަށް. އަދާއާއި އަރްސަން ބްރޭކްއަޕްއަކަށް ދާވަރު ކުރޭ.........." މިންކާ ތެދުވެ ހުއްޓުނީ ލޯގަނޑު ކުރިމަތީގަ އެވެ. ގަޔަށް ދޫ ޓީޝާޓްކޮޅަކާއި ސޯޓެކެވެ. އުނަގަނޑަށް ހިމަޔަސް އޭނަ ހުންނަނީ ޗަބީކޮށެވެ. މަންމަގެ ފަރާތުން ދޮންކުލަ ވާރުތަވިކަމީ ނަސީބެކެވެ. އިސްކޮޅުން ފަސްފޫޓު ކިރިޔާ ހަމަވީ އެވެ. މީރާ ހުންނައިރު އޭނައަށް "މެރީޑާ" ކިޔައިއުޅެ އެވެ. އޭނަގެ އިސްތަށިގަނޑު އޮންނަނީ އެގޮތަށޭ އެންމެން ކިޔުމުން ވަކިން ރުޅިއާދެ އެވެ. ތެޔޮލައި ލައި ފަންކުރަން މަސައްކަތްފަށެއް ކޮށްލެ އެވެ. އެތައް ފަހަރު އިސްތިރި ޖައްސައެވެ.
"ލޫޒާ......ހީވާގޮތެއް..އަރްސަން ކައިރީ ހުންނައިރު ޓަވަރެއް ކައިރީ ބެއާ އެއް އޮތުމެކޭ ތަފާތެއްނުވާނެ. އަދާއާއި ދެމީހުން ގުޅޭ ޖޯޑެކޭ އެންމެން އެކިޔަނީ ނު. ހުއް....." މިންކާ ހަޅޭއްލަވައިގެންފާ އިސްތަށި ބުޑުގައި ހިފާ ދަމައިގަތެވެ.
ވައިބާ ނަގާފައި އަރްސަންގެ ފޮޓޯ ބެލިތަނާ އޮޅިގެން ގުޅުނެވެ.
"ޝިޓް......." މިންކާ ލަދުން މަރުވި އެވެ. ލަދަކީ ވެސް ދުނިޔޭގައި ލައްވާފައިވާ ޖަޒުބާތެއްކަން އެނގުނެވެ. އޮޅިގެން ގުޅުމުން ވީގޮތެއް ބަލައިލަން އަރްސަން ނުގުޅުމުން ވެސް ހިތުގައި ޝަކުވާއެވެ. އެކަމަކު މިއީ އަރްސަން ނިދާފައި އޮންނަ ގަޑިކަމުން ކަން ނޭނގެ އެވެ. މިންކާ ބިރުން ހުއްޓާ ބާރަޖަހަން އުޅެނިކޮށް އަރްސަން ގުޅި އެވެ. އެރީތި އަޑު ކަންފަތުގައި ޖެހުމުން ދުނިޔެ ރަންވިފަދަ އެވެ. ކޮންފަދަ ޖާދުވީ އަޑެއްހެއްޔެވެ؟ ހިތް ދީވާނާކުރުވި އެވެ. ކަރުތެރެ ހިކުނެވެ. ޕެނިކް އެޓޭކެއްފަދައިން އެވަގުތު އެޑްރިނޭލިން މަސައްކަތްފެށި އެެވެ. އޮޓޮނޮމިކް ނާވަސް ސިސްޓަމް ހަރަކާތްތެރވިއެވެ.
"އެވީގޮތަކީ......."
"ތަފާތު ފޮޓޯއެއް ވީމަ ޗެކްކޮށްލީ ދޯ. އެ އަސްލު އަދާ ޕްރޮފައިލް ބަދަލުކުރީ.. ތި ވަރަށް ގިނަ ކުދިން ކުރާކަމެކޭ. ފޮޓޯ ބަލަން އުޅެގެން ބަސްޓްވުން ހަހަ.........." އަރްސަން ދެނެގަތެވެ. މިންކާގެ މޫނު އެވަގުތު ރަތްވެގެން އަނގުރު އަލިފާންކޮޅަކަށްވި އެވެ. "މިތާ އަދާވެސް އެބައިން. ރޭގަ ވިއްސާރަވާން ހަދައިގެން ގެއަށް ނުދެވި މިގޭގައި ތާށިވީ....ޝީޒް ހިއާ. ޓޯކް....."
މިންކާގެ ހިތުގައި އަދާއަށްޓަކާ އޮތް ލޯތްބެއް ވެއްޖެއްޔާ މުޅިން ފޮހެވިއްޖެ އެވެ. އަދާވަތްތެރިކަން ހިތުގެ ހުރިހާ ޖާގައެއް ނެގިއެވެ. ނަފްރަތާއި ރުޅިވެރިކަން އެހެން ހުރިހާ ޖަޒުބާތެއް ނެތިކޮށްލައިފި އެވެ. މުށްކެވުނު އަތުން ހިފުނީ އެނދުގެ ފަޑީގައެވެ. ދެލޯ ރަތްވެ ނާރު ހިލިއްޖެ އެވެ.
"ޗާޖްުކޮޅު ހުސްވަނީ. އެބަގުޅަން އިނގޭ....."
"ލަވް ޔޫ ސްވީޓްހާޓް.." އަދާ ބުނެލިއެވެ. މިންކާ ވަގުތުން ފޯނު ނިވާލައިފިއެވެ. އަތުކޮޅަށް އެއްލައިލުމުން ދޮރުގައި ޖެހިފައި ފޯނު މަތަވެއްޖެ އެވެ.
***
އާލިޔާ އާއި އޭނަގެ ބޮޑުބޭބެ އަޔާޒް މާމަ ގޮވައިގެން ގެއަށް ވަދެ ކޮޓަރީގެ އެނދުގައި ބޭންދި އެވެ. ބެންކޮކަށް ގޮސް މާމަގެ ޗެކަޕެއް ހައްދާލައިގެން އައުމަށް ފަހު ދަބަސްތަކުގައިވާ ހެދުންތައް އަލަމާރީގައި އަޅުވާލުމަަށް ފަހު އާލިޔާ ފާޚާނާއަށް ވަދެފައި ނުކުތްއިރު މާމަ އަނެއްކާ ވެސް ދަބަހަށް ހެދުންލާން އިނެވެ.
"މާމާ ކީއްކުރަނީ؟ "
"ފުރަން ފޮށި ތައްޔާރުކުރަނީއޭ...."
"މާމަ ހަނދާން ނެތުނީ ދޯ. ދެންމެ ރަށަށް މިއައީ......" އާލިޔާ މާމަގެ އަތުގައި ހިފަހައްޓައިލިއެވެ. އެއްކޮށް ހުދުވެފައިވާ އިސްތަށިގަނޑާއި ރޫޖެހިފައިވާ މޫނު އަދި ބޮޑު ދެލޮލާއެކު މާމަ ފެންނަލެއް ނިކަން މައުސޫމެވެ.
"އާނ އެހެންދޯ....ކޮބާ މާމަ އަލަމާރީގެ ތަޅުދަނޑި..އަޔާޒް އަލަމާރިން ވައްކަންކުރޭ އެހެންވެ. ތަޅުދަނޑި އޭނައަށް ނުފެންނަ ހިސާބެއްގައި ބާއްވަންވާނީ...." މާމަގެ ބަލީގެ ގޮތުން އެގޮތަށް އެންމެނާމެދު ޝައްކުކުރެއެވެ. ކާން ދިނަސް ކާންދޭ ކަަމަކަށްނުވެއެވެ. ހަނދާނުގެ ބައި ފޮހެވެމުން ދަނީ އެވެ. އާލިޔާ އަޔާޒު އަދި އަދުނާންއަށްވެސް އެކިފަހަރު ގޮވަނީ އެކި ނަންނަމުންނެވެ.
އާލިޔާ ތަޅުދަނޑި ގެނެސް މާމަގެ އަތަށް ލެއްވި އެވެ.
"ލައްބަ މާމާ. ދޮންބެއަށް މި ފެނިގެންނުވާނެ...ކޯނޗެއް ދޮންބެ ވަގަށް ގެންދިޔައީ؟ "
"އަތަރާއި ފައިސާއާއި މާމަ ކަރުގައި އަޅާ ފައްޓަރު ބައި.." މާމަ ނިކަން ސިއްރުން ބުނެލިލެއް މައުސޫމްކަމުން އާލިޔާގެ ހިތް ފުރި ލޮލަށް ކަރުނަ އަންނަގޮތްވި އެވެ. މާމަ އެންމެ ލޯބިވާ ދަރިއަކީ އަޔާޒުއެވެ. އެއީ މާމަގެ ހިތުގެ އެތިކޮޅެވެ. ނަމަވެސް މިބަލި ޖެހުމުން އެންމެނާއިމެދު ޝައްކުގެ ނަޒަރަކުން ބެލެނީ އެވެ. ބައެއްފަހަރު ހަދާން ހުއްޓަސް އަނެއްބައިފަހަރު އަމިއްލަ ދަރިން ވެސް ހަދާނެއް ނުހުރެ އެވެ.
އާލިޔާ ލޯގަނޑު ކުރިމަތީގައި ހުއްޓި ލޮލަށް ބަލައިލި އެވެ. މަތްﷲއަށް ހަމްދުކުރި އެވެ. ލޮލުގެ ފެނުމަކީ ކޮންފަދަ ބޮޑު ނިއުމަތެއް ހެއްޔެވެ؟ މާތްﷲ ދެއްވި ގުނާ އަދަދު ނުކުރެވޭ ފަދަ ނިއުމަތްތަކަށްޓަކާ ކިތަންމެ ގިނަފަހަރު ޝުކުރު އަދާކުރިޔަސް ނުފުދޭނެ އެވެ. ވައިރަލް ކެރަޓައިޓިސްގެ އެއްވެސް އަސަރެއްނެތި އޭނަގެ ލޯ ކުރިއެކޭ އެއްގޮތަށް ރީތިވެއްޖެ އެވެ. ދޮންތަބޭ ހުރިއިރު އަބަދު ބުނާނީ އެސްފީނާޖެހޭހާ ރީތި ލޮލެއް އޭނައަށް ލިބިފައިވާ ކަމުގައެވެ. ލޯތަކަށް ފޮރުވިގެން ހުންނައިރު އޭނަގެ މޫނު ދުށުމުގެ ނަސީބު ލިބެނީ ގާތް އެކުވެރިންނަށެވެ. އެކުދިން ހަސަދައިގެ ލޮލަކުން ބަލައެއް ނުލާނެއެވެ. އާލިޔާގެ ހިތުން ކައްސައިލީ މިންކާގެ ނަމެވެ.
***
ސުކައިނާއާއި ރާހިލް އެކީގައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނުމާ އެކު ސުކައިނާއަށް އަނގަމަތީ އަތް އަޅާލެވިއްޖެ އެވެ. ހިތްވެސް ހުއްޓުނުފަދަ އެވެ. ރާހިލްއަށް ކުރާނެ އަސަރު އެނގި ހިތަށް ބިރުވެރިކަން ވަންވަރުން ރަހިލްގެ އަތުގައި ހިފާލެވިއްޖެއެވެ. ކޮޓަރި ސާފުކުރަން ގެނައި ރުކުންއޭ ކިޔާ ޒުވާނާ ފާޜުގައި ހުރި ރާހިލް ލޯބިވާހާ ތަސްވީރުތައް ނަގާ ޑަސްބިނު ފުރާލައިފިއެވެ. ރުކުން ހުރީ ނިކަން ހެވިފަ އެވެ. މިއަށްވުރެ ހިތްގައިމު ވަޒީފާއަކާއި ރަނގަޅު މުސާރައެއް އޭނައަކަށް ނުލިބޭނެ އެވެ.
"ސާހިބާ........"
"ކޮން ސާހިބާއޭ ކިޔާކަށް. ކަލޭ ހުއްދަ ނުހޯދާ އެއްޗެހި ހަލާކުކުރަން ޖެހޭތަ؟" ސުކައިނާ ހަށަން ބަދެލިޔަސް އިއްޒަތް ހިފެހެއްޓުމުގެ ގޮތުން ރުޅި ހިންދާލައިގެން މޫނުމަތި ރީތިކޮށް ބެހެއްޓުމުގައި ކާމިޔާބު ހޯދި އެވެ. ރުކުން ބިރުން ރޫރޫ އަޅައިގަތެވެ. އޭނައަށް ރާހިލް ކީ އެއްޗެއް ދޭހަނުވެ އަތުންފައިން ގޯހެއް ހެދިެއްޖެކަން ޔަގީންވެއްޖެ އެވެ. ވާނީވެސް އެެހެންނޫންހެއްޔެވެ؟ އޭނަގެ ސާހިބު ވާހަކަދައްކަވާ އިރު ދިވެހި ބަހާއި އިނގިރޭސިބަސް މަސްހުނިކުރުމުން އޮޅުން އަރަނީއެވެ. ރުުކުން ހަރުގަނޑުން ފައިބާފައި ދެއަތް މޭގައި ޖައްސާލައިގެން އިސްޖެހިފައި ހުރީ ކުރެވުނު ކުށުގެ ހުކުމްގެ އިންތިޒާރުގައެވެ.
"އިޓްސް އޯކޭ މަމް. މަންމަގެ ރާހިލް ޒިންމާދާރު ފިރިހެނަކަށްވުމުގެ ގޮތުން އެޅި އެންމެ ފުރަތަމަ ފިޔަވަޅު މަންމައަށް ތިފެނުނީ. ދިރިއުޅުމުގައި ހުރި ކުނިބުނި ފިލުވައިލަން ޖެހޭ ހެހެ. އެހެން މީހުންގެ ފޭންއެއްގެ ގޮތުގައި އުމުރު ހޭދަކުރުމުގެ ބަދަލުގައި އެހެން މީހުން ރާހިލްގެ ފޭންއަކަށް ވާތަން ދެކެން މަންމަ ބޭނުމެއްނުވޭތަ؟ " ރާހިލް ހިނިތުންވެލަމުން ރުކުންއަށް ބޮޑުވާ އިނގިލިން އިޝާރާތްކުރި އެވެ. ރުކުންގެ މަސައްކަތް ފުރިހަމަކަމުގަ އެވެ. ވަގުތުން ރުކުން ފޮނިވެލިއެެވެ. ހަށިގަނޑު ތެދުކޮށްލި އެވެ.
ސުކައިނާ ހަމަޖެހިލި ނަމަވެސް ރުކުންއާ މެދު ހިތުގައި ނުބައި ޝައްކުތަކެއް ހިނގިއެވެ. ގޮތްނޭގޭ ދަށްފަންތީގެ މީހަކު ގެއަށް ވައްދައިގެން އުޅެނިކޮށް ނުބައި ލަނޑެއް ލިބިދާނެއެވެ. ނަމަވެސް އޭނަ އިސްކަންދިނީ ރާހިލްގެ އުފާތަކަށެވެ. ރާހިލް ގެ އަމިއްލަ ބޭނުންތަކަށް އިސްކަންދޭ މަންމައެއްގެ ގޮތުގައި ހުންނަން އޭނަ އަބަދުވެސް ހުރުމަށް ބޭނުމެވެ.
***
"ބްރޭކިން ނިއުސް.......ރިޒޯޓެއްގައި އެއްޗެއް ގޮވައިފި........" ފޯނަށް ބަލަން އޮތް ޖިބްރީލްގެ ޖުމްލައިން އަރްސަންއާއި މާޒިންގެ ސަމާލުކަން އަތުލާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ދެބެންގެ ހިތުގައި ބިރުވެރިކަން ހިނގާލީ މަންމައާއި ބައްޕަވެސް ތިބީ ރިޒޯޓެެއްގައި ބައްދަލުވުމެއްގައިކަން ހިތަށް އަރާފަ އެވެ.
"ގޯޑް ޑޭމިޓް. ދޮންބޭ........ކޮން ރިޒޯޓެއްތަ؟" އަރްސަން ޖިބްރީލްގެ އަތުން ފޯނު ޖަހައިގަތެވެ.
"އޯ ނޯ...." މާޒިންއަށް އަރްސަންގެ މޫނަށް ވެރިވި ކުލަވަރުން ހާސްވެ ވަގުތުން އިސްތަށިގަނޑު ތެރެއަށް އަތް މަހައިލެވިއްޖެ އެވެ.
"ކާމްޑައުން ޒިން. ދޭ ވިލް ބީ ސޭފް......" އަރްސަން އަމިއްލަ ނަފުސަށް ވުރެ އިސްކަން ދިނީ މާޒިންއަށެވެ. އޭނަ މާޒިންގެ ކޮނޑުގައި އަތް ބާއްވަމުން ގާތްކޮށްލީ ހިމާޔަތް ދޭފަދަ ގޮތަކަށެވެ. ދެވަނަ ނިރުބަވެރި ހާދިސާއަކާއި ކުރިމަތިލާހާ އޭނަގެ ކޮއްކޮ ވަރުގަދައެއް ނޫނެވެ. އެ ޒަޚަމްތައް އަދިވެސް ތާޒާކަންމަތީގައި އެބަހުއްޓެވެ. އަދިވެސް އެހާ ބަލިކަށިއެވެ. މިއީ ކުރީގެ ހިތްވަރުގަދަ ލާނެތް މާޒިންއެެއް ނޫނެވެ. ދިރިއުޅުމަށް އައި އިންގިލާބުން އަދި ވެސް އަރައި ނުގަނެވެ އެވެ. ޖިބްރީލް އަވަސްވެގަތީ އޭނަގެ މަންމަ ފޯނަށް ގުޅާށެެވެ. ބައެއް ނޫސްތަކުން ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ކުއްލި ޚަބަރުތައް ގެނެސްދެ އެވެ. އެކަަމަކު އެއީ ހަމައެކަނި ރާއްޖޭގައެއް ނޫނެވެ. އެހެންތަންތާ ވެސް އަވަހަށް ތާޒާ ޚަބަރުތައް ގެނެސްދޭން ހަދައިގެން އެފަދަ އޮޅުންތައް އަރައެވެ.
ނުނިމޭ