11 Dec 2011, 14:48
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަށް މަރުގެ އިންޒާރުދީ މުސްތަފާ ދިރިއުޅުއްވާ ގެއަށް ވަދެގަންނަން މަސައްކަތްކޮށް، މުސްތަފާގެ ފުޑްކްލަބަށް ގޮސް ބަޔަކު މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި މުސްތަފާގެ ފުޑް ކްލަބަށް ބަޔަކު ގޮސް އެތަނުގެ މެނޭޖަރު އަބްދުﷲ ޖަމީލުގެ ގަޔަށް އަތްލައި މާރާމާރީ ހިންގުމަށް ފަހު، މުސްތަފާ މާފަންނުގައި ދިރިއުޅުއްވާ ގޭ ކައިރިއަށް ބަޔަކު އެއްވެ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގަމުން ދިޔަ މީހުން އެ ސަރަހައްދުން ދުރަށްލުމަށް ރޭ އެ ސަރަހައްދަށް ދިޔަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި ތިން މީހަކު ހައްޔަރު ކުރުމަށް ފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"މުސްތަފާގެ ފުޑް ކްލަބަށް ގޮސް މާރާމާރީ ހިންގާ، މުސްތަފާ އަށް ބަޔަކު މަރުގެ އިންޒާރުދީ އެނާ ދިރިއުޅުއްވާ ގޭ ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ގެންދަނީ ތަހްޤީޤް ކުރަމުން،" ޝިޔާމް ވިދާޅުވި އެވެ.
މުސްތަފާ ރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާގެ ފޯނަށް އެސްއެމްއެސްކޮށް މަރުގެ އިންޒާރު ދިނުމަށް ފަހު، ފުޑް ކްލަބަށް ގޮސް އެތަނުގެ މެނޭޖަރަށް ހަމަލާދީ އޭނާ ބިންމައްޗަށް ވައްޓާލުމަށް ފަހު، އޭނާ ދިރިއުޅުއްވާ ގޭ ކައިރިއަށް ގްރޫޕް ހަދާފައި ދިޔަ މީހުންގެ ތެރޭގައި އިސްކޮށް ހުރީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާ އާއިލީ ގޮތުން ގުޅުން ހުރި މީހެއް ކަމަށެވެ.
"އަޅުގަނޑުގެ ފޯނަށް އެސްއެމްއެސްކޮށް މަރުގެ އިންޒާރުދީ ހެދުމަށް ފަހު، އަޅުގަނޑު ދިރިއުޅޭ ގެއަށް އައިސް ގޭ ތެރެއަށް ވަދެގަންނަން ބެލްއަޅާ ހެދުމުން ފުލުހުންގެ އެހީއަށް އެދުނީ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ދިރިއުޅުއްވާ ގޭކައިރީގައި ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްގެން ގެންދިއުމަށް ފަހު، އެމީހުން އެއީ ކޮން ބައެއްތޯ ވެސް ނުބަލައި ދޫކޮށްލި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، މުސްތަފާ މިއަދު ވަނީ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެސިޓީގައި ބުނެފައި ވަނީ ހައްޔަރުކުރި މީހުން ދޫކޮށްލި ސަބަބެއް ބުނެދެން ފުލުހުންނަށް ނޭނގުނު ކަމަށާއި އަދި އެމީހުން ދޫކޮށްލާފައި ވަނީ ފުލުހުންގެ ތެރެއިން މަތީ ފަރާތެއްގެ އޯޑަރަށް ކަމަށެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެ ސިޓީގައި މުސްތަފާ ވަނީ އެދިވަޑައިގެންފަ އެވެ.
" އެމީހުން ދޫކޮށްލީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް އަތީކްގެ އޯޑަރަކަށް، އަޅުގަނޑުމެންގެ ގޭ ކައިރިއަށް އައި ފުލުހުންގެ އަތަށް ވެސް އެމީހުން ވަނީ "އަތީކް ސާ" ކަމަށް ބުނެ ފޯން ދީފައި، އަދި އެމީހުން ދޫކޮށްލީ އެމީހުންގެ އެއްވެސް މައުލޫމާތެއް ނުނަގައި ހުޅުމާލޭ ފެރީ ސަރަހައްދަށް. އެވަގުތު ވެސް އެމީހުން ވަނީ އަތީކް އަށް ގުޅައި އެފޯން ފުލުހުންގެ ވެހިކަލް ދުއްވަން އިން މީހާގެ އަތަށް ދީފައި، އެމީހުން ދޫކޮށްލި ވަގުތުވެސް އެތަނަށް ރީކޯ މޫސައާ އާއިލީ ގޮތުން ގުޅުން ހުރި މީހާ އައިސް ހުރި، މުސްތަފާގެ ސިޓީގައިވެ އެވެ.
ރޭގެ އެ ހާދިސާއާ ގުޅިގެން އެ މައްސަލަ ބަލައި, ގާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހަށާއި ހޯމް މިނިސްޓަރު ހަސަން އަފީފަށް އެސްއެމްއެސްއެއް މެދުވެރިކޮށް އެންގެވި ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި އެގޭ ކައިރިއަށް ދިޔަ މީހުން ތިބީ މަސްތުވެގެން ކަމަށާއި އެމީހުނަށް ފަރުވާ ދިނުމަށް ފަހު ނޫނީ ދޫނުކޮށްލުމަށް މުސްތަފާ ފޮނުއްވި އެ މެސެޖްގައިވެ އެވެ.