11 Mar 2020, 16:52
ބޭންކޮކް (މާޗް 11): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 ބައްޔާ ގުޅިގެން ތައިލޭންޑުން 18 ގައުމަކަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި އެވެ.
ތައިލޭންޑުން ސަރުކާރުން މިއަދު އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާ ގައުމުތަކަކީ ބަލްގޭރިއާ، ބޫޓާން، ޗައިނާ، ސައިޕްރަސް، އިތިއޯޕިއާ، ފިޖީ، ޖޯޖިއާ، އިންޑިއާ، ކަޒަކިސްތާން، މަލްޓާ، މެކްސިކޯ، ނައުރޫ، ޕަޕުއާ ނިއު ގިނީ، ރޯމޭނިއާ، ރަޝިއާ، ސައުދީ އަރަބިއާ، އުޒްބެކިސްތާން، ރިޕަބްލިކް އޮފް ވަނުއަޓޫ އަދި ޓައިވާން އެވެ.
މީގެ އިތުރުން މީގެ ކުރިން ދެކުނު ކޮރެއާ އާއި އިޓަލީ އާއި ހޮންކޮންގެ ރައްޔިތުންނަށް ވިސާއާ ނުލައި ތައިލޭންޑަށް ވަދެވުނު ނަމަވެސް، ވަގުތީ ގޮތުން އެ ގަވާއިދު ވަނީ ކެންސަލްކޮށްފަ އެވެ.
މީގެ ކުރިން ތައިލޭންޑުގެ ހެލްތު މިނިސްޓްރީން ވަނީ ހޮންކޮން ހިމެނޭ ގޮތަށް ޗައިނާ އާއި ދެކުނު ކޮރެއާ އާއި އިޓަލީ އާއި އީރާން އަކީ ކޮވިޑް 19 ފެތުރިދާނެތީ، ދަތުރު ކުރަން ނުރައްކާ ބޮޑު ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި ތައި އެއާވޭސްއިން ވަނީ މިމަހުގެ 31އާ ޖެހެންދެން ޗައިނާގެ ބައެއް ސަރަހައްދުތަކަށް ކުރާ ދަތުރުތަކާއި އިޓަލީއަށް ކުރާ ދަތުރުތައް ކެންސަލްކޮށްފަ އެވެ.
ތައިލޭންޑުގައި މިހާތަނަށް 59 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ވައިރަހުގެ ސަބަބުން އެކަކު ވަނީ މަރުވެފަ އެވެ.
މުޅި ދުނިޔޭގައި މިހާތަނަށް 118 ގައުމަށް ކޮރޯނާވައިރަސް ފެތުރިފައިވާ އިރު، 119،000 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 4,292 މީހަކު މަރުވެފައިވާ އިރު 65،000 އަށް ވުރެ ގިނަ މީހުންގެ ބަލި ވަނީ ރަނގަޅުވެފަ އެވެ.