ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށްފާނެތީ، ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭއިން ނެރެފައިވާ ރީނދޫ އެލާޓު ދަށްކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައި ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ރާއްޖޭގެ އާންމު ސިއްހަތުގެ އެލާޓު އޮތީ ރީނދުލުގައި ކަމަށާއި އެލާޓް ދަށްކުރަން ނުނިންމާ ކަމަށެވެ.

ރާއްޖޭގެ ލެވެލް ދަށްކުރަން އުޅޭކަމަށްބުނެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސަރުކާރަށް ތުހުމަތު ކުރައްވާ ޓްވީޓުވެސް ކުރައްވައިފައެވެ.

ލެވެލް ރީނދޫ އަކީ ރާއްޖެއިން ބޭރުން ބަލި ޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތެވެ. ރާއްޖެއިން ކޮވިޑް19 ފުރަތަމަ ފެނިފައިވަނީ ޅ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަތުރުވެރިއަކު އެނބުރި ގައުމަށް ގޮސް، އޭނާ ބައްޔަށް ޕޮޒިޓިވް ވިކަން އެންގިފަހުންނެވެ. ރާއްޖެއިން މިހާތަނަށް ބަލި ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ.

ބަލި އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓު އޮތީ ލެވެލް އޮރެންޖުގައެވެ. އެއީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހެއްގެ ފަރާތުން ރާއްޖޭގައި މީހުންނަށް ބަލި ފެތުރުމުން ނެރޭ އެލާޓެވެ. ކުރެއްދޫގެ އިތުރުން ދެން ބަލި ފެނުނު ކުރަމައްޗާއި ބަތަލާ ރިސޯޓު އޮތީ ކޮން ލެވެލްއެއްގައިކަން ސާފެއް ނުވެއެވެ. ތަރުޖަމާނު މަބްރޫކު ވިދާޅުވީ އެކަން ސާފުކުރުމަށްފަހު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.