11 Mar 2020, 16:21
ދިއްލީ (މާޗް 11): އިންޑިއާގައި އިއްޔެ 18 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކެރަލާގައި ތިބި އަށް މީހަކު ހިމެނޭ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން މިހާރު އެގައުމުގައި ތިބި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 62 އަށް އަރާފަ އެވެ. އަދި އިއްޔެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކެރަލާގެ އަށް މީހުންގެ އިތުރުން މަހާރަޝްތުރާގެ ފަސް މީހަކާއި ކަރުނާޓަކާގެ ހަތަރު މީހަކާއި ޖައްމޫ އެންޑް ކަޝްމީރުގެ އެކަކެވެ.
އެހެންކަމުން ކެރަލާގައި ތިބި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 14 އަށް އަރައިފަ އެވެ. އޭގެ ސަބަބުން ކެރަލާގެ ސަރުކާރުން އިއްޔެ ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާ އެސްޓޭޓުގެ ސްކޫލުތަކާއި ކޮލެޖުތަކާއި ސިނަމާތައް މިމަހުގެ 31 އާ ޖެހެންދެން ބަންދުކޮށްފަ އެވެ. އަދި އެމުއްދަތުގައި ޓިއުޝަން ސެންޓަރުތައް ފަދަ ތަންތަންވެސް ބަންދުކޮށްފައި ބަހައްޓަން ސަރުކާރުން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވަނީ މިމަހުގެ ތެރޭގައި ސްޓޭޓު ސަރުކާރުން ބާއްވަން ހަމަޖެހިފައިވާ ހުރިހާ އިވެންޓުތައް ކެންސަލްކޮށްފައިވާ ކަމަށާއި ގިނަ މީހުން އެއްފަހަރާ ތަންތަނަށް އެއްވެ ނޫޅުމަށް އެދިވަޑައިގެންފަ އެވެ.
ކޮރޯނާވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ 1،495 މީހަކު ކެރަލާގައި އޮބްޒަވޭޝަންގައި ބައިތިއްބާފައިވާ އިރު އޭގެ ތެރެއިން 259 މީހަކު ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓުކޮށްފަ އެވެ.
އިންޑިއާއިން ކޮރޯނާވައިރަސް ފެނިފައިވާ އިތުރު ސްޓޭޓްތަކުގެ ތެރޭގައި ޓަމިލް ނާޑޫ، ތެލަންގަނާ، ކަރުނާޓަކާ، އުއްތަރަ ޕްރަދޭޝް، ދިއްލީ، ރާޖަސްތާން، ހަރިޔާނާ، ޕަންޖާބު އަދި ލަޑާކް ހިމެނެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް މިހާތަނަށް 115 ގައުމަކާއި ޓެރިޓަރީއަށް ފެތުރި، 119،000 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 4،291 މީހަކު މަރުވެފައިވާ އިރު 65،900 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.