މޮސްކޯ (11 ފެބްރުއަރީ 2020) : ދެހާސް ސައުވީސް ވަނަ އަހަރު ރަޝިއާގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް ވްލަޑިމީރު ޕޫޓިންއަށް ލިބޭ ގޮތަށް ރަޝިއާގެ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ފެންނަކަމަށް އެގައުމުގެ ޕާލަމެންޓްގެ ތިރިގެ "ދޫމާ" އިން ނިންމައިފި އެވެ.

މިކަމާބެހޭ ބިލާ ބެހޭ ގޮތުން ދޫމާގެ ތަޅުމުގައި ބަހުޘް ކުރުމަށް ފަހު 450 މެންބަރުން ހިމެނޭ ދޫމާގެ 383 މެންބަރުންގެ އަޣްލަބިއްޔަތުން މިއިސްލާޙު ވަނީ ފާސްކޮށްފަ އެވެ. މިއިސްލާޙާ އެއްވެސް މެންބަރަކު ދެކޮޅު ހަދާފައިނުވާއިރު 43 މެންބަރުން ވަކިކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެ އެވެ. އަދި 24 މެންބަރަކު އެކަމާ ބެހޭ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. ރަޝިއާ ގާނޫނު އަސާސީ އިސްލާހު ކުރުމާ ބެހޭ ގޮތުން ސަރުކާރުން ޕާލަމެންޓަށް ހުށަހެޅި ބިލުގައި ގާނޫނު އަސާސީއަށް ޑިމޮކްރެޓިކް ގޮތުން ބޮޑެތި އިސްލާހުތަކެއް ގެނައުން ހިމެނޭއިރު މި އިސްލާޙުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ 2024 ވަނަ އަހަރު އެވެ. މިއިސްލާހުތަކުގައިވާ ގޮތުން ކުރިން ރައީސްކަމާއި ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅަކަށް ވެސް އައު އިސްލާޙުގެ ދަށުން 2024 ވަނަ އަހަރު ރައީސް ކަމަށް (ޖެހިޖެހިގެން ދެދައުރަށް) އަލުން ކުރިމަތި ލެއްވޭނެ އެވެ.

ރަޝިއާގެ ޕާލެމެންޓްގެ ތިރިގެ (ސްޓޭޓް ދޫމާ)

އެހެންކަމުން 2024ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ވެސް ޕޫޓިންއަށް ކުރިމަތިލެއްވޭނެ އެވެ. އަދި ހަ އަހަރުގެ ރިޔާސީ ދައުރަކަށް ފަހު 2030ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ވެސް ޕޫޓިންއަށް ކުރިމަތިލެއްވޭނެ އެވެ. އައު އިސްލާޙުތަކުގައި ވެސް ބުނަނީ އެއްވެސް ބޭފުޅަކަށް ޖެހިޖެހިގެން ކުރިމަތިލެވޭނީ ރިޔާސީ ދެ ދައުރަށްކަމުގަ އެވެ. އެހެންކަމުން އެ ދެ ދައުރަށް ފަހު ޕޫޓިންއަށް ދެން ރިޔާސީ އިތުރު ދައުރަކަށް ކުރިމައްޗެއް ނުލެއްވޭނެ އެވެ. ނަމަވެސް 2024 އަށްފަހު ރިޔާސީ ދެ ދައުރު ފުރިހަމަ ކުރައްވައިފި ނަމަ ޕޫޓިންގެ އުމުރުފުޅުން 83 އަހަރުވާނެ އެވެ. އޭރުން ޕޫޓިންއަށް ހުންނާނީ 36 އަހަރު ރަޝިއާގެ ވެރިކަން ކުރެއްވިފަ އެވެ.

ޕޫޓިންއަށް މިހާރު 67 އަހަރު ވެފައިވާ އިރު ފާއިތުވި 20 އަހަރުތެރުން ފެށިގެން ރަޝިޔާގެ ސިޔާސީ މަސްރަހު އެއްކޮށް ކޮންޓްރޯލް ކުރަމުން ގެންދަނީ ޕޫޓިން އެވެ. މިއީ ޕޫޓިންގެ ރިޔާސީ ހަތަރުވަނަ ދައުރެވެ. ކުރިން ދެ ދައުރުގައި ރައީސްކަން ކުރެއްވުމަށް ފަހު ޕޫޓިން އަދާކުރެއްވީ ބޮޑުވަޒީރުކަމެވެ. ބޮޑުވަޒީރުކަމުގައި އެއްދައުރު އަދާކުރެއްވުމަށް ފަހު އަލުން ރައީސްކަމަށް ކުރިމަތިލައްވައި އިންތިޚާބުވެ ވަޑައިގެން އެއްދައުރު ފުރިހަމަ ކުރެއްވުމަށް ފަހު މިއީ ދެވަނަ ބުރުގައި ޕޫޓިން އަދާކުރައްވާ ރިޔާސީ ދެވަނަ ދައުރެވެ. މިދައުރު ނިމޭނީ 2024 ގަ އެވެ. ނަމަވެސް ހަގީގަތުގައި މިއީ އޭނާގެ ރިޔާސީ ހަތަރުވަނަ ދައުރެވެ.

ރަޝިއާގެ ޕާލަމެންޓްގެ މަތިގެ (ފެޑަރޭޝަން ކަައުންސިލް)

ރަޝިޔާގެ ގާނޫނު އަސާސީ ބުނާ ގޮތުން އެއްބޭފުޅަކަށް ޖެހިޖެހިގެން އެގައުމުގެ ރައީސްކަމަށް ކުރިމަތިލެއްވޭނީ ދެދައުރަށެވެ. ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގައި މިކަން ބަދަލުކުރުން ނުހިމެނެ އެވެ. މި އިސްލާޙުތައް ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ދޫމާ އިން ފާސްކުރި ނަމަވެސް އެކަން ކުރިޔަށްދާނީ އެގައުމުގެ ޕާލަމެންޓްގެ މަތިގެ ކަމަށްވާ ފެޑަރޭޝަން ކައުންސިލް (އިއްތިޙާދީ މަޖިލިސް)ގެ އަޣްލަބިއްޔަތުން ވެސް ފާސްކޮށް ރައީސް ޕޫޓިން އެ އިސްލާހުތައް ތަސްދީގު ކުރެއްވުމުންނެވެ.

ފެޑަރޭޝަން ކައުންސިލްގެ އަޣްލަބިއްޔަތު ވެސް އޮންނަނީ ޕޫޓިންގެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ރަޝިއާ ޕާޓީއަށެވެ. އެހެންކަމުން ރަޝިއާގެ ޕާލަމެންޓްގެ މަތިގެކަމަށްވާ ފެޑަރޭޝަން ކައުންސިލުން މި އިސްލާހުތައް ފަސޭހައިން ފާސްކުރާނެ އެވެ. ޕޫޓިންގެ ވެރިކަމުގައި ރަޝިޔާ ވަނީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އާދަޔާ ޚިލާފަށް ބާރުގަދަ ގައުމަކަށް ހައްދަވާފަ އެވެ. އަދި އެގައުމުގެ ތާރީޚުގައި ވެސް ފެނިފައިނުވާވަރުގެ ކުރިއެރުންތަކެއް ހަތިޔާރުގެ ސިނާއަތުގައި ވެސް ޕޫޓިންގެ ވެރިކަމުގައި ރަޝިއާވަނީ ހޯދާފަ އެވެ. މިއާއެކު ޕޫޓިންގެ ވެރިކަމުގައި ރަޝިއާގެ ނުފޫޒު ވެސް ދުނިޔޭގައި ވަނީ ވަރަށްބޮޑަށް އިތުރުވެގެން ގޮސްފައެވެ. (ރޮއިޓާސް)