11 Mar 2020, 17:16
ނިއު ޔޯކް (މާޗް 11): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ބެހޭ ގޮތުން އެމެރިކާގެ ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ސީއެފްއާރު)އިން ނިއު ޔޯކްގައި ބާއްވަން އުޅުނު ކޮންފަރެންސެއް، އެ ވައިރަސް ފެތުރިދާނެތީ ކެންސަލްކޮށްފި އެވެ.
އެމެރިކާގެ ހާރިޖީ ސިޔާސަތާއި ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ތިންކް ޓޭންކެއް ކަމަށްވާ ސީއެފްއާރުން ކެންސަލްކޮށްފައި ވަނީ، ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި ވިޔަފާރި ކުރުމާ ބެހޭ ގޮތުން އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސެކެވެ. އެޖަމްއިއްޔާއިން ވަނީ ނިއު ޔޯކްގައި ބާއްވަން ހަމަޖެހިފައިވާ އިތުރު ބައްދަލުވުންތަކެއްވެސް ވައިރަހާ ގުޅިގެން ކެންސަލްކޮށްފަ އެވެ.
މީގެ އިތުރުން އެމެރިކާގައި ކޮރޯނާވައިރަހުގެ ސަބަބުން ކެންސަލްކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައި އޮތް ގްލޯބަލް ހެލްތު ކޮންފަރެންސެއްވެސް ހިމެނެ އެވެ. އަދި އެގައުމުގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ސެނެޓަރު ބާނީ ސޭންޑާސްގެ ކެމްޕެއިން އިވެންޓުތަކެއްވެސް އިއްޔެ ކެންސަލްކޮށްފައިވެ އެވެ.
އެމެރިކާގައި މިހާތަނަށް 1,000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ސަބަބުން 32 މީހަކު ވަނީ މަރުވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަސް މިހާތަނަށް ދުނިޔޭގެ 118 ގައުމަކުން ފެނި، 120،000 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 4,366 މީހަކު މަރުވެފައިވާ އިރު، 65,977 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.