11 Dec 2011, 14:22
ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާ މެދު ތަފާތު ކުރުންތައް ގެންގުޅެ، މަޖިލިހުގެ ގަދަރުކުޑަވާ ގޮތަށް ރައީސް އަބުދުﷲ ޝާހިދު އަމަލު ކުރައްވާ ކަމަށް ބުނެ އެ މަނިކުފާނާ ދެކޮޅަށް އިމްތިޔާޒްގެ މައްސަލައެއް މަޖިލިހުގެ އިމްތިޔާޒް ކޮމިޓީ އަށް ހުށައަޅައިފި އެވެ.
މަޖިލިހުގެ ރައީސްއާ ދެކޮޅަށް އިމްތިޔާޒްގެ މައްސަލަ ހުށައެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ވަގުތީ ނައިބް ރައީސް އަބުދުއް ރަހީމް އަބުދުﷲ އެވެ.
އަބުދުއްރަހީމް މަޖިލިހަށް ފޮނުވާފައިވާ އިމްތިޔާޒުގެ މައްސަލާގައި ބުނެފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މަޖިލިހުގެ ރައީސް ވަދެވަޑައިގަންނަވާ ދޮރުކޮޅުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވެދެވަޑައިގެން މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދާއި ދިމާކުރެއްވި ކަމަށް ބުނެ އެ މައްސަލަ މަޖިލިހުގެ އިމްތިޔާޒް ކޮމިޓީ އަށް ފޮނުއްވާނެ ކަމަށް ވިދާޅުވި އިރު، މަޖިލިހުގެ އެމްޑީޕީގެ މެންބަރުން ފާޅުގައި މަޖިލިހުގެ ޖަލްސާ ހުއްޓުވައި މަޖިލިސް ހިސާރުކޮށް ޖަލްސާއަށް ވަޑައިގަތް ބޭފުޅުންނަށް ނުނިކުންނެވޭ ގޮތަށް ދޮރުބަންދުކޮށް މަޖިލިހުގެ ރިޔާސަތުގައި އެ ދުވަހު އިންނެވި ނައިބް ރައީސް އަހުމަދު ނާޒިމަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލަ މަޖިލިހުގެ ރައީސް ނުބައްލަވައި އަދި ފިޔަވަޅު ވެސް ނާލުއްވާ ރިޔާޒް ރަޝީދުއާ ދެކޮޅަށް މަޖިލިހުގެ ރައީސް އިމްތިޔާޒްގެ މައްސަލައެއް ވައްދާނެ ކަމަށް ވިދާޅުވުމުން މަޖިލީހުގެ ރައީސްގެ މައްސަލައެއް ހުށަހެޅުއްވީ ކަމަށެވެ.
"މަޖިލިހުގެ ރައީސްގެ މިފަދަ އަމަލްތަކުގެ ސަބަބުން މަޖިލހުގެ ހައިބަތާއި ގަދަރު ގެއްލިގެން ގޮސް މަޖިލިހުގެތެރެގައި ބައިބައިވުމާއި ފިތުނަ އުފެދިދާނެ ކަމަށް ވާތީ ވަކި މެންބަރެއްގެ މައްސަލަ އިމްތިޔާޒާއި ބެހޭ ކޮމީޓި އަށް ފޮނުވައި އަނެއްބައި މެންބަރުންގެ މައްސަލަ އިމްތިޔާޒާ ބެހޭ ކޮމިޓީ އަށް ނުފޮނުވައި އެކަމުގެ ސަބަބުން މުޅި މަޖިލިހަށް އާއްމު ރައްޔިތުންގެ ނަފްރަތު ރައްދުވާތީ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދުގެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި އިމްތިޔާޒާއި ބެހޭ ކޮމިޓީއަށް ހުށައެޅީ މެވެ،" އަބުދުއްރަހީމް ފޮނުއްވި ލިޔުމުގައިވެ އެވެ.
އަދި އެލިޔުމުގައި ބުނެފައި ވަނީ އެއްބާވަތެއްގެ މައްސަލައެއްގައި އެކިމެންބަރުންނާ މެދު މަޖިލިހުގެ ރިޔާސަތުން އަމަލަކުރައްވާފައި ވަނީ ގަނޫނު އަސާސީގެ 17 ވަނަ މައްދާ އާ ވެސް ހިލާފަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހެޅި އިމްތިޔާޒުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ.