23 Jun 2010, 14:54
19:00
ގަލޮޅު މަދަރުސާގެ ޑެޕިއުޓީ ޕްރިސިންޕަލަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ އިރުއޮއްސި ހައެއް ޖަހާކަންހާއިރު އެ ހަދިސާ ހިނގީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަހުމަދު (މުހައްމައިދީ) އެ ސްކޫލްގެ ތެރޭ ހުއްޓާ ފަސް ކުއްޖަކު ގޮސް ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ކުއްޖަކު އޭނާއާ މާރާމާރީ ހިންގާ އޭނާގެ ލޯމަތީގައި ޖެހުމުން ލޯ ދުޅަވެފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށެވެ.
ފުލުހުންގެ އޮފިޝަލު އިތުރަށް ވިދާޅުވީ އެ ފަސް ކުދިންގެ ތެރެއިން މާރާމާރީ ހިންގި ދެ ކުދިންނަކީ ސްކޫލުން ކަނޑާލާފައި ތިބި ދެ ކުދިން ކަމަށެވެ. އެހެން ނަމަވެސް އެކުދިންގެ ތެރޭ ހިމެނެނީ ކޮން ސްކޫލެއްގެ ކުދިންނެއް ކަމެއް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއްނުވެ އެވެ.
ގަލޮޅު މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލަށް ބަޔަކު ހަމަލާދީފައި މިވަނީ މާރާމާރީ ހިންގައިގެން ސަސްޕެންޑްކޮށްފައި ހުރި އެ ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވަމުންދިޔަ ތ. ވަންދޫ، ވައިނުޖެހޭގެ އުމުރުން 17 އަހަރުގެ އައިމިނަތު ޝަޒީފާ އޭނާ މާލޭގައި ދިރިއުޅުނު މއ. އަތިރިމަތީގޭގެ ހަތަރު ވަނަ ބުރިން ވެއްޓި މަރުވެފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަހުމަދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.