ޖުމްހޫރީ މައިދާނުގައި އޮއްވާ ފެނުނު ފޮށީގައި އެއްވެސް އެއްޗެއް ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުން ރަތްކުލައިގެ ފޮއްޓެއް ފެނިގެން އެއީ ކޮން އެއްޗެއްތޯ ބެލުމަށް އެމްއެންޑީއެފް އިން ވަނީ އެ ސަރަހައްދު ބަންދުކޮށްގެން ހަރަކާތްތެރިވެފަ އެވެ.

އެމްއެންޑީއެފް އިން ބުނީ ރައްޔިތުންގެ ގިނަ ބަޔަކު ޖަމާވާ ސަރަހައްދަކުން އެފަދަ އެއްޗެއް ފެނުމުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަން ޖެހޭ ކަންތައް ބަލާފައިވާނެ ކަމަށެވެ.

އެގޮތުން ފޮށީގައި އޮތް އެއްޗެއް ބެލުމަށް ފޮށި އެ ސަރަހައްދުން ގެންގޮސްފައި ވަނީ ވެސް ވަކި ހާއްސަ އެއްޗެއް ބޭނުންކޮށްގެންނެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ފޮށްޓާ މެދު އަމަލުކޮށްފައި ވާނީ ސަލާމަތީ ގޮތުން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"ފޮށީގެ ތެރޭގައި އެއްވެސް އެއްޗެއް ނެތް. ހުސް ފޮށްޓެއް،" އާޒިމް ވިދާޅުވި އެވެ.