11 Mar 2020, 15:17
ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާތީ އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވަން ތާވަލުކުރި ބައްދަލުވުން ކެންސަލް ކޮށްފި އެވެ.
އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުން ތާވަލްކޮށްފައި އޮތީ މިރޭ 08:15 އިން 10:30 އަށް މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގަ އެވެ.
އެ ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި އޮތީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު، ޖެންޑާ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ.
ނަމަވެސް މިހާރު އެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ. މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ސަން' އަށް ވިދާޅުވީ ބައްދަލުވުން ކެންސަލް ކުރީ، މިހާރުގެ ހާލަތަށް ބަލައި، ބައްދަލުވުން ކުރިއަށް ގެންދަން އެންމެ ރަނގަޅު ކަމަށް ނުފެންނާތީ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް އަށް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
އާންމުންގެ ހިޔާލު ހޯދުމުގެ ފުރަތަމަ ބައްދަލުވުމުގައި ކުރިއަށް ދިޔައީ މިނިމަމްވޭޖް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ އެވެ.