11 Mar 2020, 15:24
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗައިނާއިން މިއަދު ރާއްޖެ އައި ދިވެއްސަކު ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ އެ މީހާ ކަރަންޓީނު ކުރަނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކަމަށެވެ. އުސޫލުގެ ދަށުން 14 ދުވަހަށް އޭނާ ކަރަންޓީނުގައި ބަހައްޓާނެ އެވެ.
މިއަދު ހެނދުނު އިޓަލީގެ ރޯމުން އައި ދެ ދިވެހީން ވެސް ވަނީ 14 ދުވަހަށް ކަރަންޓީނުކޮށްފަ އެވެ.
ބަލީގެ އަލާމާތެއް ނެތް ނަމަވެސް، ބަލި ފެތުރިފައިވާ ސަރަހައްދަކުން އަންނަ ފަރާތްތައް ކަރަންޓީނު ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މީގެ ކުރިން ޗައިނާއިން ރާއްޖެ އައި ދެމައިން ވެސް 14 ދުވަސް ވަންދެން ކަރަންޓީނު ކުރި އެވެ. ކަރަންޓީނުގެ މުއްދަތު ފުރިހަމަވުމުން އެ ދެމީހުން ދޫކޮށްލީ އިއްޔެ އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑްގެ އަށް ކޭސްއެއް ވަނީ ފެނިފަ އެވެ. އެއީ ކުރެއްދޫ ރިސޯޓުން ފެނުނު ހަތަރު ކޭސްއާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭސް އަދި ކުރަމަތި އައިލެންޑް ރިސޯޓުން ފެނުނު ދެ ކޭސް އެވެ.
ރާއްޖެއިން ބަލި ފެނުމާ ގުޅިގެން އިޓަލީ، ޗައިނާ، އީރާން، ބަންގްލަދޭޝް އަދި ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.