11 Mar 2020, 13:04
އަންނަ މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި ވޯޓުލާ 5808 މީހުންގެ ވޯޓު ސިއްރު ނުވާނެ ކަމަށާއި އެ މީހުން އަލުން އެހެންތަނަކަށް ރީ-ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ވޯޓު ސިއްރު ނުވަނީ އެ މީހާގެ އަމިއްލަ އިދާރީ ދާއިރާ ފިޔަވައި އެހެން ދާއިރާއަކަށް ވޯޓުލުމަށް އޭނާ އެކަނި ރީ-ރެޖިސްޓާވެފައި ހުރުމުންނެވެ. އެގޮތަށް ރެޖިސްޓާ ވެފައިވާ 5808 މީހުންގެ ލިސްޓެއް މިހާރު އިސީން އާންމު ކޮށްފައިވާ ކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.
"އޭގެ މާނައަކީ 5808 ފަރާތެއް ވަނީ އެ ވޯޓު ލާން ރަޖިސްޓްރީ ކޮށްފައިވަނީ އޭނަ އަކީ ވޯޓުލާން ކޮންތާކުކަން އެނގޭ ގޮތައްށޭ ރަޖިސްޓްރީ ކުރެވުފައި އިނީ،" ޝަރީފް ވިދާޅުވި އެވެ.
އެފަދަ ފަރާތްތަކުން ބޭނުން ނަމަ އެހެން ތަނަކަށް ރީ ރެޖިސްޓްރީ ވުމަށް މާދަމާ ތިނެއް ޖެހުމާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޖުމްލަ 1،817 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއެކު ދެ އިންތިހާބު ބާއްވަނީ އެއްކޮށެވެ. އެގޮތުން ކައުންސިލްތަކަށް ޖުމްލަ 980 ކައުންސިލަރުން އަދި އަންހެނުންގެ ކޮމިޓީތަކަށް، 18 ރަށާއި ހަތަރު ސިޓީން 369 މެންބަރުން އިންތިހާބު ކުރާނެވެ.