ދައުލަތުގެ ފައިނޭޝަލް ކޮންޓްރޯލާ ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ދާދިފަހުން އެމަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ގދ. ފަރެސްމާތޮޑާ ގުލްފާމްގޭ އަހުމަދު އަސްއަދު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

އަސްއަދު އެމަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި މިހާތަނަށް ހާމަކޮށްފަ އެއް ނުވެ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި، އަހުމަދު އަސްއަދުގެ އިތުރުން މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު ޝަފީޤާ އާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓގެ ސީނިއާ އެޑްވައިޒަރު ޓު ދަ ގަވާނަރު އަބްދުލްޣަފޫރު އަބްދުއްލަޠީފާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ އާރިފާއި ރަޖިސްޓްރާ އޮފް ކޮމްޕެނީޒް އަލްއުސްތާޒު އަލީ ޝުޖާއު އާއި ޕްރައިވެޓް ސެކްޓަރުގައި އިގުތިސާދީ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ތަޖުރިބާ ހުރި ގާބިލު ބޭފުޅުންގެ ތެރެއިން ފާތިމަތު އިލްހާމް މުހައްމަދާއި، މުހައްމަދު ރަޝީދެވެ.