11 Mar 2020, 11:44
ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވާ އިރު އެ ބަލި ފެތުރިޔަ ނުދިޔުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލުތައް ނުހުޅުވައި ބަހައްޓަން ޓީޗަރުންގެ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
އިއްޔެ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ވަނީ ކޮވިޑް-19 ފެތުރިދާނެތީ އަޅާ ފިޔަވަޅެއްގެ ގޮތުގައި ސްކޫލުތައް ހިމެނޭ ގޮތަށް ތަންތަނަށް އެއްވެ އުޅުން ހުއްޓުވުމަށް ލަފާދީ ޓްވީޓުކޮށްފައެވެ.
މިއަދު ޓީޗަރުންގެ އެސޯސިއޭޝަނުންވެސް ވަނީ ސްކޫލުތައް ބަންދުކޮށްފައި ބަހައްޓަން ގޮވާލައިފައެވެ. އެ އެސޯސިއޭޝަނުން ކުރި ޓްވީޓެއްގައި ވަނީ ސިއްހީ ދާއިރާގެ މާހިރުން ލަފާދޭ ގޮތުގެ މަތިން ކޮވިޑް-19 ފެތުރިޔަ ނުދިނުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ސްކޫލުތައް ނުހުޅުވައި، ބަންދުކޮށްފައި ބަހައްޓަން ސަރުކާރުގައި އެދޭ ކަމަށް ބުނެފައެވެ.
އެ އެސޯސިއޭޝަނުން ބުނީ އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ ދަރިވަރުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ ސިއްހަތަށް ކަމަށެވެ.
ސްކޫލުތައް ބަންދުކޮށް އާންމުން ތަންތަނަށް އެއްވުން ހުއްޓުވުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތޯ "ސަން"އިން ރޭ ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ފާހަގަކުރެއްވީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ސްޓެރެޓަޖިކް އެކްޝަން ޕްލޭނުގައި ވަކި ހާލަތްތަކުގައި އެއްވެ އުޅުމާ ގުޅޭގޮތުން އަމަލުކުރަން ޖެހޭ ގޮތްތައް ބަޔާންކުރާ ކަމެވެ.
އަދި މިހާތަނަށް އެއްވެ އުޅުން ހުއްޓުވައި ސްކޫލުތައް ބަންދު ކުރާ ހާލަތުގައި އެއްވެސް ރަށެއް ނެތް ކަމަށް އެ އެކްޝަން ޕްލޭނާ ހަވާލާދެއްވައި އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނުގައިވާ ގޮތުން ސްކޫލުތައް ބަންދު ކުރެވޭނީ އޮރެންޖު ނުވަތަ ރެޑް އެލާޓު ލެވެލްގައެވެ. އެ އެ އެލާޓު ލެވެލްގައި މިވަގުތު މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނެތެވެ.