ޖުމްހޫރީ މައިދާނުން ގޮތް ނޭނގޭ އެއްޗެއް ފެނުމާ ގުޅިގެން އެމްއެންޑީއެފްގެ އީއޯޑީ ޓީމުން ބެލި ބެލުމުން އެ ސަރަހައްދުން ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުން ރަތްކުލައިގެ ފޮއްޓެއް ފެނިގެން އެއީ ކޮންއެއްޗެއްތޯ ބެލުމަށް އެމްއެންޑީއެފް އިން ވަނީ އެ ސަރަހައްދު ބަންދުކޮށްގެން ހަރަކާތްތެރިވެފަ އެވެ.

އެމްއެންޑީއެފް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ސިފައިން ބޭނުންކުރާ ގިއަރު ބޭނުންކޮށްގެން ސަލާމަތީ ކަންތައް ވަރުގަދަ ކުރުމަށް ފަހު އެވެ.

"މި ސަރަހައްދަކީ ރައްޔިތުންގެ ގިނަ ބަޔަކު ޖަމާވާ ސަރަހައްދެއްކަމުން، މިފަދަ އެއްޗެއް ފެނުމުން ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ކަންތައް ދަނީ ބަލަމުން،" އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއްވެސް ނުރައްކާތެރި އެއްޗެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.