މިހާރު އެންމެ ބާރަށް ކޮރޯނާވައިރަސް ފެތުރެމުން އަންނަ އިޓަލީގެ ވެރިރަށް ރޯމްގެ އެއާޕޯޓުން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ޗައިނާގެ ދެ ރައްޔިތަކު ދެނެގަނެ ކަރަންޓީނަށް ގެންދިޔުމާ އެކު، އެ ގައުމުގެ ސަރުކާރުން ބުނީ؛ އެ ގައުމަކީ މުޅި ޔޫރަޕުން ވެސް ވައިރަހާ ދެކޮޅަށް އެންމެ ހަރުދަނާ ފިޔަވަޅު އަޅާފައިވާ ގައުމުކަމަށެވެ. އަދި އެ ގައުމަކީ، ޗައިނާއިން ފްލައިޓްތައް އައުން މަނާކުރި ފުރަތަމަ ވެސް ގައުމެވެ.

މި ހުރިހާ ކަމަކާ އެކު އެ ގައުމުގެ ސަރުކާރުން ބުނަމުން ދިޔައީ، "އެއީ ހަމަ އެންމެ އާދައިގެ ރޯގާއެއް" ކަމަށާއި އާންމު ދިރިއުޅުމުގެ ކަންކަން ރައްޔިތުން ހުއްޓާނުލުމަށް އެދޭ ކަމަށެވެ. ސިޔާސީ މީހުން ވެސް އެއް ރާގަކަށް ދެއްކީ އެ ވާހަކަ އެވެ.

ނަމަވެސް ފެބުރުއަރީ މަސް ފެށުނުތަނާހެން އެ ގައުމުގެ ވިޔަފާރީގެ މައި ސަރަހައްދު ކަމަށްވާ، އުތުރުގެ ލޮމްބާޑީ ސަރަހައްދުގައި ދިޔައީ ނޭވާލާ ނިޒާމުގެ ބަލިތަކާއި ރޯގާތައް ގިނަވަމުންނެވެ. އެންމެ ފުރަތަމަ ހޮސްޕިޓަލްތަކަށް ހީކުރެވުނީ އެއީ، މޫސުމީ އާދައިގެ ރޯގާއެއް ކަމަށެވެ. އެހެން ނަމަވެސް، ހޮސްޕިޓަލް އެނދުތައް ފުރި، ކޭސްތައް މަތިވަމުން ދާތީ ކޮރޯނާވައިރަހަށް ޓެސްޓް ކުރަން ނިންމި އެވެ.

ކޮރޯނާވައިރަސް ފެތުރި މުޅި އިޓަލީ އޮތީ ލޮކްޑައުންގައި.

ކުރިން ޗައިނާއަށް ގޮސްފައި ނުވާ މީހަކު ފެބުރުއަރީ 18 ވަނަ ދުވަހު އިޓަލީގެ ކޮޑޯންޔޯ ޓައުންއިން ރޯގާ ޖެހިގެން ޑޮކްޓަަރަށް ދެއްކުމުން ހެދި ޓެސްޓްތަކުން ދެއްކީ އޭނާ ވައިރަހަށް ޕޮޒިޓިވް ކަމަށެވެ. އޭރު އޮތީ އޭނާގެ ފަރާތުން އެތައް ބަޔަކަށް ވައިރަސް ފެތުރި، އެ ވައިރަސް ފެތުރެމުން ދިޔަ ގޮތް ޓްރޭސް ނުކުރެވޭވަރު ވެފަ އެވެ.

ދެ ހަފްތާއެއް ތެރޭ އެ ވައިރަސް މުޅި އިޓަލީއަށް ފެތުރިގަނެ، 10،0000 މީހުން އެ ވައިރަހުގެ ޝިކާރައަކަށްވި އެވެ. އެކަން ކޮންޓްރޯލް ކުރަން 16 މިލިއަން މީހުންނާ އެކު މުޅި ގައުމު ވަނީ ބަންދުކޮށްފަ އެވެ. މަރުވި މީހުންގެ އަދަދު، 800 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ.

އެ ވައިރަހުގެ ބިރުވެރިކަން ރާއްޖޭގެ ގޮނޑުދޮށްތަކާ ހަމަޔަށްވެސް ފޯރައިފި އެވެ. ރާއްޖެއިންވެސް އެ ވައިރަސް ޖެހިފައި ތިބި އަށް މީހަކު މިހާތަނަށް ފެނިފައިވާ އިރު، އިޓަލީގެ މި ތަޖުރިބާއިން ރާއްޖެ ނަގަންވީ ކޮން ފިލާވަޅެއް ހެއްޔެވެ؟

ހީކުރާ ވަރަށް ވުރެ ބާރަށް ފެތުރޭ!

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ އެސޯސިއޭޓް ޕްރެފެސަރު އެޑަމް ކުޗާސްކީ ވިދާޅުވެފައިވާ ގޮތުގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ދެނެނުގަނެވި، އާންމުންގެ ތެރެއަށް ދޫވެފައި ހުރި ނަމަ އެ ވައިރަސް އެތައް ބަޔަކަށް ވާރުތަވެ ފެތުރިގަންނަނީ ވަރަށް ބާރު މިނުގަ އެވެ.

އިޓަލީގެ ސިއްހީ ނިޒާމުގެ ތެރެއިން، ކޮރޯނާ ވައިރަސް ޖެހިފައިވާ އެތައް ބަޔަކު ދޫވުގެ ސަބަބުން، އެ ވައިރަސް މުޅި ގައުމަށް ފެތުރުނީ ކަމަށް އޭނާ ވިދާޅުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިޓަލީގެ ހާލަތުން ނަގަން ޖެހޭ ފިލާވަޅަކީ ހީކުރާ ވަރަށްވުރެ ވެސް ބާރަށް ކޮރޯނާވައިރަސް ފެތުރޭތީ، ވީހާ އަވަހަކަށް ބަލި ދެނެގަތުމަށް ފިޔަވަޅުތައް އެޅުން ކަމަށް އޭނާ ފާހަގަ ކުރައްވަ އެވެ. ބަލި ޖެހިފައި ހުންނަ މީހަކު ނިޒާމްގެ ތެރެއިން ފުރޭނިގެން މުޖުތަމައަށް ދިޔަ ނުދިޔުމަށް ސަމާލުވާން ޖެހޭކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މާޗް 14، 2017: މީގެ ކުރިން މާލޭގައި ގާއިމްކޮށްފައިވާ ފްލޫކުލިނިކަކުން ބަޔަކު ފަރުވާ ހޯދަނީ --- ފޮޓޯ/ ފަޔާޒު މޫސާ

"ޑިޓެކްޓު ނުކުރެވި ހުރި މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެތުރިއްޖެނަމަ، ވަރަށް ބާރުމިނުގައި އެ ވައިރަސް އެ މުޖުތަމައެއްގެ ތެރެއަށް ފެތުރިގެން ދޭ. އެއާ އެކު، ސިއްހީ ނިޒާމަށް ބާރު ބޮޑުވެ ނިޒާމަށް ކޭޓާ ނުކުރެވޭ ވަރުވޭ. މުހިންމު ކަމަކީ، ވީހާ އަވަހަކަށް އައުޓްބްރޭކެއް ދެނެގަނެ އެކަމަށް އަވަސް ފިޔަވަޅު އެޅުން،" ކުޗާސްކީ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯއިން ފާހަގަ ކުރާ ގޮތުގައި ކޮރޯނާވައިރަސްއާއެކު އެ ޖަމާއަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިއްހީ ނިޒާމު ދަށް ގައުމުތަކާ މެދު އެވެ. ސަބަބަކަށް ވަނީ އެ ވައިރަސް ޖެހޭ މީހުންނަށް ފަރުވާ ދެވޭ ވަރަށް ސިއްހީ ދާއިރާގެ ވަސީލަތްތަކާއި މީހުން ވެސް އެފަދަ ގައުމުތަކުގައި ނެތުމެވެ. އެހެން ވެއްޖެ ނަމަ އެ ވައިރަސް އިތުރަށް ފެތުރި އެތައް ބަޔަކު މަރުވެގެން ދިޔުމުގެ ފުރުސަތު އޮވެ އެވެ.

ކަންބޮޑުވުމަކީ ސިއްހީ ނިޒާމް ފެއިލްވެދާނެތީ!

ވައިރަސް ބޮޑަށް ފެތުރޭ ގައުމުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު ގްރާފަކުން ދައްކާ ނަމަ، އެ ގްރާފް ވައްތަރު ވަނީ އުސް ފަރުބަދައަކާ އެވެ. ސަބަބަކަށް ވަނީ ވައިރަސް ޖެހޭ ފުރަތަމަ މީހާ "ޕޭޝަންޓް ޒީރޯ" ފެންނަތާ ދެތިން ދުވަސް ތެރޭ ކޮރޯނާ ޖެހޭ މީހުން ކުއްލިއަކަށް ގިނަވެގެން ދިޔުމެވެ.

ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ "ކާވް ފްލެޓް" ކުރެވެން އޮތީ، ވައިރަސް އިތުރަށް ފެތުރިގެން ނުދާނެ ފިޔަވަޅުތައް ވީހާ އަވަހަކަށް ސަރުކާރުތަކުން އަޅައިގެންނެވެ. ސަރުކާރުތަކުން ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ކާވް ހައްތަހާ ދާނީ މައްޗަށެވެ. އެ ހާލަތުގައި ހޮސްޕިޓަލްތައް ފުރި، މަރުވާ މީހުންގެ އަދަދު އެތައް ތަނަކުން އިތުރުވެ އެވެ. ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުން ގިނަވެ އެވެ.

"ސާފުތާހިރުކަން ކަށަވަރުކުރަން ފިޔަވަޅުއެޅުން، އަތްދޮވުން އާންމު ކަމަކަށް ހެދުން، ބޮޑެތި އެއްވުންތައް ހުއްޓުވުން، ދަތުރުކުރުން ވީހާވެސް މަދުކުރުން، ޓެލެ-ވޯކިން [ގޭގައި މަސައްކަތް ކުރުން] މިފަދަ ފިޔަވަޅުތަކުން ވައިރަސް ގިނަ މީހުންގެ މެދުގައި ނުފެތުރި، މަދުކުރެވި ހެލްތު ސިސްޓަމަށް ކުޅަދާނަވާ ވަރެއްގައި ހިފެހެއްޓޭނެ،" ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ބައިލޮޖިސްޓް، ކާލް ބާޖްސްޓްރޯމް ވިދާޅުވެފައިވެ އެވެ.

ސަރުކާރުތަކުން އަވަސް ފިޔަވަޅު ނާޅައިފި ނަމަ، ކޮރޯނާވައިރަސް ފެތުރިގެންދާ ބާރުމިން ވަރަށް ހަލުއި.

ރާއްޖޭގެ ސިއްހީ ދާއިރާގެ އޮފިޝަލަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި، ސްކޫލްތައް ދުވަސްކޮޅަކަށް ބަންދުކޮށްލުމަށާއި ބޮޑެތި އެއްވުންތައް ހުއްޓުވުމަށް ޑޮކްޓަރުން ވަކާލާތު ކުރައްވަނީ މާލެ ކަހަލަ ތޮއްޖެހިފައިވާ ސިޓީއެއްގެ ތެރޭގައި، ކުއްލިއަކަށް ކޮރޯނާ ވައިރަސް ފެތުރިގަނެދާނެތީ އެވެ. ހާއްސަކޮށް، ކުރެއްދޫގައި ހުރި ވައިރަސް ޖެހުނު އިޓަލީ ޓޫރިސްޓް މާލެ އައިސްފައިވުމާއި އޭނާއާ ކޮންޓެކްޓުވި އެންމެން ހޯދަން އުނދަގޫވެފައިވުމަކީ، މާލޭގައި އެ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތްކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންޓެކްޓުވި އެންމެން ހޯދަން އުނަދަގޫތަކެއް ހުންނާނެ. އެހެން ވީމާ އެ މީހާގެ ފަރާތުން ޕާސަންޓް ޕާސަންއަށް އެ ވައިރަސް ނާރާކަމަށް ކަށަވަރު ކުރަން އުނދަގޫވާނެ. ޗާންސެއް ނުނަގާ މީހުން އެއްވުމާއި ހަފްލާތައް ބޭއްވުން ސުކޫލްތައް ފަދަ ކަންކަން މަނާކުރަން ޖެހެނީ އެހެންވެ،" ސިއްހީ ދާއިރާގެ ބޭފުޅާ ވިދާޅުވި އެވެ. "ރާއްޖޭގައި ކޭސްތައް މަތިވެއްޖިއްޔާ ހެލްތު ސިސްޓަމް ވަލްނަރަބަލްކަމުން އެ ކޭސްތައް ހޭންޑްލް ނުވެ ބޮއްސުންލުމުގެ ފުރުސަތު އޮންނާނެ،"

އެބޭފުޅާ ވިދާޅުވި ގޮތުގައި، ވައިރަސް އެ ހާލަަތަށް ދިޔުމަށް އެއްވެސް ކަހަލަ ފުރުސަތެއް ދީގެން ނުވާނެ އެވެ. އެ ފުރުސަތު ދީފި ނަމަ، ނިޒާމު ބޮއްސުންލާ ރާއްޖެ ބޮޑު ބަލިމަޑުކަމަކަށް ވެއްޓި ގައުމު ހުއްޓުމަކަށް އައިސްދާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ. ސަބަބަކަށް ވަނީ ވައިރަސް ހުރި މީހަކު ދެ ދުވަހަށް ނަމަވެސް މުޖުތަމައުގެ ތެރެއަށް ދޫވެގެން އުޅެފައިވުމުން އެ ވައިރަސް އޭނާގެ ފަރާތުން އެހެން މީހަކަށް ޖެހިފައި ނުވާކަމުގެ ޔަގީންކަން ދޭން އެއްވެސް މީހަކަށް ނޭނގުން ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

މާރިޗް 11، 2020: ކޮވިޑް19 އާ ބެހޭގޮތުން ސަރުކާރުގެ ސްޕޯކްސް ޕާސަން މަބުރޫކް އަޒީޒް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހްމަދު ސައީދު

"އެ ޔަގީންކަން ދެވޭނެ މީހެއް ނުހުންނާނެ. އެހެން ވީމާ، މިވަގުތަށް އެއްވެސް ޗާންސެއް އަޅުގަނޑުމެން ދޫކޮށްލައިގެން ނުވާނެ. ރިސްކެއް ނުނެގޭނެ. އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުމެއް ނުވާނެ ރާއްޖެ ބަލިމަޑުކަމުގެ ހާލަތަކަށް ވެއްޓޭކަށް. އެ ހާލަތަށް ނުދާން އަޅުގަނޑުމެން ފިޔަވަޅު އަޅަން ޖެހެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ސިއްހީ މާހިރުން ގޮވާލަމުން ދާ ބައެއް ފިޔަވަޅުތައް ރާއްޖެ މިހާރުވެސް އަޅައިފި އެވެ. އެގޮތުން، އާންމުކޮށް މީހުން އެއްވާ މިސްކިތުގެ ޖަމާއަތަށް ކުޑަކުދިންނާއި މުސްކުޅިން ނުދިޔުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ސްކޫލްތައް ހުޅުވުން ވެސް ހަފްތާއެއް މި ވަނީ ލަސްކޮށްލައިފަ އެވެ. އެކަމަކު ސުވާލަކީ މި ފިޔަ.ވަޅުތަކުން ހަމައެކަނި ފުދޭ ހެއްޔެވެ؟

ސިޔާސީ މީހުންގެ ވިލްއެއް ނެތް!

ރާއްޖެ ތައްޔާރުވަމުން ދަނީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށެވެ. ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން ބުނަނީ އެ ޕާޓީއިން ކެމްޕޭން ހުއްޓާނުލާނެ ކަމަށާއި އިންތިހާބު ފަސް ކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ. ކެމްޕޭން އެއްވުންތައް ވެސް އަނެއްކާ ވަނީ ފަށައިފަ އެވެ. އިލެކްޝަން ކޮމިޝަންގެ މެންބަރުން ވެސް އެ ވާހަކައަށް އިއްތިފާގުވެ އެވެ. އެބޭފުޅުން ވެސް ވިދާޅުވަނީ އެ ހާލަތަށް، އަދި ދާ ވަރެއް ނުވާކަމަށެވެ.

އެކަމަކު ސިއްހީ ދާއިރާގެ ބޭފުޅުންގެ ވާހަކަ އެއާ މުޅިން ތަފާތެވެ. އެބޭފުޅުންގެ ނަޒަރުގައި މީހުން އެއްތަނަކަށް ޖަމާވާ ގޮތަށް އެއްވެސް ޒާތެއްގެ އެއްވުމެއް ބާއްވައިގެން ނުވާނެ އެވެ. ސަބަބަކީ ވައިރަސް ފެތުރުމަށް އެއްވެސް ކަހަލަ ރިސްކެއް ނުނެގޭނެތީ އެވެ. އެ ނަގާ ރިސްކަކުން ނުބައި ނަތީޖާ ނިކުތުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"ސިޔާސީ ބޭފުޅުން ބޭނުންވާ މިއީ ހަމަ ރޯގާއެކޭ ކިޔާލާފައި މި ހާލަތު ޑައުންޕްލޭ ކުރަން. އޯކޭ! ރައްޔިތުން ޕެނިކް ވެގެން ނުވާނެ. އެކަމަކު ރިސްކް ޑައުންޕްލޭކޮށްގެން މިއީ ނޯމަލްސީއެއް ކަމަށް ބަލައިގެން އުޅެގެން ނަތީޖާ އޮތީ ވަރަށް ހިތިކޮށް ނިކުމެފައި. އެ ޗާންސް އަޅުގަނޑުމެން ނަގާނީހޭ، ނޫނީ ޕްރިވެންޓް ކުރާނީހޭ. އަޅުގަނޑަށް ހީވަނީ އޮޕްޝަންއަކީ ޕްރިވެންޝަންހެން. އަވަހަށް އެޅެން ހުރި ފިޔަވަޅެއް އެއް ކަމެއް ވެސް ދޫނުކޮށް އެޅުން އެއީ ކުރެވޭނެ ކަމަކީ،" ކުރިންވެސް ވާހަކަ ދެއްކެވި ސިއްހީ ދާއިރާގެ ބޭފުޅާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވަނީ ރާއްޖެ ހުއްޓޭނެ ފަދަ އެއްވެސް ފިޔަވަޅެއް ރޯގާއާ ގުޅިގެން އަޅަން ނުފެންނަ ކަމަށެވެ. ހާއްސަކޮށް ސިޔާސީ ކެމްޕޭންތައް ހުއްޓާލުމާއި ސަރަހައްދުތައް ލޮކްޑައުންކުރުން ފަދަ ކަންކަން ކުރަން ނުޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ. އެ މަގަށް ވަރަށް ބޮޑަށް ވަކާލާތުވެސް ކުރައްވަ އެވެ. އެކަމަކު، އެއީ މިދަނޑިވަޅުގައި ރާއްޖެ ހިނގަން ވީމަގެއް ހެއްޔެވެ؟

މެދުއިރުމަތީގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރުނު އީރާންގެ ހާލަތުން އިބުރަތް ހާސިލްކުރާ ނަމަ، އެގައުމުގައި އެ ވައިރަސް މައިތިރިނުވެ ކުރިއަށް ދިޔައީ ސިއްހީ ދާއިރާގެ ބޭފުޅުންގެ އިރުޝާދުތަކުގެ މައްޗަށް ސިޔާސީ ނިންމުންތައް މުހިންމުވުމެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

އީރާނުގައި ބޯމަތިވެފައި އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ލަސްކުރަން އީރާނުގެ ރޫހީ ލީޑަރާއި އެ ގައުމުގެ ނުފޫޒުގަދަ ސިޔާސީ ފަރާތްތައް ބޭނުމެއް ނުވި އެވެ. އެ އިންތިހާބުގެ އެއް ދުވަސް ކުރިން ކޮރޯނާ ވައިރަހުގައި މީހަކު މަރުވި ނަމަވެސް، އީރާން ސަރުކާރުން އާންމުންނަށް އެ ހާލަތު ފޮރުވީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އީރާނުން އެގޮތަށް ކަންތައް ކުރީ، އިންތިހާާބަށް ނިކުންނަ މީހުން މަދުވެދާނެތީ އެވެ.

އެކަމަކު ގިނަ ބަޔަކު އެއްވެ، ބޭއްވި އިންތިހާބުން މުޅި ގައުމު ބަލިމަޑުކަމެއްގެ ތެރެއަށް ގެންދިޔަ އެވެ. އެހާ ވަރުގަދަ ސިއްހީ ނިޒާމެއް އޮތް ނަމަވެސް، އީރާންއަށް ބަލިމަޑުކަމުގެ ތެރެއިން ކުރި ނުހޯދުނީ ސިޔާސީ ނިންމުންތައް މުހިންމުވުމުންނެވެ.

އެކަމަކު ރާއްޖެ ކަހަލަ، ސިއްހީ ނިޒާމު އެހާ ރަނގަޅު ނޫން ގައުމެއްގައި ބޮޑެތި ރިސްކުތަކެއް ނަގަން ހެޔޮނުވާނެ އެވެ. ސިސްޓަމް ކޮލެޕްސް ވެއްޖެ ނަމަ ރާއްޖެ އަރައި ނުގަނެވޭނެ ހާލަތަކަށް ސޮއްސާލަފާނެ އެވެ.

ޑަބްލިއުއެޗްއޯގެ އިރުޝާދު: ލަސްނުކޮށް ފިޔަވަޅުތައް ވަރުގަދަކުރޭ!

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރޭ އިއުލާންކުރި ގޮތުގައި، ކޮރޯނާވައިރަސްއަކީ މިހާރު މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ބޮޑު ބަލިމަޑުކަމެއް ނުވަތަ ޕޭންޑެމިކް އެކެވެ.

ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނަމް ގެބްރަޔަސަސް ރޭ ވިދާޅުވި ގޮތުގައި މި ހާލަތަށް ދުނިޔެ ވެއްޓެން ޖެހުނީ، ވައިރަސް ފެތުރިގެން ދިޔައިރު އެކަމާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރެވިފައި ނުވާތީކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ ގޮވާލެއްވީ އެއްވެސް ކަހަލަ ދޫދިނުމެއް ނެތި ވައިރަސް ކޮންޓްރޯލްކުރަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި ބަލި ކޮންޓްރޯލްވުން ގުޅިފައި ވަނީ، ގައުމުތަކުން ފިޔަވަޅު އަޅާ ގޮތެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ވެރިޔާ ޓެޑްރޮސް އަދަނަމް ގެބްރަޔަސަސް --

"މިއީ ނުވާނެ ކަމެއް ނޫން. މި ވައިރަސް ކޮންޓްރޯލް ކުރެވޭނެކަން އެތައް ގައުމަކުން ސާބިތުކޮށްދީފި،" ޓެޑްރޮސް ވިދާޅުވި އެވެ.

ކޮރޯނާވައިރަހަކީ އެ ވައިރަހުގެ ހަގީގަތް އަދި މުޅިން ހޯދިފައި ނެތް މުޅިން އާ ޒާތެއްގެ ވައިރަހެކެވެ. ޑަބްލިއުއެޗްއޯގެ އިރުޝާދަކީ، މައުލޫމާތުތައް ނުފޮރުވާ ވީހާ ބޮޑަށް ހާމަކުުރުމެވެ. ބަލީގެ ހާލަތު އޮތް މިންވަރު ނުފޮރުވުމެވެ. އޭގެ ބޭނުމަކީ ބަލިން ރައްކާތެރިވުމަށް އާންމުންގެ ސަމާލުކަމަށް ގެނައުމެވެ. އާންމުން އެލާޓްގައި ބޭތިއްބުމެވެ.

ރާއްޖެއިން ވެސް ކޮންމެ ދުވަހަކު ދެފަހަރުގެ ބަލީގެ ހާލަތު އާންމުންނަށް ބުނެދޭން ޕްރެސް ކޮންފަރެންސްތައް ބާއްވަ އެވެ. އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއިންނާއި ޓެކްސްޓް މެސެޖުން ވެސް އަންނަނީ ހޭލުންތެރިކޮށް މައުލޫމާތު ދެމުންނެވެ. އެކަމަކު ކޭސްތަކުގެ މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން ހިފެހެއްޓުންތައް ގެންގުޅެ އެވެ. މިސާލަކަށް ބަލި ޖެހޭ މީހުންގެ ގައުމު ހާމަކުރުން ހިފެހެއްްޓި އެވެ.

ބަލި ކޮންޓްރޯލް ކުރުމުގައި ނަމޫނާ ދެއްކި ސިންގަޕޫރުގައިއޮންލައިންކޮށްޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ވަކިން ފެންނާނެ ގޮތް އެ ގައުމުގެ ސަރުކާރުން އާންމުކުރި އެވެ. އެ މީހަކު ނިސްބަތްވާ ގައުމާއި ޖިންސު އަދި ކޭސްގެ ތަފްސީލް ވެސް ފެންނާނެ ގޮތް ހެދި އެވެ. އޭގެ ބޭނުމަކީ، ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވެފައި ތިބި މީހުން އަމިއްލައަށް ރިޕޯޓްކުރުމަށް ބާރު އެޅުމެވެ.

16 މާޗު 2016: އެޗްވަންއެންވަން ފެތުރުނު ދުވަސްވަރު އާންމު މީހަކު މާސްކް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވީމާ މި ވައިރަހާ ގުޅޭ އެއްވެސް މައުލޫމާތެއް ފޮރުވުމަކީ ބޮޑު ނުރައްކަލެކެވެ.

ޑަބްލިއުއެޗްއޯގެ އިރުޝާދަކީވެސް ވީހާ ބޮޑަކަށް ހާމަކަން އިތުރުކުރުމެވެ. މިވައިރަހުން ސަލާމަތްވުމަށް، އާންމުންގެ ޒިންމާ ބޮޑެވެ. އެ ޒިންމާ އަދާކުރުމަށް ބާރު އެޅުމާއި ހިތްވަރު ދިނުމާއި މަގުފަހިކުރުމުގެ ޒިންމާ އޮތީ ސަރުކާރުގެ ބޮލުގައި އެޅިފަ އެވެ.

ވައިރަސް މައިތިރިވުމާ ނުވުމުގެ ބޮޑުވައި ގުޅިފައި އޮތީ ސަރުކާރުން އަމަލު ކުރާ ގޮތެއްގެ މައްޗަށެވެ. އަޅާ ފިޔަވަޅުތަކެއްގެ މައްޗަށެވެ. އެއްވެސް ފިޔަވަޅެއް ލަސްކުރެވޭކަށް ނެތެވެ. މިއީ ގޮތް ނޭނގޭ ވައިރަހެއް ކަމުން ކޮންމެ ފަދަ ހަލާތަކަށް ވެސް ސިއްހީ ނިޒާމު ހޭލަންވީ އެވެ. ނޫން ނަމަ، ދެން އުފުލަން ޖެހޭ ތަކުލީފު މާބޮޑުވާނެ އެވެ.