11 Mar 2020, 11:40
އަންނަ މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ޖެހޭ ފަދަ ހާލަތެއް އަދި އައިސްފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އެއްވެސް އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރެއް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ.
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާއިރު، އެ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ލަސް ކުރުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
އެކަމަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، އިންތިހާބު ލަސް ކުރަން ޖެހޭފަދަ ހާލަތެއް އޮތް ކަމަށް ކޮމިޝަންގެ އެއްވެސް މެންބަރަކު ގަބޫލެއް ނުކުރައްވަ އެވެ.
އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިސީން، ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅޭނެ ކަމަށާއި ނަމަވެސް އެފަދަ ހާލަތެއް އަދި ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އިލެކްޝަން ކޮމިޝަނުގެ ފަސް މެންބަރުންނަށް ވެސް އެފަދަ ހާލަތެއް ރާއްޖެއަށް އައިކަމަކަށް އަޅުގަނޑުމެން ކޮމިޝަނުގެ މެންބަރުންނަކަށް ހިޔާލުތަފާތުވާ ލެވަލަކަށް ވެސް ނާދެ. ކޮމިޝަނުގެ މެންބަރުންނަށް އެބަ އިއްތިފާގުވެ ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭ ހިސާބަކަށް އަދި ނުދާކަމަށް،" ޝަރީފް ވިދާޅުވި އެވެ.
އިންތިހާބު ލަސްކުރަން ޖެހިއްޖެ ނަމަ ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަން ޝަރީފް ފާހަގަކުރެއްވި އެވެ. އެގޮތުން އިންތިހާބަށް ކަނޑައެޅި ބަޖެޓްގެ ތިންބައިކުޅަ އެއްބައި ހަރަދު ކޮށްފައިވާ ކަން ޝަރީފް ވިދާޅުވި އެވެ. އަދި އިންތިހާބު ފަސްކޮށްފި ނަމަ އިތުރަށް 25 އާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ބޭނުންވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސް މިހާތަނަށް ފެނިފައިވަނީ ރިސޯޓުތަކުން ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، ސަރުކާރުން ލޮކްޑައުން ކުރާ ރިސޯޓެއްގައި ފޮށި ބެހެއްޓުމާއި މެދު ނުވަތަ އެތަނަކަށް ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމާއި ގުޅޭ ގޮތުން އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ. ހަމަ އެގޮތަށް ރާއްޖެއިން ބޭރުގައި، ކޮރޯނާ ހަލުވުކަމާއި އެކު ފެތުރޭ ބައެއް ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމާއި ގުޅޭ ގޮތުން ވެސް ގައުމީ ލަފާދޭ ކޮމެޓީގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. އެހެން ނަމަވެސް، އެކަމުގައި ވެސް އަދި ގޮތެއް ނުނިންމަ އެވެ.