ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އދ. ވިލަމެންދޫ އައިލެންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ވައިރަހަށް ނެގެޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ވިލަމެންދޫ ރިސޯޓުން ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިފައި ވަނީ އެ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފެއްގެ ގައިންނެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބި، ކޮންޓެކްޓު ޓްރޭސިން ނިމެންދެން ރިސޯޓަށް އަރާ ފޭބުން އޮތީ ވަގުތީގޮތުން މަނާކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުގެ އިތުރުން އެ ރިސޯޓުގައި ކުރިއަށް ދިޔަ "ކޮންޓެކްޓް ޓްރޭސިންގ" ނިމިފައި ވާތީ މިހާރު ރަށަށް އަރާ ފޭބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ވިލަމަންދޫ ރިސޯޓްވެސް ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޅ. ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ކިބައިން ކޮރޯނާވައިރަސް އަރައި، އެ ރިސޯޓްގެ ދެ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން، އއ. ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި ފްރާންސްގެ ދެ ޓޫރިސްޓަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ ރިސޯޓުން ވެސް އޮތީ ލޮކްޑައުންގަ އެވެ.

މުޅި ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް، ހަ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ވިލަމެންދޫ ހުޅުވާލުމާއެކު، ކުރެއްދޫ އާއި ބަތަލާގެ އިތުރުން ދެން މީހުން އަރައި ފޭބުން މަނާކޮށްފައި އޮތީ ވަން އެންޑް އޮންލީ ރީތި ރަށާއި، ކުރަމަތި އައިލެންޑް ރިސޯޓެވެ.