އީރާނުން މިދިޔަ ހަފްތާގައި ވައްޓާލި އެމެރިކާގެ އާރު.ކިޔޫ. 170 މަރުކާގެ ޖާސޫސީ މަތިންދާބޯޓަކީ އީރާނަށް ލިބުނު އަގު ނުކުރެވޭ ފަދަ ޓެކްނޮލޮޖީގެ ޣަނީމާއެއް ކަމަށް އެމެރިކާގެ ވައިގެ ސިފައިންގެ ކުރީގެ އޮފްސަރު އަދި ޕެންޓަގަންގެ މިހާރުގެ ޕްރެސް އޮފްސަރު ރޮބަޓް ޑެނިސްމޯ ސިފަކުރައްވައިފި އެވެ.

ޑެނިސްމޯ ވިދާޅުވީ ޕައިލެޓަކާނުލާ ދަތުރު ކުރާ އާރު.ކިޔޫ. 170 މަރުކާގެ ޑްރޯން މަތިންދާ ބޯޓަކީ އެމެރިކާގައި މިހާތަނަށް އުފައްދާފައިވާ މިބާވަތުގެ އެންމެ ފެންވަރުމަތީ ޓެކްނޮލޮޖީގެ ބޯޓަކަށްވުމުގެ އިތުރުން މިއީ ވަރަށް ނާދިރު ޓެކްނޮލޮޖީއެއްގައި އެމެރިކާގެ ސައެންސްވެރިން އުފައްދާފައިވާ ބޯޓެއް ކަމުގަ އެވެ.

"ސެންޓަލް" ޓެކްނޮލޮޖީގެ މިބޯޓުގެ ކޮންމެ ބަޔަކީވެސް މުޅިން އައު ޓެކްނޮލޮޖީއެއްކަން ބަޔާން ކުރައްވަމުން ޑެނިސްމޯ ވިދާޅުވީ އެމެރިކާގެ މިބޯޓުގެ ރާޑާ ސިސްޓަމާއި އޮނިގަނޑާއި އިންޖީނުގެ އިތުރުން އޭގައި ލާފައިވާ ދަވާދަކީ ވެސް އެބޯޓު ރާޑަރަށް ނުފެންނަ ގޮތެއްގެ މަތިން ތައްޔާރުކޮށްފައިވާ ވަރަށް ނާދިރު ޓެކްނޮލޮޖީއެއްގެ ދަވާދެއް ކަމުގަ އެވެ.

ޑެނިސްމޯއާ ހަވާލާދީ އެމެރިކާގެ "ކްރިސްޓިޔަން ސައެންސް މޮނިޓާ" ނޫސް ބުނިގޮތުގައި އީރާންފަދަ ހަތިޔާރުގެ އިންޑަސްޓްރީ ތަރައްޤީކުރަން މަސައްކަތްކުރާ އެމެރިކާގެ ދުޝްމަން ޤައުމެއްގެ ސައެންސްވެރިންގެ އަތް މައްޗަށް މިބޯޓު އެރުމަކީ އޭގެ ޓެކްނޮލޮޖީ ކޮޕީކޮށްގެން އިލެކްޓްރޯނިކް ޖާސޫސީ ޓެކްނޮލޮޖީ އިތުރަށް ތަރައްޤީކޮށް އެޓެކްނޮލޮޖީގައި ކުރިޔަށް "ދެމިގަތުމުގެ" ފުރްސަތު އީރާނަށް ލިބިގެންދާނެ ކަމެއް ކަމުގަ އެވެ. އެހެންކަމުން އެމެރިކާގެ އާރު.ކިޔޫ. 170 މަރުކާގެ ޑްރޯން މަތިންދާ ބޯޓު، އީރާނުގެ އަތް ދަށުގައިވުމަކީ އެމެރިކާއަށް ލިބުނު ސްޓްރެޓީޖިކް ގެއްލުމެއް ކަމަށް ޑެނިސްމޯ ސިފަކުރެއްވި އެވެ.

އީރާން ބުނާގޮތުން މިދިޔަ ހަފްތާގައި އެޤައުމުގެ ވައިގެ ސަރަހައްދަށްވަން އެމެރިކާގެ އާރު.ކިޔޫ. 170 މަރުކާގެ ޑްރޯން މަތިންދާބޯޓް ވައްޓާލާފައިވަނީ އެޤައުމުގެ އިރުމަތިން 250 ކިލޯމީޓަރު އެތެރެއިންނެވެ.

މިބޯޓުގެ ވީޑިއޯއާއި ފޮޓޯތައް އީރާނުން ހާމަކޮށްފައިވާއިރު މިބޯޓަށް މާބޮޑުގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އީރާނުން ބުނެ އެވެ. ބަޑިޖަހައިވައްޓާލުމުގެ ބަދަލުގައި"ސައިބާ އެޓޭކެއް" ދީގެން އެމެރިކާގެ ބޯޓް އަތުލައިގަތީ ނުވަތަ އިލެކްޓްރޯނިކްކޮށް ސައިބާ ދަލެއްގައި ޖައްސައިގެން އެބޯޓު "ބޭނީ" ކަމަށް އީރާންގެ ވައިގެ ސިފައިން ބުނެ އެވެ.

މިގޮތުން އެމެރިކާގެ ބޯޓް، އީރާންގެ ވައިގެ ސިފައިންގެ "އިލެކްޓްރޯނިކް އެންޑް ސައިބާ ވޯފެއާ" ޔުނިޓްގެ މަޅިއެއްގައި ޖެއްސުމަށްފަހު އެބޯޓްގެ ކޮންޓްރޯލް ހޯދައިގެން، ބޯޓަށް ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށް ބޯޓު ބިމަށް ތިރިކުރީ ކަމަށް އީރާނުގެ ވައިގެސިފައިންގެ ތަރްޖަމާނަކު ވިދާޅުވި އެވެ.

އެމެރިކާ ވެސް ވަނީ ބަޑީގެ ހަމަލާއެއް ބޯޓަށް އަމާޒުވިކަން އެނގެން ނެތް ކަމަށް ބުނެ އީރާނުން އާންމުކުރި ވީޑިއޯތައް ދިރާސާކުރަމުންދާ ކަމަށް ބުނެފަ އެވެ.

އީރާނުން މިބޯޓު އަތުލައިގަތް ގޮތާމެދު އެމެރިކާ ކަންބޮޑުވެފައިވާއިރު އިލެކްޓްރޯނިކް އެންޑް ސައިބާ ވޯފެއާ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ބޯޓުތައް އަތުލައިގަތުމުގެ ފަންނީ ޤާބިލްކަން އީރާން މިހާރު ހޯދާފައިވެދާނެ ކަމުގެބިރު އެމެރިކާ އިޙްސާސްކުރާ ކަމަށް ރޮބަޓް ޑެނިސްމޯއާ ހަވާލާދީ ކްރިސްޓިޔަން ސައެންސް މޮނިޓާ ބުނެ އެވެ.

އީރާން ކުރިއަރާފައިވާކަން އެމެރިކާއަށް އެނގޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ފަޒާގެ ސައެންސްގެ ދާއިރާ އާއި ނެނޯޓެކްނޮލޮޖީ އާއި ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ސްޓެމްސެލްގެ ރީސާޗް ފަދަ ދާއިރާތައް ހިމެނޭއިރު ޓެކްނޮލޮޖީގެ އެހެން ވަރަށް ގިނަ ރޮނގުތަކުގައި އީރާން ކުރިއަރާފައިވާ މިންވަރު އެމެރިކާއަށް ނޭންގޭ ކަމަށް މިނޫސް ބުނެ އެވެ.

އީރާނުން އަތުލައިގަތް 6 މިލިޔަން ޑޮލަރުގެ އެމެރިކާގެ ޑްރޯން ޖާސޫސީ މަތިންދާ ބޯޓް، ޕެންޓަގަން އިން ޕްރޮގްރާމް ކޮށްފައި ވަނީ އީރާނަށް ޖާސޫސުކުރުމަށްޓަކައި އެޤައުމުގެ ވައިގެ ސަރަހައްދުގައި އުދުއްސުމަށްފަހު ސަލާމަތާއެކު އަފްޣާނިސްތާނަށް ޖައްސާގޮތަށް ކަމަށް އެމެރިކާގެ އަސްކަރީ ފަރާތްތަކާ ހަވާލާދީ ކްރިސްޓިޔަން ސައެންސް މޮނިޓާ ބުނެ އެވެ. މިބޯޓު އީރާނުން އަތުލައިގަންނާނެ ކަމުގެ ހިޔާލުވެސް އެމެރިކާ ކޮށްފައިނުވާ ކަމަށް މިނޫސް ބުނެ އެވެ.