ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީގެ ރޯމް އިން މިއަދު ރާއްޖެ އައި ދެ ދިވެހީން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އެންމެ ބާރަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ.

އެޗްޕީއޭ އިން ބުނީ އެ ދެ މީހުން ކަރަންޓީނު ކުރަނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކަމަށެވެ. އުސޫލުގެ ދަށުން އެ ދެމީހުން ވެސް 14 ދުވަހަށް ކަރަންޓީނު ކުރާނެ އެވެ.

އިޓަލީގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 631 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރި އިޓަލީ ފަތުރުވެރިޔަކު ގައުމަށް އަނބުރާ ގޮސް، އޭނާ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން ވަނީ އަންގައިފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމުކަމަށްވާ އިޓަލީ އިން ރާއްޖެ އަންނަ ފްލައިޓުތައް ހުއްޓާލާފައި ވާއިރު އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އައުންވެސް ވެސް ވަނީ ވަގުތީގޮތުން ހުއްޓާލައިފަ އެވެ.

އަދި ރާއްޖޭގައި މިވަގުތު ތިބި އިޓަލީ ފަތުރުވެރިން އަނބުރާ ގެންދިއުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މީގެ ކުރިން ޗައިނާއިން ރާއްޖެ އައި ދެމައިން ވެސް 14 ދުވަސް ވަންދެން ކަރަންޓީނު ކުރިއެވެ. އެމީހުން ދޫކޮށްލައިފައި ވަނީ އިއްޔެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑްގެ ހަ ކޭސްއެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ކުރެއްދޫ ރިސޯޓުން ފެނުނު ހަތަރު ކޭސްއާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭސް ހިމެނެ އެވެ. ކޮވިޑްއާ ގުޅިގެން މިހާރު ފަސް ރިސޯޓް އޮތީ ލޮކްޑައުންގަ އެވެ.

ރާއްޖެއިން ބަލި ފެނުމާ ގުޅިގެން އިޓަލީގެ އިތުރުން، ޗައިނާ، އީރާން، ބަންގްލަދޭޝް އަދި ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން ރާއްޖެއަށް މީހުން އައުން ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ.