11 Mar 2020, 09:57
ރޯމް (މާޗް 11): އިޓަލީގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10،000އަށް ވުރެ އިތުރުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 31ގައި އިޓަލީން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ފެނުނު ފަހުން، އިއްޔެއަކީ އެ ވައިރަސް ޖެހިފައިވާ އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ. އެގޮތުން އިއްޔެ އިޓަލީގައި 168 މީހަކު މަރުވެފައިވެ އެވެ. އެއާއެކު އިޓަލީގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު 631އަށް އަރާ، ޗައިނާއިން ބޭރުގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،000އަށް ވުރެ އިތުރުވެފަ އެވެ.
މީގެ އިތުރުން އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެ ވަނީ 10،149އަށް އަރާފަ އެވެ. އެގައުމަކީ މިހާރު ޗައިނާއިން ބޭރުގައި، ވައިރަސް ޖެހިފައިވާ އެންމެ ގިނަ މީހުން ތިބި އަދި އެންމެ ގިނަ މީހުން މަރުވި ގައުމެވެ.
އިޓަލީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ މުޅި ގައުމު ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި އާއްމު ތަންތަނުގައި މީހުން އެއްވެ އުޅުން މަނާ ކުރުމާއި މުޅި ގައުމުގައި ހުރިހާ ކުޅިވަރު އިވެންޓުތައް ހުއްޓުވުމާއި އަންނަ މަހުގެ ތިނެކާ ޖެހެންދެން ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދު ކުރުން ހިމެނެ އެވެ. އަދި އެގައުމަށް ކުރާ ދަތުރުތަކާއި ގައުމުން ބޭރަށް ކުރާ ދަތުރުތަކުގެ އިތުރުން ގައުމުގެ އެތެރޭގެ ދަތުރުފަތުރު ވެސް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.
އިޓަލީގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ ގައުމުގެ އުތުރުގައި އޮންނަ ލޮމްބާޑީ ރީޖަންގަ އެވެ. އެގޮތުން މުޅި ގައުމުން ވައިރަސް ޖެހިގެން މަރުވި މީހުންގެ ތެރެއިން 74 ޕަސެންޓު މީހުން މަރުވެފައި ވަނީ އެސަރަހައްދުގަ އެވެ. ނަމަވެސް އެ ވައިރަސް ވަނީ މިހާރު މުޅި ގައުމަށް ފެތުރިފަ އެވެ. އަދި އިޓަލީގެ އުތުރާ ބަލާއިރު ތަރައްގީވެފައިވާ މިންވަރު ކުޑަ ސަރަހައްދުތަކަށް ވައިރަސް ފެތުރިއްޖެ ނަމަ، އެ ސަރަހައްދުތަކުގެ ސިއްހީ ނިޒާމު އަޑިއަޅާލާ، މަރުވާ މީހުންގެ އަދަދު މިހާރަށް ވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.