ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ޕޮޕް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ފަންނާނު ކަމަށްވާ މެޑޯނާ، ފްރާންސްގެ ވެރިރަށް ޕެރިސްގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޝޯތައް ކެންސަލުކޮށްލައިފި އެވެ.

މެޑޯނާގެ ގިނަ ޝޯތަކެއް، ޕެރިސްގައި ބޭއްވުމަށް ވަނީ މީގެ ކުރީޏް ހަމަޖައްސާފަ އެވެ. ބައެއް ޝޯތަކަށް ޓިކެޓު ހުސްވެފައިހުރި އިރު އެ ވާހަކަ އިއުލާނުކުރުމުން ގިނަ ފޭނުންނެއް ވަނީ މާޔޫސްވެފަ އެވެ.

ޝޯތައް ކެންސަލުކުރުމަށް ނިންމާފައި ވަނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަށް، ފްރާންސްގެ ސަރުކާރުން މަނާކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި މެޑޯނާ ބުނެފައި ވަނީ އޭނާގެ ޝޯތައް ކެންސަލު ކޮށްލަން ޖެހެނޭ ކަމަށެވެ. އަދި ޝޯތައް ކެންސަލުކުރަން ޖެހުމުން އެކަމާ ވަރަށް ހިތާމަކުރާ ކަމަށް އޭނާ ބުންޏެވެ.

މެޑޯނާގެ "މެޑޭމް އެކްސް" ޓުއާގެ ދަށުން އެންމެ ފަހުގެ މަންޒިލަކީ ޕެރިސް އެވެ. ނަމަވެސް ޕެރިސްގެ ޝޯ އާ ނުލާ މެޑޯނާގެ ޓުއާ ވަނީ ހުއްޓާލަން ޖެހިފަ އެވެ.

އެ ޝޯ އަލުން ބާއްވާނެ ކަމުގެ އެއްވެސް މައުލޫމާތެއް މެޑޯނާ ހާމަކޮށްފައެއް ނުވެ އެވެ. އަދި ޓިކެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކުންގެ ރީފަންޑް އާ ގުޅޭ ގޮތުން ވެސް މެޑޯނާ ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.

ކޮވިޑް-19 ވައިރަސް އަށް ފްރާންސް އިން ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އާ ގާތް ކުރާއިރު އެ ވައިރަސްގައި މަރުވި މީހުންގެ އަދަދު ވަނީ މިހާރު 16 އަށް އަރައިފަ އެވެ.