ވޮޝިންޓަން (11 މާޗް 2020) : ކޮވިޑް-19 ވައިރަސް އެހެން ގައުމުތަކަށް ފަތުރާ މައިމަރުކަޒެއްކަމުގައި ޔޫރަޕް ވެއްޖެ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ވޮޝިންޓަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލްގެ ޑައިރެކްޓާ ރޮބަޓް އާރު ރެޑްފީލްޑް ވިދާޅުވީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް-19 ވައިރަސް ފަތުރާ މަރުކަޒު (ހޮޓްބެޑް)ގެ ގޮތުގައި އޮތީ ޔޫރަޕް ކަމަށާއި އެމެރިކާއަށް ވެސް ކޮވިޑް-19ގެ ގިނަ ހާލަތްތައް އައިސްފައި ވަނީ ޔޫރަޕުން ކަމުގަ އެވެ. އެހެންކަމުން މިހާރު ޔޫރަޕް ވަނީ ކޮވިޑް-19ގައި ޗައިނާ ކުރިންއޮތް ހާލަތަށް ވެއްޓިފައި ކަމަށް ވެސް ރެޑްފީލްޑް ވިދާޅުވި އެވެ.

ޔޫރަޕްގައިވާ ކޮވިޑް-19ގެ މައި ހޮޓްބެޑަކީ އިޓަލީކަމަށް ރެޑްފީލްޑް ވިދާޅުވި އިރު ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ އިންވެސްވަނީ ޔޫރަޕްގައިވާ ކޮވިޑް-19ގެ މައި ހޮޓްބެޑަކީ އިޓަލީކަމަށް ބުނެފަ އެވެ. އެމެރިކާއާއި ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އިޓަލީން މީހުން އެގައުމުތަކަށް އައުން މަނާކޮށްފަ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ އެގައުމުތަކުގެ ރައްޔިތުން ވެސް އިޓަލީއަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް -19 އާ އާ ގުޅިގެން އިޓަލީގެ ރެސްޓޯރެންޓްތައް ހުސްކޮށް

އިޓަލީއަށް ބަލާއިރު ފާއިތުވި 24 ގަޑީއިރު ތެރޭގައި އެގައުމުގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 9172 އިން 10150 އަށް އިތުރުވެފަ އެވެ. އިޓަލީގައި ކޮވިޑް-19 ވަބާއަކަށް ބަދަލުވެދާނެކަމުގެ ބިރު ބޮޑުކަމަށް ތަޖްރިބާކާރުން ބުނާތީ އެ ރޯގާ ކޮންޓްރޯލް ކުރުމަށް ޓަކައި އިޓަލީގެ މުޅި އާބާދީ ކަމަށްވާ 60 މިލިޔަން ރައްޔިތުން ގެއިން ބޭރަށް ނުނުކުމެ ތިބުމަށް އިޓަލީ ސަރުކާރުން ވަނީ އެގައުމުގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. މިއާއެކު އިޓަލީގެ ގިނަ އިގްތިސާދީ ހަރަކާތަކާއި ކުޅިވަރު ހަރަކާތްތަކާ އަދި ދަތުރުފަތުރާއި ހޮޓާ ރެސްޓޯރެންތަކުގެ ހަރަކާތްތައް ވެސް ވަނީ ހުއްޓިފަ އެވެ.

އިޓަލީގެ މިހާލަތާއެކު ކޮވިޑް-19 ޔޫރަޕްގެ އެހެން ގައުމުތަކަށް ވެސް ފެތުރެމުންދާތީ މުޅި ޔޫރަޕް ވަނީ ކަންބޮޑުވެފަ އެވެ. އިޓަލީގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 631 މީހުން މަރުވެފައިވާއިރު އެ ރޯގާގެ ޖެހުނު މީހުންގެ އަދަދުވަނީ 10150 އަށް އަރާފަ އެވެ. ކޮވިޑް-19 ވައިރަސް މީގެ ދެމަސްބައި ކުރިން ފެނުނީ ޗައިނާއިންނެވެ. އެދުވަސްވަރު އެ ވައިރަސް ފަތުރާ މަރުކަޒު (ހޮޓްބެޑް)ގެ ގޮތުގައި އޮތީ ޗައިނާއެވެ. ޚާއްސަކޮށް ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވުހާން ސިޓީއެވެ. ނަމަވެސް ކޮވިޑް-19 ވައިރަސް އާ ދެކޮޅަށް ޗައިނާ ކުރި ބުރަ އަދި އާދަޔާ ޚިލާފު މަސައްކަތްތަކާ ގުޅިގެން ޗައިނާ މިހާރު ވަނީ އެ ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ވުހާން ސިޓީގައި ހެދި ވަގުތީ ހުރިހާ ހޮސްޕިޓަލްތަކެއް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އިއްޔެ ވުހާން ސިޓީން ކޮވިޑް -19 އަށް ޕޮޒިޓިވް ވެފައިވަނީ އެންމެ 17 މީހުންނެވެ. ޗައިނާގެ އެހެން ސިޓީތަކުގައި ކޮވިޑް -19 އަށް ޕޮޒިޓިވް ވެފައި ވަނީ އެންމެ ތިން މީހުންނެވެ. ޗައިނާގެ ރައީސް ޝީޖިންޕިން އިއްޔެ ވަނީ ވުހާން ސިޓީއަށް ޒިޔާތް ކުރައްވާފަ އެވެ. މިއީވެސް އެ ރޯގާ ވުހާން ސިޓީގައި ކޮންޓްރޯލްކުރެވުނުކަން އަންގައިދޭކަމެއް ކަމަށް މުރާސިލުން ބުނެ އެވެ. ޔޫރަޕްގެ އިތުރުން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން ދަނީ ދެކުނު ކޮރެއާއާއި އީރާނުގައެވެ. (ނޫސްއެޖެންސީތައް)