ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ކާރުން ފެނުނު ބަނގުރާ ފުޅިތަކުގެ މައްސަލައިގައި ތިން ބިދޭސީ އަކު އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ބަނގުރާ ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމނަލް ކޯޓުން މިއަދު ހުކުމް ކުރީ ސްރީލަންކާގެ ތިން މީހެއް ކަމަށްވާ އިސްރު ޕްރިޔަންކަރާ ޑިސިލްވާ ނުޕެހެވައްގެ އާއި ނެރޯޝަން ޑޯން އަދި މޮހިއްދީން މުހައްމަދު މިންހާލްގެ މައްޗަށެވެ.

މި މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ފެބްރުއަރީ 2010،23 ދުވަހުގެ ރޭ 7:00 ޖަހާ އެހާކަންހާއިރު ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ކާރަށް އަރުވައިގެން މ. ކުރަހާގެ އަށް ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން، އެވަގުތު އެގޭ ކައިރިއަށް ދިޔަ ކަމަށެވެ. ފުލުހުން އެގޭ ކައިރީ ތިއްބާ އެ ކާރު އެގޭ ކައިރިއަށް އައުމުން ފުލުހުން ފާސްކުރި އިރު ކާރުން ބޭލި ދަބަސްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.

ކާރުން ނެގި ދަބަހުގައި ހުރީ ބަނގުރާ ފުޅިތަކެއް ކަން ދައުލަތުން ހުށަހެޅި ހެކީންންގެ ހެކިބަހުންނާއި، އެތަކެތީގެ ތަހުލީލު ރިޕޯޓުން އަދި ޝަރީއަތުގައި އެ ތިން މީހުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ ތިން މީހުން އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ދިވެހި ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގެ އެއް ވަނަ ނަންބަރުގެ ދަށުންނެވެ.

"....ދައުލަތުން އިސްރު ޕްރިޔަންކަރާ ޑިސިލްވާ ނުޕެހެވައްގެ އާއި ނެރޯޝަން ޑޯން އަދި މޮހިއްދީން މުހައްމަދު މިންހާލްގެ މައްޗަށް ކުޅަ ގަވާއިދާއި ޚިލާފަށް ދިވެހި ރާއްޖޭގައި ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާތީ ދިވެހި ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ އެއް ވަނަ ނަންބަރުގެ ދަށުން ނެރޯޝަން ޑޯން އަދި މޮހިއްދީން މުހައްމަދު މިންހާލްދިވެހި ރާއްޖޭގައި ބަނގުރާ ގެންގުޅުމުގެ ކުށުން ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވި ދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސްރީލަންކާގެ ރައްޔިތުން ކަމުގައިވާ އިސްރު ޕްރިޔަންކަރާ ޑިސިލްވާ ނުޕެހެވައްގެ އާއި ނެރޯޝަން ޑޯން އަދި މޮހިއްދީން މުހައްމަދު މިންހާލް އެއް އަހަރު ދުވަހުގެ މުއްދަތައް ޖަލަށް ލުމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

ތިން މީހެއްގެ މައްޗަށް އެ މައްސަލައިގައި ހުކުމް ކުރި އިރު، އިތުރު ބިދޭސީއަކު ވަނީ ފިލައިފަ އެވެ.