އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު އަދި ކޮންޒަވޭޓިވް މަޖިލިސް މެމްބަރެއް ކަމަށްވާ ނެޑީން ޑޮރީސް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޑޮރީސް ވިދާޅުވި ގޮތުގައި ވައިރަސް އަށް ޕޮޒިޓިވްވި ކަން އެނގުނު ހިސާބުން ފެށިގެން އަންގާފައިވާ ހުރިހާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އަދި އަމިއްލަ ގެކޮޅުގައި އައިސޮލޭޝަންގައި ހުންނަވާ ކަމަށް ނެޑީން ވިދާޅުވި އެވެ.

މިނިސްޓަރު ނެޑީން، ކޮވިޑް-19 އަށް ޕޮޒިޓިވްވި ވާހަކަ އާންމުކުރައްވާފައިވާ އިރު އިނގިރޭސިވިލާތުގައި އެ ވައިރަސް ޖެހިގެން ހަ ވަނަ މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ވައިރަސްގެ 382 ކޭސް އެއް ވަނީ އިނގިރޭސިވިލާތުން ފެނިފަ އެވެ.

އިނގިރޭސިވިލާތުގައި އެ ވައިރަސް ޖެހިގެން އެންމެ ފަހުން މަރުވެފައި ވަނީ އުމުރުން 80 އަހަރުން މަތީގެ މީހެކެވެ. ހެލްތު މިނިސްޓްރީ އިން ބުނެފައި ވަނީ ވައިރަސްގެ ސަބަބުން މަރުވެފައިވާ މީހާއަކީ އެ ވައިރަސް ޖެހުމުގެ ކުރީން ވެސް ބައެއް ބަލިތައް ހުރި މީހެއް ކަމަށެވެ.

އިންގްލެންޑުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ބުނެފައި ވަނީ މިހާރު އެގައުމުގައި ވައިރަސްގެ މައްސަލަތައް އިތުރުވެފައިވުމުގެ ސަބަބުން ބައްޔަށް ޓެސްޓު ކުރެވޭ ނިޒާމު އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އެންއެޗުއެސް އިން ބުނެފައި ވަނީ ޓެސްޓު ނަތީޖާ ލިބޭ މުއްދަތު ވެސް އަވަސްކުރުމަށް ނިޒާމެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ޓެސްޓު ހެދުމުގެ 24 ގަޑިއިރުގެ ތެރޭގައި އެމީހެއްގެ ނަތީޖާ ލިބޭނެ ކަމަށް އެންއެޗްއެސް އިން ބުނެ އެވެ.