ލިބުނު ހައިރާންކަމުން އޭނާ އިޔާންގެ ކޯތާފަތާ ދިމާލަށް އަތް ގެންދިޔައީ އިޔާންގެ ލޮލުން ފައިބައިފައިވާ ކަރުނަތައް ތިރިއަށް ރޮނގު ދެމިގެން ގޮސްފައިވާ ރޮނގުގައި އަތް ޖައްސާލުމުގެ ބޭނުމުގައެވެ. އެހެން އޮވެފައި އިޔާން ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު އައިރީން ދިޔައީ ސިއްސައިގެންނެވެ. އޭނާ އަށް ކުއްލިއަކަށް ތެދުވެވުނެވެ. އިޔާންވެސް ހަށިގަނޑު ސީދާކޮށްލަމުން ތެދުވެލިއެވެ. އިރުކޮޅަކު އައިރީންއަށް ބަލަން ހުރުމަށްފަހު އޭނާ ތެދުވުވެލިއެވެ. އިތުރަށް ބަލާލުމެއްނެތި އޭނާ ގޮސްވަނީ ފާޚާނާއަށެވެ. އޭރު ގަޑިން ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. އިޔާން ގަސްތުކުރީ ތާޒާވެލައިގެން މިސްކިތަށް ދާށެވެ. އަޔާން ފާހާނާއިން ނުކުމެ އައިރީންއަށް ބަލާލުމަށްފަހު މިސްކިތަށް ދާ ވާހަކަ ބުނެލިއެވެ. އައިރީން އެއްޗެކޭ ނުބުނެ އިޔާންއިން ނަޒަރު ވަކިކޮށްލަމުން އޭނާ ދުރުބަލާލިއެވެ. އިޔާން ނުކުމެގެން ދިޔުމާއެކު އައިރީންވެސް ތެދުވެގެން ގޮސް ވަނީ ފާހާނާއަށެވެ. އިޔާން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ކޮޓަރިއަށް ވަދެފައި ނޯޓްފޮތުން ގަނޑެއް ކަނޑާލާފައި އޭގައި ކޮންމެވެސް އެއްޗެއް ލިޔެލިއެވެ. އެއަށްފަހު އެނދުމަތީގައި އައިރީންއަށް ފެންނާނޭހެން ބޭއްވިއެވެ. އެއަށްފަހު ނުކުމެގެން އޭނާ ހިނގައްޖެއެވެ.

އައިރީން އަށް ހޫނުވާތީ ނުކުތީ ފެންވެސް ވަރާލައިގެންނެވެ. ފަތިހުގެ އެ ވަގުތު ފެންވަރާލުމުން އޭނާގެ ހަށިގަނޑަށްވެސް ތާޒާކަން ވެރިވެގެން ހިނގައްޖެއެވެ. ނުކުތް އިރު ފަތިސްނަމާދަށް ގޮވަނީއެވެ. އެވަގުތު އެނދުމަތީގައި އޮތް ގަނޑު އޭނާގެ ލޮލުގައި އަޅައިގަތެވެ. ކައިރިވެލާފައި އޭގައި ލިޔެފައި އޮތް އެއްޗެއް އައިރީން ކިޔައިލިއެވެ.

"ސޮރީ" ބޮޑު އަކުރުން ލިޔެލާފައިވާ ލަފްޒު ފެނިފައި އައިރީންއަށް ދޮރާ ދިމާލަށް ބަލާލެވުނެވެ. އިޔާންގެ ދެލޮލުން އޭނާއަށް ފެނުނު އަސަރުތައް މާނަ ކުރާނީ ކިހިނަކުންކަމެއް ނޭނގެއެވެ. އައިރީންއަށް ދެލޯ މަރާލެވުނެވެ. އެހެން ހުރެލާފައި ގޮސް ކޮޓަރި ދޮރު ހުޅުވާލާފައި އިޔާންގެ އެއްވެސް ހިލަމެއް ވޭތޯ ބަލާލިއެވެ. ނުވުމާއެކު އެއައި ގޮތަށް އައިސް އޭނާ މުސައްލަ ނަގައިގެން ނަމާދުކުރަން އަވަސްވެގަތެވެ. ނަމާދުކޮށްލައިގެން ޤުރުއާން ވެސް ކިޔަވާލުމަށްފަހު އޭނާ ގޮސް އެނދުގައި އިށީންތަނާ މޭނުބައި ކުރަން ފެށިއެވެ. ފާހާނާއަށް ވެދެވުނީ ކިރިއާއެވެ. ހޮޑުލެވެން ފެށިއެވެ.

"ރީން" އޭރު އިޔާންވެސް އައިސް ކޮޓަރިއަށް ވަންނަނީއެވެ. އޭނާ އައިރީންއަށް ގޮވާލަމުން ގޮސް ފާހާނާ ދޮރު މައްޗަށް ހުއްޓުނެވެ. އެތެރެއަށް ވަދެލާފައި އައިރީންގެ ނިތުގައި އަތުން ހިފައްޓާލަމުން ކިހިނެތްވީހޭ އަހާލިއެވެ. އަނެއްކާވެސް އޯކާ ދެމިގަތުމާއެކު އައިރީންއަށް ހޮޑުލެވުނެވެ. ހިން ދެމިލިއިރު އައިރީންގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. އެ އަތް ދަނޑި މައްޗަށް އައިރީން އުފުއްލާލައިގެން އިޔާން ނުކުތް އިރު އައިރީން ދެލޯ މަރާލައިގެން އޮތީ ދެލޯ ހުޅުވާލާނޭ ވަރުވެސް ނެތް ފަދައަކުންނެވެ.

"ރީން" އައިރީންއަށް ނިދުނީއޭ ހިތާ އިޔާން ގޮވާލިއެވެ. އައިރީން އެއްޗެކޭ ނުބުނުމުން އިޔާން އެ މޫނަށް ބަލާލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ތިރިއަށް ފައިބަމުން ދިޔަ ކަރުނައެވެ. އެދުވަހު އައިރީން ބަލިވެ އުޅޭތީ އޭ ކިޔާފައި އިޔާން އޮފީހަކަށް ވެސް ނުދެއެވެ. ހަވީރުގެ ވަގުތެވެ. އިޔާން އިނީ ސޯފާގައ ލެޕްޓޮޕް ހިފައިގެންނެވެ. އައިރީން އެނދުގައި އޮށޯވެގެން އޮތް އިރު އޭނާ އިރުއިރުކޮޅަކާ އިޔާން އަށް ބަލާލައެވެ. ދެމެދުގައި މާ ގިނަ ވާހަކައެއް ނުދެއްކެއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ފިޔަވައެވެ. އިޔާންގެ ފޯނު ރިންގުވުމާއެކު އިޔާން ފޯނަށް ބަލާލާފައި ފޯނު ސައިލެންޓަށް ލިޔެވެ. އައިރީން ވެސް ބަލާލުމަށްފަހު އަނެއްކާ އޭނާ ކިޔަން އިން ވާހަކަފޮތަށް ނަޒަރު ހުއްޓާލިއެވެ. އެއަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް އޭނާ ގެ ވިސްނުން ހުރީ މުޅީން އެހެން ދިމާލަކަށެވެ. އަނެއްކާވެސް ރިންގުވިއެވެ. މިއަދު ހަތަރު ދަމު އިޔާން ފޯނު ކަނޑާލަނީއެވެ. ގުޅަނީ ކާކު ކަމެއް ނޭނގެއެވެ.

"އިޔާން ފޯނު ނަގާބަލަ" އެންމެ ފަހުން އައިރީންއަށް ބުނެވުނެވެ. އިޔާން އައިރީންއަށް ބަލާލާފައި ފޯނު ނިއްވާލީއެވެ. އެ ގުޅަނީ ޒާނާއެވެ. އޭނާ އަށް މުހިންމީ އައިރީންއެވެ. ޒާނާއެއް ނޫނެވެ. މަޖުބޫރީ ހާލަތުގެ ސަބަބުން އައިރީންއާ ދުރުކަމެއް އުފެދުނުނަމަވެސް އޭނާ އެ ދުރުކަން ވެސް ނެތިކޮށްލާނެއެވެ. ޒާނާ އެހާ ފަސޭހައިން ބަލި ގަބޫލު ނުކުރާނެކަންވެސް އިޔާން އަށް އެނގެއެވެ. ޒާނާއަކީ އެއަށްވުރެ ނުބައި މީހެކެވެ. ޒަލަފްގެ ވާހަކަތަކާއި ޒާނާ ޒަލަފްއަށް އެ ކުރާ މެސެޖްތަކަކުން ވެސް އިޔާންއަށް ރުޅިއާދެވުނެވެ. އެންމެ ފުރަތަމަ އޭނާއާއި ރައްޓެހިވެގެން އުޅުނު އިރުވެސް ޒާނާ އެ މެސެޖްތައް އިޔާންއަށް ފޮނުވައެވެ. އެކަން އެނގުމުން އެކަނިވެސް އިޔާން ޒާނާދެކެ އަންނަ ރުޅި އިންތިހާ ބޮޑުވިއެވެ. އޭނާގެ ހަޔާތުގައި ދުވަހަކުވެސް އެފަދަ ވިޔާނުދާ އަންހެން ކުއްޖަކު އޭނާ ނުދެކެއެވެ. އެ ހަނދާންވެފައި އެކަނިވެސް އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އައިރީން އިޔާންއަށް ބަލާލުމަށްފަހު ވާހަކަފޮތް ލައްޕާލިއެވެ. އެއަށްފަހު އޭނާ އެނދުން ތެދުވިއެވެ. ކުޑަކޮށް އަރިއަޅާލި އައިރީން އަށް ހަށިގަނޑު ބެލެންސް ކުރެވުނު ކަން ނަސީބެކެވެ. އެހެން ނޫންނަމަ އޭނާ ވެއްޓުނީހެވެ. އިޔާން ގާތަށް ހުއްޓިލާފައި އިޔާން ގެ ފޯނު ނަގާ އައިރީން އިޔާންގެ ފޯނު ހުޅުވާލިއެވެ. މިއަދު ހަތަރު ދަމު އިޔާން އަށް އެ ގުޅަމުން ދާ މީހެއް ބަލާލުމުގެ ބޭނުމުގައެވެ. އެއީ ޒާނާއަށް ވެދާނޭ އޭނާގެ ހިތަށް އަރާ ވަރުންނެވެ. އެހިތަށް އުނދަގޫ ވާތީއެވެ. އިޔާން އައިރީންއަށް ބަލާލާފައި އިސްޖަހާލިއެވެ. އޭނާ އައިރީންގެ އެ އަމަލު ހުއްޓުވާކަށް ނޫޅުނެވެ. އައިރީންއާއި ހަތަރު ކަޅި ހަމަކުރާކަށް ވެސް އޭނާ ބޭނުމެއް ނުވިއެވެ. ސޭވް ނުކޮށް އިންނަ ނަންބަރަކުން ގުޅާފައި ހުރިތަން ފެނި އައިރީން އިޔާންއަށް ބަލާލިއެވެ. އޭނާއަށް އެއީ ކާކުކަން ނަގައި ގަނެވުނީ ކަންނޭގެއެވެ. އިޔާންގެ ކައިރީގައި ފޯނު ބާއްވާފައި އޭނާ ގަސްތުކުރީ ބޭރަށް ނުކުމެލާށެވެ. ކޮންމެއަކަސް އެހިތުގެ ހަމަ ޖެހުން އެކީ ގެއްލިއްޖެއެވެ. އިޔާންގެ މޫނުން ފެނުނު ހިތްދަތިކަން ސިފަވާ ކޮންމެ ފަހަރަކު އައިރީންއަށް ބުނެދޭން ނޭނގޭ އުނދަގުލެއް އިޙްސާސް ކުރެވެއެވެ.

*****

ޒަލަފްގެ ގެ ކައިވެނީގެ ވާހަކަ އާމެދު އެންމެން މަޝްވަރާކުރަން ފެށީ އެކަމުގައި ރަޔާގެ އާ ބަސްވެސް ލިބުމަށްފަހުއެވެ. އެއާއެކު އާމިރު ރަޔާ ހުންނަން ތަނެއް ހަމަޖެއްސިއެވެ. ކައިވެނީގެ ކުރިން އެގޭގައި ރަޔާ ހުންނަން އެއްވެސް މީހަކު ހިންހަމަވެސް ނުޖެހޭތީއާ އެކުގައެވެ. އެކަމާ އެންމެ އުފާވީ ޒަލަފްއެވެ. އޭނާގެ އެތަކެއް އާދޭސްތަކަކާއެކު މިއަދު ރަޔާ އޭނާއާ އެކު ޒަވާޖީ ހަޔާތެއް ފަށަން އެއްބަސްވީމައެވެ. އޭނާ ލޯބިވީ ރަޔާގެ ސިފައަށް ބަލާފައެއް ނޫނެވެ. އެ ހުންނަ މަޑުމައިތިރި ސިފަދެކެއެވެ. ރާއްޖޭގެ އެހެން ކުދިންނަށްވުރެ ރަޔާ ކަޅުވުމުން އެކަމާ ރަޔާއާ ދިމާލަށް ވެސް ބައެއްފަހަރު ކުދިން މަލާމާތްކޮށް ވެސް އުޅުނުކަން ރަޔާ އޮތީ ޒަލަފްއަށް ކިޔައިދީފައެވެ. އަނެއްކޮޅުން ރަޔާއަކީ ސާދާ ދިރިއުޅުމަކަށް ލޯބިކުރާ ކުއްޖެއްކަމުން އޭނާ ބޭނުންވަނީ ކައިވެނި ވެސް ކުޑަ ގޮތަކަށް ކޮށް ނިންމާލާށެވެ. ޒަލަފް ހަރަދު ކުރަން ހުރިއްޔޭ ކިޔާފައި އެ ގޮތް ރަޔާ ބޭނުމެއް ނުވިއެވެ. ރަޔާމިވަގުތު ހުރީ އެނުއަލް ލީވްގައި ކަމުން ޗުއްޓީ ހަމަވުމުގެ ކުރިން އެކަން ކުރަން ރަޔާވެސް ހުރީ ބޭނުންވެފައެވެ. ކައިވެންޏަށް ފަހުވެސް ރަޔާ ބޭނުންކަމެއް ކުރެވޭނެކަމަށް ޒަލަފް ބުންޏެވެ. އޭނާ ދުވަހަކުވެސް ރަޔާގެ ކުރިމަގަކަށް ހުރަހެއް ނާޅާނެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ރަޔާ ދެކެ ލޯބިވެއެވެ. ސުމާއަށް ފަހު އޭނާގެ ހިތުން ޖާގައެއް ހޯދި ކުއްޖަކީ ރަޔާއެވެ. ކޮންމެ ކަމެއްގައި ވެސް ރަޔާ އާއި ސުމާއާއި ޒަލަފްއަށް އަޅާކިޔެއެވެ. ސުމާ ބޭނުންވީ ލާރިއެވެ. އެހެންނަމަވެސް ރަޔާ ބޭނުންވަނީ ޒަލަފްއެވެ. ލާރިއަށްވުރެ ލޯބި ރަޔާއަށް މުހިންމެވެ. ރޭގަނޑުގެ ހިމޭން ވަގުތުގައި ދެ ލޯބިވެރިން ގޭގެ ޓެރެސްގައި އެކަނި ވަގުތު ކޮޅެއް ހޭދަކޮށްލަން މަޑުކޮށްލައިގެން ތިބިއިރު ހަނދު އޭގެ ދަރުބާރުގައި އިނދެ ދުނިޔެ މަތި އަލިކުރަމުން ދިޔައެވެ. ވައިރޯޅިތައްވެސް ފިރުމަމުން ދިޔައީ އެ ދެމީހުންގެ އުފަލުގައި ބައިވެރިވާ ހާލުގައެވެ.

"ރަޔާ އަށް އެނގޭ ދޯ އަހަންނަކީ..." ޒަލަފް ވަކި ހިސާބަކަށް ބުނެފައި ހުއްޓާލިއެވެ. ރަޔާ ޒަލަފްއަށް ބަލާލިއެވެ. އެއަށްފަހު އޭނާ ބޯ ޖަހާލިއެވެ. ޒަލަފްއާ އެކު ހަޔާތެއް ފަށަން އޭނާ ތައްޔާރުއެވަނީ ޒަލަފްއަކީ ކާކުކަން ރަނގަޅަށް އެނގި ހުރެ ކަމެވެ.

"ރަޔާއަށް އެނގޭތަ؟ އަހަރެން ބޭނުން ކައިވެނީގެ ކުރިން މި ވާހަކަ ހިއްސާ ކޮށްފަ ބާއްވަން... އަހަރެން ކުރިން ކުއްޖަކާ ރައްޓެހިވިން" ޒަލަފް އެހިސާބަށް ބުނެފައި ހުއްޓާލާފައި ރަޔާގެ މޫނަށް ބަލާލީ އެއްވެސް ތަފާތު ކަމެއް ފާހަގަ ކުރެވޭތޯއެވެ.

"ކިހިނެތްވީ" ހިނިތުންވުމެއް ޒަލަފްއަށް ހަދިޔާ ކޮށްލަމުން ރަޔާ އަހާލިއެވެ.

"ނޫނޭ... ކަމެއް ނުވޭ... އެކަމަކު... " ޒަލަފް ހުއްޓާލިއެވެ.

"އަހަރެން ހިންހަމަ ނުޖެހިދާނެތީތަ؟ އެއި ޒެލް ގެ ޕާސްޓެއްނު... އެކަމާ އަހަރެން އެއްވެސް ވަރަކަށް ވިސްނާކަށް ބޭނުމެއް ނޫން... ޒެކް ބޭނުމިއްޔާ ހުރިހާ ވާހަކައެއް ކިޔައިދނަސް މައްސަލައެއް ނެތް" ރަޔާ ބުނެލިއެވެ.

"އަހަރެން އޭނާއާއި ރައްޓެހިވެގެން ވަރަށް ދުވަހު އުޅުނިން... އެކަމަކު އޭނާ ލޯބިވީ އަހަރެންގެ ފައިސާ ދެކެ... އަހަރެން ދެކެއެއް ނޫން... އެހެންވެ އަހަރެން އޭނާ ދޫކޮށްލީ... ރަޔާއަށް އެނގޭތަ އަހަރެން އޭނާއާ ހެދި ހާދަ ވަރަކުން އުޅުނީމޭ... އެކަމަކު އޭނަ ދުވުނީ އެހެން މީހުން ފަހަތުން... މިހާރު ވަރަށް ފޫހިވޭ، އޭނަ ގެއްލިދާނެތީ އަހަރެން އަހަރެންގެ ބަލި ހާލަތު ވެސް ކިޔައެއް ނުދެން. އަހަރެން ކިރިޔާ ބަލި ވާއިރަށްވެސް ބުނާނީ ބަހާނާ ދައްކަނީއޭ" ޒަލަފް އޭނާގެ ފަޔަށް ބަލާލަމުން ވާހަކަ ކުރިއަށް ގެން ދިޔައެވެ. މިހާރުވެސް އޭނާގެ ފައި ހުރީ ފުދޭވަރަކަށް ދުޅަވެފައެވެ. ރަޔާއަށް ވެސް ޒަލަފްގެ ފަޔަށް ނަޒަރު ހުއްޓާލެވުނެވެ. އެއީ ހައިޕާޓްރޮފިކް ކާޑިއޯ މަޔޯ ޕަތީގެ އަލާމާތެކެވެ. ރަޔާޒަލަފްއަށް ބަލާލާފައި ހިނިތުންވެލިއެވެ. އޭނާ ބުނީ ޒަލަފް ކިތަންމެ ބަލި ވިޔަސް އޭނާ ޒަލަފް ދޫކޮށްލާފައި ނުދާނޭކަމުގައެވެ.

"ރަޔާ އަހަންނާއެކު ހުރިއްޔާ"

"ހޫން... ލޯބީގެ މާތަށް ފޮޅުވޭ ދޯ" ކުއްލިއަކަށް ދެމީހުން ސިހުނީ އިޔާންގެ އަޑަށެވެ. އޭރު އިޔާން މައްޗަށް އަރަނީއެވެ. އޭނާ މައްޗަށް އެރީ ސިކުނޑި ހަމަޖައްސާލުމުގެ ބޭނުމުގައެވެ. ޒަލަފްމެން ފެނި ދިމާކޮށްލާ ހިތްވީއެވެ.

"މަލެއް ނުފޮޅުވަން..." ޒަލަފް ބުނެލިއެވެ.

" ރަޔާއަށް އެނގޭތަ؟ ޒެލް އަކީ އަދިވެސް ކުޑަ ކުއްޖެއް... ކުޑަ މިނުން ކޮފީ އެއްވެސް ނުބޮވޭނެ... ވަރަށް ބޭބީވާނެ... އަމިއްލައަށް އެއްވެސް ކަމެއް ކުރާކަށް ނޭނގޭނެ، އެކަމަކު ވަރު ދައްކާފަ މާ ބޮޑު މީހަކަށްވެގެން އުޅޭނެ... " އިޔާން ދިމާކޮށްލިއެވެ.

"އަދި އެއްވާހަކަ، ޒެލް އަށް ކޮންމެ ދުވަހަކު އޮރެންޖު ޖޫސްތައްޓެއް ދޭންވާނެ އިނގޭ... އެއީ ދެން މާ މީރުއެއްޗަކޯ" އިޔާން ހިނިގަނޑެއް ޖަހާލަމުން ރަޔާ އަށް ބަލާލިއެވެ. އެއާއެކު ޒަލަފް ލޯ އަޅާލިއެވެ.

"ޒެލް ކޮފީއެއް ނުބޮވޭތަ؟" ރަޔާ އަހާލިއެވެ.

"އާނ...އެއީ އެލާރ" އިޔާން އެއްޗެއް ބުނުމުގެ ކުރިން ޒަލަފް ވާހަކަ ދައްކަން އުޅުނު ނަމަވެސް އިޔާން މިފަހަރުވެސް ޒަލަފްގެ ވާހަކަ ހުއްޓުވާ ވާހަކަ ދެއްކިއެވެ.

"އެންމެން ކޮފީ ބޮއި އިރު މީނައަށް ޖެހޭނީ ކިރުސައިތައްޓެއް ދޭން" އިޔާން ބުނަން އުޅުނެވެ.

"ދޮންބޭ! މިތަނުން ދެން ދާންއުޅޭ" ޒަލަފް ރުޅި މޫނު ދައްކާލަމުން ބުނެލިއެވެ.

"އެ ދޮގެއް... ޒެލް އެލާރޖިކް ވާނެ" އިޔާން ބުނެލިއެވެ. އޭނާ ދަނީ އޭ ކިޔާފައި ގޮސް ސިޑިން ފޭބިއެވެ. ކޮޓަރިއާ އަރާ ހަމަވެފައި ފުންކޮށް ދެތިން ނޭވާ ލިއެވެ. އައިރީން އާއި ކުރިމަތިލުމަށް އޭނާ ވަރަށް ހިތްވަރު ބޭނުންވާނެއެވެ.

*****

ޒާނާގެ ތުންފަތް މަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. ގޭގެ ބެލްކަނީގައި ސިނގިރެޓެއް ރޯކޮށްލައިގެން ހުރިއިރު އިރު އިރުކޮޅާ އެ ތުމުގައި ޖަހައެވެ. އެހެން ހުރިއިރު އޭނާއަށް މީގެ ކުރީގެ ޚިޔާލެއް ވެރިވިއެވެ.

*****

އޭނާ އިޔާން އުޅޭ އޮފީހަށް ދިޔައީ އެތަނުގައި އުޅޭ އޭނާގެ އެކުވެރި ކުއްޖެއް ސެޓްފިކެޓެއް އޭނާގެ އަތުގައި އޮވުމުން އެ ހަވާލުކޮށްލުމުގެ ބޭނުމުގައެވެ. އޭރު އޭނާއަށް އެ އޮފީހާ އިޔާން ހަވާލުވެގެން އުޅޭކަމެއް ނޭނގެއެވެ. އޭނާއަށް އެނގޭގޮތުގައި އެއީ ޖަލީލުގެ އޮފީހެވެ. އަދި އެއީ އިޔާންގެ މިހާރުގެ އަނބިމީހާގެ ބައްޕަކަން ވެސް އޭނާއަށް އެނގެއެވެ. އެކުވެރި ޒުލްފާ އެއީ މިހާރު ވަރަށް ހޭންސަމް ބޯއީ އެއްގެ ތަނެކޭ ބުނާތީ އޭނާ އަޑުއަހައެވެ. އެ ސެޓްފިކެޓް ތައް ހަވާލުކޮށްފައި އޭނާ އަވަސްވެގަތީ އެތަނުން ދާށެވެ. އެހެންނަމަވެސް އޭނާގެ ލޮލުގައި ޕާކުކުރާ ގަރާޖާ ދިމާލަށް ދިޔަ ދެ ފިރިހެނުން އަޅައިގަތީ އެ ވަގުތެވެ. އެކަކީ އިޔާންކަން އޭނާއަށް ޔަޤީންވުމާއެކު އެ ދެމީހުން ފަހަތުން އޭނާ ހިނގައިގަތެވެ. އޭނާ ހަޤީގަތުގައި ދިޔައީ އިޔާންއެތަނުގައި ކުރާކަމެއް ބަލަލުމުގެ ބޭނުމުގައެވެ. ހީކުރީ ކަންތައްތައް ހުރި ނެތް ގޮތް ބަލައިލަން އިޔާން އައީ ކަމުގައެވެ. އޭރު އެއީ އިޔާންގެ އޮފީސްކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އޭނާ ކާރަކާ ނިވާވެލީ އެދެމީހުން ވާހަކައެއް ދައްކަމުން ދިޔައީތީއެވެ. ކަމަކާ ދެބަސްވަނީއެވެ.

"އަހަރެން ބުނިން ދޯ އޭރުވެސް ހަޤީގަތް ކިޔައިދޭނަމޭ... އަހަރެން ބުނާވަރަކަށް ފައިސާ ނުދޭނަމަ..." އެމީހާ ބުނި އަޑު އިވުނެވެ.

"އަހަރެން ކަލެއަށް ކިތައް ލައްކަ ދީފިން... ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ އެންމެ ފަހުންވެސް ދީފިން... އަހަރެން ބުނެފީމެއްނު އަހަރެން ފަހަތުން ލާރު ހޯދަން ނާންނާށޭ" އިޔާން ބުނެލިއަޑު އިވުނެވެ.

"އަހަރެން ބުނާނަން... ހުރިހާ ހަޤީގަތެއް ފަޅާއަރުވާލާނަން... ކަލެއަށް ހީވޭތަ ހަޤީގަތް އެނގުނީމަ އައިރީންގެ ހުންނާނޭހެން މީހުންގެ ތެރެއަށް ނުކުމެ އުޅުމުގެ ހިތްވަރު..." ދެން އިވެން ފެށި ވާހަކައަކުން އޭނާއަށް އަނގަ ހުޅުވާލެވުނެވެ. އިޔާން ވަށާ ހޯދާލަމުން އަޑު މަޑުކުރުމަށް ބުނިތަން ފެނުނެވެ. އެހެންނަމަވެސް ފިރިހެންމީހާ ހުރީ މާ ރުޅި އައިސްފައެވެ.

"އަޑު މަޑުކުރޭ... އެހެންނޫނީ ލާރިއެއް ނުލިބޭނެ" އިޔާން ބުނެލިއަޑު އިވުނެވެ.

"ބުނަންތަ ރަނގަޅު ވާހަކައެއް؟ އައިރީންއަށް މިހާރު ހުރިހާ ހަޤީގަތެއް ވެސް އެނގޭ... އަހަރެން ލާރި ނުދޭން މިއުޅެނީ އެހެންވެ... ހަޤީގަތް އެނގޭ ކަމެއް ސިއްރެއްވެސް ނުކުރެވޭނެދޯ" އިޔާން އޭނާގެ ކޮޅަށް އެ ގޭމް އަނބުރާލެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. ޒާނާގެ އެއްމިޔަކަށް ހީލިއެވެ. އެމީހާ ދިޔުމާއެކު ޒާނާ ދެން ގަސްތުކުރީ އިޔާން އާ ކުރިމަތި ލުމަށެވެ.

*****

ޚިޔާލުތަކުން ނުކުތް ޒާނާ ސިނގިރެޓް ދަމާލިއެވެ. އެ ސިނގިރެޓް ހުސްވުމާއެކު އަނެއް ސިނގިރެޓް ނަގާ ރޯކޮށްލިއެވެ.

*****

އިޔާން ކޮޓަރިއަށް ވަތް އިރު އައިރީން އުޅެނީ ފާހާނާގައެވެ. އިޔާންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަމުން ދިޔައެވެ. އެހެންކަމުން އޭނާ ފަސްޓް އެއިޑް ބޮކްސް ނަގައިގެން ޕެނެޑޯލް ގުޅައެއް ކެއެވެ. އިޔާންއަކީ ވަރަށް ވަރުވެގެން ނޫނީ އެއް އިރެއްގައި ވެސް ބޭސް ކާ މީހެއް ނޫނެވެ. ފެންތަށި އެކީ ހުސްކޮށްލާފައި އޭނާއައިސް މަޑުކޮށްލީ އެނދުގައެވެ. މިރޭ އޭނާ އައިރީންއާއި ވާހަކަ ދައްކަން ބޭނުމެވެ. އައިރީން ފާހާނާއިން ނުކުތް އިރު އެ މޫނުމަތިން ތާޒާ ކަން ފެނެއެވެ. އައިރީންގެ ފަން އިސްތަށިގަނޑު ތެތް ކޮށް އޮތުމުން އެއައީ ފެންވަރައިގެންކަން އެނގުނެވެ. އޭނާ އައިރީންއާ ދިމާލަށް ހިނގައިގަތް އިރު އަތުގައި އޮތް ތުވާލީގައި ބާރަށް ހިފައްޓާލި އައިރީން އިސްޖަހާލިއެވެ. (ނުނިމޭ)