10 Mar 2020, 23:40
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ވައިރަސް ފެތުރޭތީ ކޮންމެހެން ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރަން ސަރުކާރުުން އިލްތިމާސްކޮށްފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ދަތުރުތައް ނޫން ދަތުރުތައް ނުކުރަން ފޮރިން މިނިސްޓްރީއިން އެދޭ ކަމަށެވެ.
"ކޮންމެހެން ޒަރޫރީ ބޭނުމަކަށް ކުރަން ޖެހޭ ދަތުރެއް ނޫނިއްޔާ މި ވަގުތަށް މަޑުޖައްސާލުމަކީ ވަރަށް މުހިންމު ކަމަށް. އެގޮތަށް އެކަން ކުރަން [ފޮރިން މިނިސްޓްރީއިން] އިލްތިމާސްކޮށްފައިވޭ،"
ޒަރޫރީ ބޭނުމަކަށްވެސް ރާއްޖެއިން ބޭރުން ދަތުރުކުރާ ނަމަ ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވާން އެ މިނިސްޓްރީއިން އެދޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މިނިސްޓްރީގެ ވެބްސައިޓަށް ގޮސްގެން ރަޖިސްޓްރީވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރުގައި ދިރިއުޅޭ ފަރާތްތަކުންވެސް އެ މީހަކު ދިރިއުޅޭ ސަރަހައްދަކާ އެންމެ ކައިރީގައި ހުންނަ ދިވެހި އެމްބަސީއެއްގައި ރަޖިސްޓްރީވާންވެސް ފޮރިން މިނިސްޓްރީން އެދޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ކޮވިޑް-19 ވައިރަސް ފެތުރި ސަލާމަތީ ބޮޑު ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގައި ތިބި ދިވެހީން އެނބުރި ރާއްޖެ އާދެވޭނެ ގޮތްތައް އިންތިޒާމު ކުރުމަށް ފޮރިން މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދޭނެކަންވެސް މަބްރޫކު ފާހަގަކުރެއްވި އެވެ. އަދި އެފަދަ ގައުމަކުން ރާއްޖެ އަންނަ ނަމަ 14 ދުވަހު ކަރަންޓީން ފެސިލީޓީގައި މަޑުކުރަން ޖެހޭނެކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެއްވެސް ކަމަކާ މެދު ސުވާލެއް އޮތް ނަމަ އެފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400އަށް ގުޅައިގެން މައުލޫމާތު ހޯދުމަށް މަބްރޫކު އެދިވަޑައިގަތެވެ.
ކޮވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުން ހަތަރު މީހުންނާއި، އއ. ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހުންނެވެ. އެ ހަ މީހުންގެ ހާލުވެސް ސްޓޭބަލް އެވެ.