10 Mar 2020, 23:07
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ މިންގަނޑުތަކުގެ ދަށުން ސްކޫލު ބަންދު ކުރަން ޖެހޭ އެއްވެސް ރަށެއް އަދި ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް-19 ފެތުރިދާނެތީ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ސްކޫލުތައް ބަންދުކުރުން ބުއްދިވެރިކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މިއަދު މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ވަނީ ކޮވިޑް-19 ފެތުރިދާނެތީ އަޅާ ފިޔަވަޅެއްގެ ގޮތުގައި ސްކޫލުތައް ހިމެނޭ ގޮތަށް ތަންތަނަށް އެއްވެ އުޅުން ހުއްޓުމަށް ލަފާދީ ޓްވީޓުކޮށްފައެވެ.
އެ އެސޯސިއޭޝަންގެ ލަފައާ އެއްގޮތަށް ސްކޫލުތައް ބަންދުކޮށް އާންމުން ތަންތަނަށް އެއްވުން ހުއްޓުވުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތޯ "ސަން"އިން މިރޭ ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ފާހަގަކުރެއްވީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ސްޓެރެޓަޖިކް އެކްޝަން ޕްލޭނުގައި ވަކި ހާލަތްތަކުގައި އެއްވެ އުޅުމާ ގުޅޭގޮތުން އަމަލުކުރަން ޖެހޭ ގޮތްތައް ބަޔާންކުރާ ކަމެވެ. އަދި މިހާތަނަށް އެއްވެ އުޅުން ހުއްޓުވައި ސްކޫލުތައް ބަންދު ކުރާ ހާލަތުގައި އެއްވެސް ރަށެއް ނެތް ކަމަށް އެސްއޯޕީއާ ހަވާލާދެއްވައި އޭނާ ވިދާޅުވިއެވެ.
"އެ ކަންކަމަކީ ރަނގަޅަށް ބެލިފައި ދިރާސާ ކުރެވިފައި އިންޓަނޭޝަނަލް ސްޓޭންޑަޑަކަށް ކުރެވޭ ކަމެއް. އެގޮތުން ބަލާއިރުގައި އަދި އެ ހިސާބަށް ގޮސްފައި އޮތް ރަށެއް މި ވަގުތު ފާހަގަކުރެވިފައި ނެތީމަ އެގޮތަށް ކަންތައް ކުރެވިފައި ނެތީ،" މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އެސްއޯޕީއާ ވީހާވެސް ގާތުން ސަރުކާރުން ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑު [އެޑިއުކޭޝަން] މިނިސްޓަރަށް ގުޅާލިން މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްލަން. މިނިސްޓަރު ވިދާޅުވީ، އެއްވެސް އޮޕްޝަނެއް ނޮޓް އޮފް ދަ ޓޭބަލްއޭ. އަދި މިހިރަ ދުވަސްތަކުގެ ތެރޭގައި އަޅަން ޖެހޭ ފިޔަވަޅުތަކާއި ހުރިހާ ސިނާރިއޯތަކަށް މިނިސްޓްރީ ދަނީ ރެޑީވަމުން. އޭގެ މާނައަކީ ސްކޫލު ބަންދުކޮށްފައި ގޭގައި ކިޔަވައިދޭން ޖެހެންޏާމުން އެކަން ކުރެވޭނެ ގޮތްތަކާއި ސްކޫލު ބަންދުކުރޭތޯ ނޫންތޯއާއި ވަކިވަކި ރަށްރަށުގައި ކޭސްތައް ޑިވޮލޮޕްވަމުން އަންނަ ގޮތްތައް އަންނަނީ ބަލަމުންނޭ،" މަބްރޫކު ވިދާޅުވިއެވެ.
ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނުގައިވާ ގޮތުން ސްކޫލުތައް ބަންދު ކުރެވޭނީ އޮރެންޖު ނުވަތަ ރެޑް އެލާޓު ލެވެލްގައެވެ. އެ އެ އެލާޓު ލެވެލްގައި މިވަގުތު މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނެތެވެ.