10 Mar 2020, 22:41
ކޮވިޑް19 އަށް ޝައްކު ކުރެވިގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން މިއަދު ކަރަންޓީނުކުރި ފަތުރުވެރިއަކީ ކުޑަކުއްޖެއް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފާހަގަކުރެވިގެން ބޭރު މީހަކު މޮނީޓަރުކޮށް، ޓެސްޓުކުރުމަށްޓަކައި ކަރަންޓީނުކުރެވިފައިވާ ކަމަށެވެ.
އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގް ފެށުމުގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯތު ހިންގާ ރަށަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ރީތިރަށް ރިސޯޓުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ކަރަންޓީނުކުރީ ކުޑަކުއްޖެއް ކަމަށެވެ.
އަދި އެކުއްޖާގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، ރީތިރަށް ރިސޯޓު ހިންގާ ރަށް މޮނިޓަރިން ހާލަތަށް ގެނެސް، އެ ރަށަށް ލަފާ ފުރުން ވަނީ މަނާކުރެވިފައި ކަމަށެވެ.
ސަރުކާރުން މިއަދު ހާމަކޮށްފައިވާ ގޮތުން، މިވަގުތު ފަރުކޮޅުފުށީގައި އައިސޮލޭޝަން ފެސިލިޓީގައި ތިބީ ޖުމްލަ 15 މީހެކެވެ. އަދި ވިލިވަރުގައި ގާއިމުކުރި ކަރަންޓީނު ފެސިލިޓީގައި މިވަގުތު ތިބީ ނުވަ މީހެކެވެ.
ކޮރޯނާވައިރަހަށް ރާއްޖެއިން ހަ މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން އެކަކަކީ 70 އަހަރުގެ މީހެއް ކަމަށާއި އޭނާއަކީ އުމުރުން ދުވަސްވީ މީހެއް ކަމުން ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކްރިޓިކަލް ކެއާ ފެސިލިޓީއަށް އޭނާ ބަދަލުކުރަން ނިންމާފައިވާކަން މިރޭ ސަރުކާރުން ހާމަކުރިއެވެ. އެއީ ސޭންޑީސް ބަތަލާއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ކަރަންޓީނުކުރި ދެމަފިރިންގެ ތެރެއިން އެކަކެވެ. އަދި އެއީ ދެމަފިރިންކަމުން ދެ މީހުންވެސް ދަރުމަވަންތައަށް ބަދަލުކުރާނެކަމަށް މަބްރޫކު ވިދާޅުވިއެވެ.
ހަ މީހުންގެ ތެރެއިން ދެން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފަކާއި އެތަނުގައި ތިބި ދެ ފަތުރުވެރިންނެވެ.
ވަން އެންޑް އޮންލީ ރީތިރަށް (ކ. މެދުފިނޮޅު)އާއި ޕޮޒިޓިވް ކޭސްތައް ފެނުނު ކުރެއްދޫ ރިސޯޓު (ޅ. ކުރެއްދޫ)އާއި ސޭންޑީސް ބަތަލާ (އއ. ބަތަލާ)ގެ އިތުރުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހުން ފެނިފައިވާ ވިލަމެންދޫ މޯލްޑިވްސް (އދ. ވިލަމެންދޫ)، ކުރަމަތި މޯލްޑިވްސް (އއ. ކުރަމަތި)ވެސް މިވަގުތު ވަނީ ލަފާފުރުމަށް ބަންދުކޮށްފައެވެ.