ފާއިތުވި ނޮވެމްބަރު 15ވީ އަންގާރަ ދުވަހު އައްޑު އަތޮޅު ޝަންގްރިއްލާ، ވިލިނގިލި ރިސޯޓު ފަރަށް އެރި ތައިލޭންޑްގެ "އެމަރަލްޑް ރީފާ" ފުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދިން 25 ދުވަހުގެ މުއްދަތު ހަމަވި އިރު ބޯޓު ފުންނުކުރެވުމުން ދުވާލަކު ހަތް ލައްކަ ރުފިޔާގެ ރޭޓުން ބޯޓު ޖޫރިމަނާ ކުރަން ނިންމައިފި އެވެ.

ތައިލޭންޑްގެ އެބޯޓު ފުންކުރުމަށް 25 ދުވަސް ކަނޑައަޅައި ޓްރާންސްޕޯޓުން އިއުލާން ކުރީ ބޯޓު ފަރަށް އެރިތާ ދެ ދުވަސް ފަހުން، ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އަދި އެ ދުވަހުން ފެށިގެން ބޯޓު ފުންކުރުމަށް މިނިސްޓްރީން ކަނޑައެޅި މުއްދަތު ހަމަވާނީ މިއަދުގެ ނިޔަލަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މިއަދު ވިދާޅުވީ ބޯޓު ފަރަށް އަރަން މެދުވެރިވީ ބޯޓުގެ ކެޕްޓަން ބަލަން ޖެހޭ ވަރަށް ނުބަލައި ބޯޓް ދުއްވައިގެން ކަމަށާއި ބޯޓް ފުންކުރުމަށް މިނިސްޓްރީން ކަނޑައެޅި 25 ދުވަހުގެ ތެރޭގައި ބޯޓުގެ ވެރިފަރާތުން ބޯޓު ފުންކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. އަދި އޭގެ އިތުރުން ބޯޓު ފުންނުކުރެވި ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގައި އެވަރުގެ ބޮޑު ބޯޓެއް ފުންކުރުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގައި ނެތުން ހިމެނޭ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި (އެބޯޓު ފުންކުރުމަށް) ބޯޓުގެ ވެރިފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރޭ،" އާދިލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކަނޑުދަތުރުފަތުރު ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން ފަރަށް އަރާ ބޯޓެއް ފުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ފުން ނުކުރެވިއްޖެ ނަމަ އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި އެހެންކަމުން ބޯޓު ފުންނުކުރެވި އިތުރުވާ ކޮންމެ ދުވަހަކަށް ހަތް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

ތައިލޭންޑްގެ އެ އާގު ބޯޓު ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަރަށް އަރާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ބޯޓަކީ ބޭރުން މަސްބަރުކުރަން ރާއްޖެ އައި ބޯޓެކެވެ. ނަމަވެސް ބޯޓު ފަރަށް އެރި އިރު ބޯޓުގައި ހުރީ ހަމައެކަނި ގޮދަނޑިތަކަކާއި ބޯޓަށް ބޭނުންވާ ވަރަށް ބަރުކޮށްފައި ހުރި ތެޔޮ އެކަނި ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމެއްގައި ޓްރާންސްޕޯޓުން ވަނީ ބުނެފަ އެވެ.